މެންޗެސްޓާ ޔުނައިޓަޑްގެ ފޯވާޑް އެޑިންސަން ކަވާނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓު އިނގިރޭސިވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ތަހުގީގު ކުރުމަށް ނިންމި ނިންމުމަށް ތާއީދު ކުރާ ކަމަށް އެ ޓީމުގެ ކޯޗު އޫލޭ ގުނާ ސޯލްޝޭ ބުނެފި އެވެ.

އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސޯލްޝޭ ބުނީ ކަވާނީ އެ ޕޯސްޓް އިންސްޓަގްރާމްގައި ޝާއިރުކުރި ސަބަބު އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނަށް ބަޔާންކޮށްދޭން އެ އެސޯސިއޭޝަނުން އެދުން އެއީ މުހިންމު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އެކަން ހިނގާދިޔަގޮތް އެންމެނަށްވެސް އެނގިގެން ދާނެ ކަމަށާއި، އެކަމުގެ ސަބަބުން އެ ކްލަބް އޮތީ ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ކުރާ މަސައްކަތާ އެއްކޮޅަށް ކަންވެސް އަންގުވައިއިދޭނެ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ސައުތޭމްޕްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓަޑަށް ދެ ލަނޑު ކާމިޔާބު ކޮށްދީ މެޗު ނިންމާލުމަށްފަހު، ކަވާނީއަށް މަރުހަބާކީ ރަހުމަތްތެރިއަކަށް ޖަވާބުދާރީ ވަމުން އޭނާ ވަނީ "ގްރަސިއަސް ނެގްރީޓޯ" އޭ ބުނެ އިންސްޓަގްރާމްގައި ޕޯސްޓެއް ޝާއިރު ކޮށްފަ އެވެ. ކަވާނީ އުފަން އެކުއެޑޯގައި މި ލަފުޒުން ނޭދެވޭ މާނައެއް ދޭހަ ނުވި ނަމަވެސް، ދުނިޔޭގެ އެހެން ހިސާބުތަކުގައި އެއީ ބަދުބަހެއްގެ ގޮތުގައި ބޭނުންކުރާ ލަފުޒެކެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޔުނައިޓަޑްގެ ކޯޗް ބުނީ އެކަމާ ބެހޭގޮތުން ކަވާނީއާ މަޝްވަރާ ކޮށްފައި ވާކަމަށާއި، އޭނާއަށް ކުރެވުނު ކުށަށް އޭނާ މައާފަށް އެދިފައި ވާކަމަށެވެ. އަދި އޭނާ އެ ޕޯސްޓް ޝާއިރު ކޮށްފައި ވަނީ އެއްވެސް ފަރާތަކަށް ބަދުބަހެއް ބުނުމުގެ ނިޔަތުގައި ނޫން ކަމަށާއި، އެއީ އޭނާއާ ގާތް ފަރާތަކަށް ޖަވާބުދެމުން ރަހުމަތްތެރިކަމުގެ ގޮތުން ބުނި ބަހެއް ކަމަށް ކަވާނީއާ ހަވާލާދީ ސޯލްޝޭ ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގުގެ ގަވައިދުތައް ބުނާގޮތުން ނަސްލީ ތަފާތުކުރުން ފަދަ އަމަލެއް ހިންގައިފި ކުޅުންތެރިއަކު ހަ މެޗަށް ސަސްޕެންޑު ކުރެވޭނެ އެވެ. ނަމަވެސް ޔުނައިޓަޑްގެ ކޯޗް ބުނީ ދެން އެންމެ އަވަހަށް ޗެންޕިއަންސް ލީގުގައި ޔުނައިޓަޑު ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރަށް ކަވާނީ ސަސްޕެންޝަންގައި ހުރުން އެއީ މައްސަލައަކަށް ނުވާނެ ކަމަށާއި، މުޅި ސްކޮޑު އެއްކޮށް އޮތީ ފިޓުކޮށް ކަމަށެވެ.