އަންނަ ހުކުރު ދުވަހު ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާ ދެކޮޅަށް ނިއުކާސްލް ޔުނައިޓަޑް ކުޅެން ހަމަޖެހިފައިވާ މެޗު ފަސްކޮށްފި އެވެ.

ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓަޑް ކުޅެން ހަމަޖެހިފައިވާ މެޗު ފަސްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެ ޓީމުގެ ތިން ކުޅުންތެރިންނާއި މުއައްޒަފަކު ކޮވިޑް-19 އަށް ޕޮސިޓިވްވެ، އެ ބަލީގެ ނުރައްކާ ކްލަބަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެކަމާ ގުޅިގެން އެ ކްލަބުގެ ގިނަ ކުޅުންތެރިންތަކަކާއި މުއައްޒަފުންތަކެއް ވަނީ އެކަހެރި ކޮށްފަ އެވެ.

ޕްރިމިއާ ލީގުގެ ރަސްމީ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ބަޔާނެއްގައި އެ ލީގުން ބުނެފައި ވަނީ ޕްރިމިއާ ލީގު ބޯޑުގެ ބައްދަލުވުމަކަށް ފަހު 4 ޑިސެންބަރުވާ ހުކުރު ދުވަހުގެ ރޭގަނޑު 8:00ގައި އެސްޓަން ވިލާ އާއި ދެކޮޅަށް ނިއުކާސްލް ޔުނައިޓަޑް ކުޅެން ހަމަޖެހިފައިވާ މެޗު ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުގައި އެ މެޗު ލަސްކުރަން ބޯޑުން ނިންމާފައި ވަނީ ނިއުކާސްލް ޔުނައިޓަޑުން އެކަމަށް އެދިފައި ވާތީއެވެ. އެ ކްލަބުން އެގޮތަށް އެދިފައި ވަނީ ކޮވިޑް-19 ގެ ކޭސްތައް ކްލަބްތެރޭގައި އިތުރު ވުމުގެ ސަބަބުން، ޕަބްލިކް ހެލްތު އިންގްލެންޑުން ނިއުކާސްލްގެ ތަމްރީނު ދަނޑުތައް ބަންދުކުރަން އިރުޝާދުދީފައި ވާތީ އެވެ. އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އެ ނިންމުން ނިންމާފައި ވަނީ ނިއުކާސްލް ޔުނައިޓަޑާއި އެސްޓަން ވިލާގެ އިތުރުން، ޕަބްލިކް ހެލްތު އިންގްލެންޑާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އެކަމާ ގުޅިގެން ނިއުކާސްލް ޔުނައިޓަޑްގެ ސައިޓުގައި އެ ކްލަބުން ޝާއިރު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި އެ ކްލަބުގެ ގިނަ އަދަދެއްގެ ކުޅުންތެރިންނާއި މުއައްޒަފުން ކޮވިޑް-19 އަށް ފައްސި ވުމުގެ ސަބަބުން ގޭގައި އެކަހެރިވެފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އެ ކްލަބުގެ ތަމްރީނު ދަނޑުތައް ވެސް ވަގުތީ ގޮތުން ބަންދުކޮށްފައި ވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އެސްޓަން ވިލާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ މެޗު ލަސްކުރަން ޕްރިމިއާ ލީގުން ނިންމި ނިންމުމަށް ތާއީދު ކުރާ ކަމަށެވެ. އަދި އެ ނިންމުން ނިންމުމުގައި ދެފުއް ފެންނަ ގޮތަށް މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް ޓަކައި ނިއުކާސްލް އަށާއި ޕްރިމިއަރ ލީގަށް ޝުކުރު ދަންނަވާ ކަމަށާއި އެ ކްލަބުގެ ކުޅުންތެރިންނަށާއި މުއައްޒަފުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.