23 Jan 2012, 16:50
ސަންޢާ (ޖަނަވަރީ 23) : ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ޤައުމު ދޫކުރައްވައި އެމެރިކާއަށް ވަޑައިގަތުމަށްޓަކައި އަވަށްޓެރި ޢުމާނަށް މިއަދު ފުރާވަޑައިގެންފިއެވެ.
ޔަމަނުން ފުރާވަޑައިގަތުމުގެ ކުރިން ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްވި ޚިތާބެއްގައި ސާލިޙް ވިދާޅުވީ އޭނާގެ ވެރިކަމުގައި ނުރަނގަނޅު ކަމެއްކުރެވިފައިވާނަމަ އެކަމެއް ކުރެވިފައިވާނީ ގަސްދުގައި ނޫން ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސާލިޙްގެ 33 އަހަރުވީ ވެރިކަން ވައްޓާލުމަށްޓަކައި މީގެ އަހަރެއްހާ ދުވަސްކުރިން ފެށިގެން ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތަކާގުޅިގެން ޔަމަންވަނީ ހަމަނުޖެހުމާއި ގަޑުބަޑުތަކެއްގެ ތެރެއަށް ވެއްޓިފައެވެ. މިއިޙްތިޖާޖްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރެއްވުމުގެ ސަބަބުން އެތަށް ސަތޭކަބަޔަކު މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެފައި ވެއެވެ.
ޔަމަންގެ އިދިކޮޅު ފަރާތްތަކުން، ސާލިޙަކީ ކުށްވެރިއެއްކަމަށް ސިފަކޮށް އޭނާ ޢަދާލަތަށް ޙާޒިރުކުރަންޖެހޭނެ ކަމަށް ބުނެ މުޒާހަރާ ކުރަމުން ގެންދަނިކޮށް ސާލިޙްގެ ކޮންޓްރޯލްގެ ދަށުގައިވާ ޔަމަންގެ ޕާލަމެންޓުން މިދިޔަ ހަފްތާގައިވަނީ އޭނާ ކުރައްވާފައިވާ ކުށްތަކަށް އަދަބު ނުދެވޭގޮތަށް އޭނާއަށް ޙިމާޔަތްދޭ ޤާނޫނެއް ފާސްކޮށްފަ އެވެ.
ޚަބަރުތައް ބުނާގޮތުން ރައީސް ސާލިޙް އެމެރިކާއަށް ވަޑައިގަންނަވަނީ ސިއްޙީ ފަރުވާއަކަށެވެ. އެމެރިކާއިން ސާލިޙަށް ވިސާ ދީފައިވަނި ޝަރުތުތަކެއްގެ މަތިން ކަމަށް ޚަބަރުލިބެ އެވެ. ސާލިޙްގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން އުތުރި އަރަމުންދާ މައްސަލަ ޙައްލުކުރުމަށްޓަކައި އޭނާއާއި އިދިކޮޅު ފަރާތްތަކުން ސޮއިކޮށްފައިވާ އެގްރިމެންޓްގައިވަނީ ތިން މަސްދުވަހުގެ ތެރޭގައި ޔަމަނުގެ ވެރިކަމުން ސާލިހް ދުރުވެ ވަޑައިގަތުމަށެވެ.
އެހެންކަމުން ސާލިޙް ވެރިކަމުން ދުރުވެވަޑައިގަތުމަށް ދެންއޮތީ މަހެއްހާ ދުވަސްކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ވެރިކަން ބަދަލުކުރުމުގެ މި އެއްބަސްވުން ވުޖޫދަށް އައުމާއެކު އޭގައިވާ ގޮތުގެ މަތިން، ސާލިހްވަނީ ވެރިކަމުގެ ގިނަ ބާރުތައް ނައިބު ރައީސް މަންސޫރު ހާދީއާ ޙަވާލުކުރައްވާފަ އެވެ. އެހެންކަމުން ސާލިޙް ދެން އެނބުރި ޤައުމަށް ވަޑައި ނުގަތުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ސާލިޙްގެ އަރިހުގައި އޭނާގެ ޢައިލާ ވެސް ގެންދެވިކަމަށް ޚަބަރުލިބެއެވެ. -- އަލްޖަޒީރާ