މިސަރުކާރުގެ ދީނީ ސިޔާސަތާ ބެހޭ ގޮތުން ގައުމީ ޕާޓީން ނެރެފައިވާ ފޮތުގެ އިނގިރޭސި ތަރުޖަމާއެއް ނެރުމުގެ މަސައްކަތް ގައުމީ ޕާޓީން ފަށައިފި އެވެ.

ގައުމީ ޕާޓީގެ އަމީން އާއްމު އަބްދުﷲ އަމީން މިއަދު ވިދާޅުވީ "ދިވެހިންގެ އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލުމުގައި ރައީސް ނަޝީދުގެ ހީލަތްތެރި ރޭވުން" މިނަމުގައި އެ ޕާޓީން ނެރެފައިވާ ފޮތުގެ އިނގިރޭސި ތަރުޖަމާއެއް މިހަފުތާގެ ތެރޭގައި ނެރޭނެ ކަމަށާއި އެ ފޮތުގެ ތަރުޖަމާއެއް ނެރުމުގެ މަސައްކަތް ފެށީ އެފޮތާ ބެހޭ ގޮތުން މި ސަރުކާރުން ބޭރުގެ މިޝަންތަކަށް ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ދެމުން ގެންދާތީ ކަމަށެވެ.

"ބޭރުގެ މިޝަންތަކަށް ވެސް މިފޮތުގެ ކޮޕީއެއް ފޯރުކޮށްދޭނަން. މީގެ މައިގަނޑު މަގުސަދަކީ ސަރުކާރުން އެކި ގޮތްގޮތަށް މިފޮތުގެ ތަރުޖަމާ ކުރަމުން ގެންދާތީ އަޅުގަނޑުމެންގެ އަމިއްލަ ތަރުޖަމާއެއް ސާއިއުކުރުން،" އަމީން ވިދާޅުވި އެވެ.