01 Dec 2020, 20:14
"ހިޔާ" މަޝްރޫއުގެ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަH7 ކެޓަގަރީގެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓްއާންމުކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކުރަމުންނެވެ.
އެ ކޮމިޓީން މިއަދު ވަނީ H7 ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ވަގުތީ ދެ ލިސްޓެއް އާންމު ކުރިއިރު، ޝަރުތުހަމަނުވާ ފަރާތްތަކުގެ ލިސްޓު ވެސް ވަނީ އާންމުކޮށްފައެވެ.
އެ ލިސްޓުތަކުގައި ފްލެޓަށް ހުށަހެޅި މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދު އަދި ކުރިން ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ވެސް ވަނީ ހިމަނައިފަ އެވެ. އެ ކެޓަގަރީއަށް 7808 މީހަކު ޝަރުތު ހަމަވެއެވެ.
އަދި ޝަރުތު ހަމަވާ މީހުންނާއި އެ ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ނުގެންދެވުނު ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަނުވާ ފަރާތްތަކުގެ ލިސްޓެއް ވެސް ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބު ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން 1248 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ލިސްޓުގައިވެއެވެ.
H7 ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާނީ ފޯމު ހުށަހަޅާ ތާރީހާ ހަމައަށް މީލާދީގޮތުން 18 އަހަރު ފުރި، 30 އެޕްރީލް 2018 އަށް މީލާދީގޮތުން 41 އަހަރު ފުރިފައިނުވާ، ކައިވެނިކޮށްގެން އުޅޭ ދިވެހީންނަށެވެ.
އަދި ފޯމުގައި ހިމެނޭ ޖުމްލަ އާމްދަނީއަށް މަހަކު 7000 ރުފިޔާ ލިބުމުގެ އިތުރުން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފްލެޓަށް އެދޭމީހާ ނުވަތަ ފްލެޓަށް އެދޭ މީހާގެ އަނބި / ފިރިމީހާ ވަޒީފާ އަދާކުރުން ނުވަތަ، ފްލެޓަށް އެދޭ މީހާގެ އަނބި / ފިރިމީހާ ނުވަތަ/އަދި ދަރިން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި ފްލެޓަށް އެދޭ މީހާ ކ. އަތޮޅު އެއްވެސް ރަށެއް/ރިސޯޓެއްގައި ވަޒީފާ އަދާކުރާ ފަރާތަކަށް ވާންޖެހޭނެއެވެ.
އަދި މާލެއިން 600 އަކަފޫޓު ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް/ފްލެޓެއް/ރޯހައުސެއް ލިބިފައިވާ ފަރާތެއްކަމުގައި ވެގެން ނުވާނެއެވެ.
އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ 15:00 އަށް ވަނީ ހުޅުވާލައިފައެވެ.
ލިސްޓަށް ޝަކުވާ ހުށަހަޅާނީ https://hcp.presidency.gov.mv/ މެދުވެރިކޮށެވެ.
ކޮމެޓީން ބުނީ "ހިޔާ" މަޝްރޫއުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކުރާނެ ކަމަށެވެ.
އަދި "ހިޔާ" މަޝްރޫއުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިއުލާންކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.