ސާކްގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާދެއްވާފައިވާކަން ފޮރިން މިނިސްޓްރީން ސާކްގެ ގައުމުތަކަށް ރަސްމީކޮށް މިއަދު އަންގައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިޔާނާ ސައީދު ސާކްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ފޮރިން މިނިސްޓަރު އަހުމަދު ނަސީމު މިއަދު ސާކްގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް އަންގަވާފައިވާ ކަމަށެވެ.

ސާކްގެ ކައުންސިލްގެ ޗެއާމަންގެ ހައިސިއްޔަތުން ސާކްގެ ފޮރިން މިނިސްޓަރުންނަށް ފޮނުއްވި ސިޓީފުޅުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނަވައިގެން ދިޔާނާ ސައީދު ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށް ޓަކައި އެކަމަނާއަށް ޝުކުރު އަދާކުރައްވާ ކަމަށާއި މުސްތަގުބަލުގައި ވެސް އެކަމަނާ ކުރައްވާ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

ދިޔާނާ ސައީދު ސާކްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ހަމަޖެއްސުމަށް ސާކަށް ހުށައެޅީ ރާއްޖެއިންނެވެ. އެކަމަނާއަކީ ސާކްގެ ސެކްރެޓަރީކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުން ދިޔާނާ އިސްތިއުފާ ދެއްވީ ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގާ ސަރުކާރަށް ފާޑުވިދާޅުވުމަށް ފަހުގަ އެވެ.