ފުލުހުންގެ ގާނޫނަށް ގެންނަ އިސްލާހުތަކަކާ މެދު ހިތްހަމަ ނުޖެހި މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ނަން އިއްވައި މަޖިލިސް ތަޅުން ބޭރުކޮށްފި އެވެ.

ޝަރީފްގެ ނަން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވީ މަޖިލީހުގައި، ޝަރީފް ތަކުރާރުކޮށް އަޑުގަދަކުރައްވައި، ރިޔާސަތުން ވާހަކަދެއްކެވުން ކުރިއަށް ގެންދެވުމަށް ދަތިވުމާ ގުޅިގެންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި އިތުރު އެއްވެސް މަސައްކަތަކާ ހަމައަށް ނުދަނީސް ޝަރީފްގެ ނަން އިއްވަވާފައިވެ އެވެ. އަދި މަޖިލިސް ރައީސް ސާޖެންޓް އެޓް އާމްސްއަށް އެންގެވީ ޝަރީފް ތަޅުމުން ނެރުމަށެވެ. ސޭޖެންޓް އެޓް އާމްސްގެ ދެންނެވުމަށް ވެސް އޭނާ ފުރަތަމަ ތަޅުން ދޫކުރައްވަން ދެކޮޅު ހެއްދެވި އެވެ. އަދި އެއާއެކު ޝަރީފް ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވާފަ އެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އަޑުގަދަ ވެފައިވަނީ ދެ އިއްޒަތްތެރި މެމްބަރެއްގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުމާ ގުޅިގެން ކަމަށެވެ. އަދި އެ ހިޔާލު ތަފާތުވުމަކީ ބަގާވާތާ ގުޅޭގޮތުން އުފެދުނު ހިޔާލުތަފާތުވުމެއް ކަމަށް މަޖިލިސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ދެން ބޭފުޅުންގެ ހިތުގައި އުފެދޭނެ ސުވާލެއް، ކިހިނެއްބާއޭ އެވީ. އަޅުގަނޑަށް މީގެ ތަފްސީލެއް ދަންނަވާކަށް ނެތީން. އެހެންނަމަވެސް ދެ އިއްޒަތްތެރި ދެ މެމްބަރެއްގެ ދެމެދުގައި ހިލާފު އުފެދި، ބަގާވާތާ ގުޅޭގޮތުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދި ޖޯޝު އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެއް މެމްބަރެއްގެ ނަން އިއްވައި ދެވަނަ މެމްބަރެއްގެ ނަން އިއްވަން ބެލިއިރު އެ މެމްބަރު ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެއްފަހަރާ ދެ މެމްބަރުންގެ ނަން ނުއިއްވޭ. މިތަނުގައި އޮންނަ ގޮތަކީ އިއްވަމުން އިއްވަމުން ދިޔުން. އެއް އިއްޒަތްތެރި މެމްބަރެއްގެ ނަން އިއްވައި ހިނދުކޮޅެއް ވީއިރުގައި ދެވަނަ އިއްޒަތްތެރި މެމްބަރެއް ފެންނާކަށް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.