ވޮޝިންޓަން (ޑިސެމްބަރު 2) : އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއެއް ބަދަލެއް އަންނަ ވަރުގެ އޮޅުވާލުމެއް ހިނގާފައިވާ ކަމުގެ ހެއްކެތް ފެންނަ ނެތްކަމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާރ ވިދާޅުވުމުން ޓްރަމްޕްގެ ގާނޫނީ ޓީމުން އެކަމަށް ރައްދު ދީފި އެވެ.

ޓްރަމްޕްގެ ގާނޫނީ ޓީމުގައި އިސްކޮށް އުޅުއްވާ ރޫޑީ ޖޫލިޔާނީ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް އަންނަ ވަރުގެ އޮޅުވާލުމެއް ހިނގާފައިނުވާ ކަމަށް އެޓާނީ ޖެނެރަލް ވިލޔަމް ބާރ ވިދާޅުވީ ތަހްގީގެއް ހިންގައިގެން އެކަން ބަލާފައި ނޫންކަމަށާއި ބާރގެ ވާހަކަތަށް ބިނާވެފައި ވަނީ އަސާސެއްގެ މައްޗަށް ނޫންކަމުގަ އެވެ.

ޖޫލިޔާނީ ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުތައް އޮޅުވާލިކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެކަމުގެ ހަގީގަތް ހާމަވަންދެން އެމެރިކާގެ ކޯޓުތަކުގެ ތެރެއިންނާއި، ސްޓޭޓްތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ ތެރެއިން ގާނޫނީ ހަރަކާތްތައް ކުރިޔަށްގެންދާނެ ކަމަށާއި އެކަމުގައި ޓްރަމްޕާއި ޓްރަމްޕްގެ ގާނޫނީ ޓީމު މާޔޫސްނުވާނެ ކަމުގަ އެވެ.

ޓްރަމްޕްގެ ގާނޫނީ ޓީމުގެ ވެރިޔާ ރުޑީ ޖޫލިޔާނީ

ޖޫލިޔާނީ މިހެންވިދާޅުވި އިރު ވޯޓު އޮޅުވާލި ކަމަށް ބުނާމައްސަލާގައި ޓްރަމްޕްގެ ގާނޫނީ ޓީމުން ކޯޓުތަކަށް ހުށަހެޅި އެއްވެސް މައްސަލައެއް ކާމިޔާބުވެފައެއް ނުވެ އެވެ. ގިނަ މައްސަލަތައް ވަނީ ހެކިނެތުމުގެ ސަބަބުން ކޯޓުން ވެސް ބޭރުކޮށްލާފަ އެވެ. އަދި އެމެރިކާގެ ގިނަ ސްޓޭޓްތަކުން މިހާރު ވަނީ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ވެސް އިޢުލާނު ކޮށްފަ އެވެ. ވޯޓު އޮޅުވާލި ކަމަށް ޓްރަމްޕް ޝައްކު ކުރެއްވި ސްޓޭޓްތަކުގެ ވޯޓުތައް އަލުން ގުނުމުން ވެސް ކާމިޔާބު ލިބިފައިވަނީ ބައިޑަން އަށެވެ.

ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ބާރ ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލިކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއްއޮތް ވާހަކައެއްނޫންކަމުގަ އެވެ. އެމެރިކާގެ އިންތިޚާބުގެ ވޯޓުތައް އޮޅުވާލެވޭނީ އަދި ވޯޓުގައި މަކަރު ހެދޭނީ ވޯޓު އޮޅުވާލާގޮތަށް މެޝިންތައް ދުރާލައި ޕްރޮގްރާމްކޮށްގެން ކަމަށާއި އެމެރިކާގެ ދާޚިލީ އަމަނާބެހޭ ވުޒާރާއާއި ޖަސްޓިސް ޑިޕާޓްމަންޓުން އެކަން ބެލި އިރު އެއީ އެއީ ކުރެވޭނެ ކަމެއްނޫންކަން ކަށަވަރުވެފައިވާ ކަމުގަ އެވެ.

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަމުގައި ހުންނެވި ބާރ އަކީ ޓްރަމްޕަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލިކަމަށް ޓްރަމްޕް ވިދާޅުވާ ވާހަކަތައް ބާރ ގަބޫލެއް ނުކުރައްވަ އެވެ. ހަގީގަތް ކޮންމެ ގޮތަކަށް އޮތްނަމަވެސް ޓްރަމްޕް އަދިވެސް ގެންދަވަނީ ބަލި ގަބޫލުކުރައްވަން ދެކޮޅުހައްދަވަމުންނެވެ.

އަނެއްކޮޅުން ޓްރަމްޕް ގެންދަވަނީ 2024ގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ޓްރަމްޕްގެ އަރިސް ފަރާތްތައް ބުނާ ގޮތުން މިކަމާ ބެހޭ ގޮތުން ޓްރަމްޕް ގެންދަވަނީ އޭނާގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ އިސް ފަރާތްތަކުގެ ޚިޔާލު ހޯއްދަވަމުންނެވެ. ޚިޔާލު ހޯއްދެވުމަށް ފަހު އަންނަ ޖަނަވަރީ މަހު ޓްރަމްޕް އެކަން އިއުލާނު ކުރައްވާނެ ކަމަށް އޭނާގެ އަރިސް ފަރާތްތަކުން ބުނެ އެވެ.

އެފަރާތްތައް ބުނާ ގޮތުން ޖަނަވަރީ މަހުގެ 20ގައިބޭއްވުމަށް ހަމަޖެހިފައިވާ ބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޓްރަމްޕް ވަޑައިނުގަންނަވާނެ އެވެ. އޭގެބަދަލުގައި އެރަސްމިއްޔާތު ކުރިޔަށްގެންދާ ވަގުތު އެހެން ރަސްމިއްޔާތެއް ޓްރަމްޕް ބާއްވައި 2024ގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން ޓްރަމްޕް އިއުލާނު ކުރައްވާނެ އެވެ. (އެމެރިކާގެ މީޑިއާ)