01 Dec 2020, 22:08
ޗައިނާ އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ މިދިޔަ ހޯމަ ދުވަހު މެންދުރުފަހު އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި ކޮވިޑް19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދުވަނީ ޗައިނާއަކީ ރާއްޖޭގެ މުހިއްމު އެކުވެރިއެއްކަމަށާއި، މިހާރު ދިމާވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ޗައިނާއެކު ވަރަށް ގާތުން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ފޮރިން މިނިސްޓަރު އިންޑިއާ ސަފީރާ ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާ މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވީ މިއަދު މެންދުރުފަހު އެވެ.
އެ ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ކުދި އަދި ބޮޑެތި ތަރައްގީގރ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، މަޝްރޫއުތަކުގެ ހިނގުން އަވަސްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.