24 Dec 2020, 13:58
މީޑިއާތައް ބައިވެރިކޮށްގެން ފުލުހުން މިފަހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ޑްރަގު ކެފޭއެއްގެ ގޮތުގައި ހިންގާ މ. ސައްމާމުއާގޭގެ ކޮޓަރިއެއްގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބުނެވެ. އަހަރުމެން އެތަނަށް ވަތްއިރު އެ ކޮޓަރީގައި މުޅީންހެން އޮތީ މަސްތުގެ ދުމާއި ވަހެވެ. އެ ދުންތަކުގެ ތެރޭން އަހަންނަށް ފެނުނީ ކޮޓަރި ތެރޭ ހުރި މޭޒެއް ވަށައި ގޮޑިޖަހާލައިގެން ބިތްޖެހިފައި ތިބި ޒުވާނުންތަކެވެ. އަނެއް ބަޔަކު ތިބީ ލައިޓަރު ރޯކޮށް ދުންއަރުވާލަ އަރުވާލާ މަސްތުވުމުގެ ތެރޭގަ އެވެ. ޖުމްލަ ހަ މީހުން ތިބި އެ ކޮޓަރީގައި ތިބި ބައެއް މީހުންނަށް ބަޔަކު އެތަނަށް ވަތްކަން ރެއަކާލީ ވެސް ފުލުހުން ވާހަކަ ދައްކަން ފެށުމުންނެވެ. އޭގެ ކުރިން އެމީހުން މަސްތީ ދުނިޔޭގައި ތިބީ ދެލޯ މެރި މެރި އެވެ. އެ ގެއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން މަސްތުވުމަށް ވަންނަ ހާއްޔެކެވެ.
މިއީ މަސްތުވާތަކެތީ ހިދުމަތްދޭ އެންމެ ގެއެއްގެ ވާހަކަ އެވެ. މިފަދަ އެތައް ގެއެއް މާލޭގައި އެބަހުއްޓެވެ. މަސްތުވާތަކެތި ގަނެގެން އެ ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ގެތަކުގައި ކެފޭ އުސޫލުން ހިންގަމުން އަންނަނީ އެއްވެސް ސިއްރު ކަމެއް ނެތި ހާމަ އަށެވެ. އެއީ ހަމަ ގައިމުވެސް މީހުން ދިރިއުޅެން ހަދާފައި ހުރި ތަންތަން ނޫންކަން އެތަންތަނަށް ބަލާލުމުން އެނގެ އެވެ. ބައެއް ތަންތަނުގައި އެ ހިދުމަތް ދެމުން އަންނަނީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާއެކު އެވެ. ދަނގަޑު ދޮރުތަކާއި ސީސީޓީވީ ކެމެރާވެސް ހުރެ އެވެ. ބައެއްތަން ހުންނަނީ އޭސީވެސްކޮށް ފެންވަރު ރަނގަޅުކޮށް ހަދާފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެފަދަ 20 އަކަށް ގެ މާލޭގައި އެބަ ހުއްޓެވެ. ދުވާލެއްގެ މައްޗަށް 50-100ގެ އަދަދުން މީހުން އެތަންތަނުން ހިދުމަތް ހޯދަ އެވެ. އެތަންތަން އޮޕަރޭޓް ކުރާ މީހުން ދުވާލެއްގެ މައްޗަށް 5،000-10،000 ރުފިޔާގެ އަދަދުން ފައިދާ ހޯދަ އެވެ. މިއީ ފައްކާވެ ބޮޑުވެފައިވާ ވިޔަފާރި އެކެވެ.
އެކަމަކު، މި ތަންތަނުގައި ތަޅުއަޅުވައި ބަންދު ކުރާނެ ގާނޫނީ މަގެއް ނެތެވެ. ފުލުހުން ރެއިޑު ޖަހާތާ އަނެއް ދުވަހު އާ ދަގަނޑު ދޮރުތައް ޖަހައި އަލުން ބަލުން ހިދުމަތް ދޭން ފަށަނީ އެވެ. މިއީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓަށް ދިމާފެފައިވާ ބޮޑު ގޮންޖެހުމެކެވެ.
ފުލުުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ އަހުމަދު ޝާކިރު ވިދާޅުވި ގޮތުގައި އެތަންތަން ބަންދުކުރުމަށް ފުލުހުން މީގެ ކުރިން އެތައް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެހެން ނަމަވެސް އަދިވެސް އަލި މަގެއް ނުފެނެ އެވެ. ބައެއް ގޭގެ ވެރިންނަށް ނޯޓިސް ފޮނުވައިގެން، އެތަންތަނުގެ ވެރިން އަމިއްލައަށް ބަންދު ކުރި ނަމަވެސް ގިނަ ގެތަކުގައި އަދިވެސް މި ކަންކަން ދަނީ ހިނގަމުންނެވެ.
"އެތަންތަން ބަންދުކުރުމަށް ގާނޫނީ ގޮތުން އޮތް ހައްލަކީ ކޮބާތޯ ބަލަން ޕީޖީ އޮފީހުން ދިރާސާތަކެއް ކުރެއްވި. އެ ބޭފުޅުންގެ ދިރާސާގައި މިވަގުތަށް އަދި ގާނޫނީ ހައްލެއް ނެތް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދީފައި ވަނީ،" ޝާކިރު ވިދާޅުވި އެވެ.

ޑީއީޑީގެ ވެރިޔާ ޝާކިރު ސަން އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ އިބްރާޙިމް އިފާޒް
އޭނާ ވިދާޅުވީ، އެތަންތަނުގައި މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމަށްޓަކައި ކްރިމިނަލް ކޯޓުގައިވެސް ފުލުހުންގެ ފަރާތުން ކޯޓު އަމުރެއް ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން އެފަދަ ގެތަކަށް އެ ގޭގައި ދިރިއުޅޭ މީހުން ފިޔަވާ އިތުރު ބަޔަކު ނުވަދެވޭނެ ގޮތަށް އަމުރެއް ހޯދުމަށް ފުލުހުންގެ ފަރާތުން އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ އެގެތަކަށް މި ވަންނަނީ އެ ގޭގައި ދިރިއުޅޭ ފަރާތްތައް ނޫންކަން، މަސްތުވާތަކެއްޗަށް ދެވިހިފައިވާ ބައެއްކަން މި ވަންނަނީ،. އެހެން ނަމަވެސް ކޯޓުން ދިރާސާކޮށްފައި ކަމަށް އަޅުގަނޑުމެންނަށް މި ބަލަނީ، ލިޔުން ދެއްވާފައި އެބަ އޮތް މިވަގުތަށް އެފަދަ [ގޭގައި ދިރިނޫޅޭ މީހުން ނުވަދެވޭ ގޮތަށް] އަމުރެއް ނެރެދެވެން ނެތް ކަމަށް،" ޝާކިރު ވިދާޅުވި އެވެ.
ތަޅުއެޅުވުމަށް އޮތް ހުރަސްތައް!
މިފަދައިން މާލޭގައި ހުންނަ ބައެއް ގެތަކަކީ، މަސްތުވާތަކެތީގެ ނެޓްވޯކްތަކުން ކުއްޔަށް ނަގައިގެން އުޅޭ ގެތަކެވެ. ބައެއް ގެތަކުގެ ވެރިންނަށްވެސް އެ ކުރަނީ ކޮން ކަމެއްކަން އެނގެ އެވެ. ބައެއް ގެތައް ބޭނުން ކުރަނީ އެ ގޭގައި އުޅޭ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެކެވެ. އެ ގެތަކަކީ ބައިބަޔަށް ބަހާފައި ހުންނަ ގެތަކެއް ކަމުން އެތަންތަން ބަންދު ކުރުމަށް ފުލުހުންނަށް ގާނޫނީ ހުރަސްތަކެއް އެބަހުއްޓެވެ.
"މިސާލަކަށް އެ ގެއެއް ބެހިފައި އެބަހުރި 16 ބަޔަކަށް. އެއްބާރުލުންދޭ ފަރަތްތަކަށް ނޯޓިސް ފޮނުވައިގެން އެތަންތަން ބަންދު އެބަ ކުރަން،" ޝާކިރު ވިދާޅުވި އެވެ.
ދައުލަތައް އެ ގެތަށް ނަގާނަމަވެސް، އެ ގޭގެ އެހެން ވެރިންގެ ހައްގު ގެއްލުމަކީ އެންމެ ބޮޑު މައްސަލަ އެވެ. އާންމު ގޮތެއްގައި އެފަދަ ގެތަކުގެ ބައެއް ވެރިންނަކީ، އެ ގޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހެއްގެ ސަބަބުން އެ ގޭގައި ނޫޅެވިގެން އެ ގެއިން ނުކުމެގެން އެހެން ގެތަކުގައި ދިރިއުޅޭ މީހުންނެވެ.
ޝާކިރު ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތަކީ އެތަންތަނުގެ އިހުމާލުވާ ވެރިންނާ ދެކޮޅަށް ދައުވާ ކުރުން ކަމަށެވެ. އެގޮތުން މިހާތަނަށް ތިން ގެއެއްގެ ވެރިންނާ ދެކޮޅަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސަން ޝަމީމް ވިދާޅުވި ގޮތުގައި އެފަދަ ވިޔަފާރިތައް ފުޅާވެފައި މި ވަނީ މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ބޮޑުކަމުންނެެވެ. ގެއެއް ދައުލަތަށް ނެގުމުގެ ބަދަލުގައި މުޅި މައްސަލަށް އަންނަ ޖެހޭނީ ޖުމްލަ ހައްލެއް ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ.
"އެއް ގެ ނަގާ ތަނުން އަނެއްގެ އޮޕަރޭޓް ކުރަން ފަށާނެ. ރޫޓް ކޯސްއަށް ފައިޓް ކުރަން ވާނީ... ޕެޗް ކުރިއަސް ހައްލެއް ނުވާނެ. ހުރިހާ މުއައްސަސާތަައް އެއްކޮށް ހޯލިސްޓިކްކޮށް މަސައްކަތްކޮށްގެން ހައްލެއް ހޯދަން ވާނީ،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ހުސައިން ޝަމީމް: އޭނާ ވިދާޅުވީ ގެތައް ދައުލަތައް ނެގި ނަމަވެސް މުޅި މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ގާނޫނުގައި ހުރި ކަންކަން ތަންފީޒުވާން ޖެހޭ، އިސްލާހުވެސް ގެންނަ ޖެހޭ!
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ވުޖޫދުވިތާ މިހާރު 10 އަހަރުވެއްޖެ އެވެ. އެހެން ނަމަވެސް އެ ގާނޫނުގައި ހުރި ބައެއް ކަން އަދިވެސް ތަންފީޒު ނުވެ އެވެ.
އެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ގޮތުން، ގާނޫނަށް އަމަލު ކުރަން ފަށާތާ 18 މަސްދުވަސްތެރޭ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގާއިމް ކުރަން ޖެހެއެވެ. އެ ސެންޓަރުގެ ބޭނުމަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުުކުރެވޭ މީހުން، ބަންދުގެ މުއްދަތުގައި އެތާނގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދިނުމެވެ.

މަސްތުގެ ހިދުމަތް ދެމުން އަންނަ ކެފޭއެއްގައި ދިވެއްސަކުން ނިދިފައި: އެތަނުން ހިދުމަތް ހޯދާ ގިނަ މީހުންނަކީ އެންޑީއޭގެ ފަރުވާ ހޯދަމުންދާ މީހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެއީ، ގާއިމްކުރަން ކޮންމެހެންވެސް މުހިންމު މަރުކަޒަކަށްވީއިރު، މިއަދާ ހަމައަށްވެސް އެ މަރުކަޒު ގާއިމްވެފައި ނެތުމަކީ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުން މަގުމަތިވެފައިވާ އެއް ސަބަބެވެ. އަދި އެންޑީއޭގެ ފަރުވާ ހޯދުމަށް މާލެ އަންނަ މީހުންވެސް މަގުމަތީގައި ގިނަވެ، ކެފޭތަކަށް ދެވޭ ކަމެކެވެ. އެކަމަށް ޝާކިރުގެ ވާހަކަތަކުންވެސް ބާރު ލިބެ އެވެ.
"އެމީހުން މަގުމަތިން އެކަހެރި ކުރުމަށް މިވަގުތަށް އޮތް އެންމެ މުހިންމު ކަމަކީ ޑްރަގް އޮފެންޑާ ރިމާންްޑް ސެންޓަރުގައި އެކަށީގެންވާ ގޮތުގައި ޑިޓޮކްސިފައި ކުރެވި، އެމީހުން ދެން ފަރުވާގެ ނިޒާމްގެ ތެރެއަށް ގެންދެވޭނެ ގޮތް އިންތިޒާމްވުން،" ޝާކިރު ވިދާޅުވި އެވެ.
ޝާކިރު ދެކެވަޑައިގަންނަވާ ގޮތުގައި، މުޅި ނިޒާމުގެ ތެރެއިންވެސް މައްސަލަތައް ލަސްވާ ލަސްވުމަށްވެސް ހައްލެއް އަންނަ ޖެހެ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރާ މީހަކު ރިމާންޑް ސެންޓަރުގައި ހުންނައިރު، ތަހުގީގު ކުރުމާއި ހަދަން ޖެހޭ އެސެސްމެންޓާއި ޑްރަގު ކޯޓުން އަންނަ ހުކުމްވެސް އަވަހަށް ނިންމަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިޔަފާރި ކުރާ ގެތަކާ މެދު ގާނޫނުން އެޅޭނެ ފިޔަަވަޅުތައް ނެތުމަކީވެސް ދިމާވާ މައްސަލައެކެވެ. އެހެން ކަމުން ގާނޫނުގައި ސާފުކޮށް އެފަދަ ފިޔަވަޅުތައް ބަޔާން ކުރަން ޖެހޭ ކަމަށް ޝާކިރުވެސް އެއްބަސްވެވަޑައިގެންނެވި އެވެ.
"މަސްތުވާތަކެތި ވިޔަފާރި ކުރުމަށް ގެއެއް ނުވަތަ ތަނެއް ބޭނުން ކުރާނަމަ، އެޅޭނެ ފިޔަވަޅެއް އޮންނަން ޖެހޭ އެ މީހަކާ ދޭތެރޭވެސް އަދި އެ ތަނަކާ ދޭތެރޭވެސް. އެތަންނަށް ބަލާލުމުން އެނގޭ އެއީ މީހުން ދިރިއުޅޭ ގޮތަށް ހެދިފައި ހުރި ތަންތަން ނޫން ކަން. އެހެންވީމަ އެފަދަ ތަންނާމެދު ވަގުތުން ވަގުތަށް ހައްލު ކުރެވޭނެ [ފިޔަވަޅު އެޅޭނެ] އުސޫލުތަކެއް، ހަމަތަކެއް ހުންނަވާނެ،" ޝާކިރު ވިދާޅުވި އެވެ.

ޑީއީޑީގެ ވެރިޔާ ޝާކިރު ސަން އަށް އިންޓަވިރު ދެނީ --- ސަން ފޮޓޯ/ އިބްރާޙިމް އިފާޒް
އޭނާ ވިދާޅުވީ، އެފަދަތަން ހުއްޓުވޭނެ ގޮތަށް އުސޫލުތައް ބަދަލު ނުކުރެވޭނަމަ، މުސްތަގުބަލުގައި އެފަދަ ތަންތަން ގިނަވެ، މުޅި ރާއްޖޭގައި އެފަދަ މޮޑެލްތަކަށް ކެފޭ ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ސަރުކާރު ލެޖިސްލޭޓިވް އެޖެންޑާގައި އިސްލާހު ކުރަން ހިމަނާފައިވާ ގާނޫނުތަކުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުވެސް ހިމެނެ އެވެ. ޝާކިރު ވިދާޅުވީ، އެ ގާނޫނަށް ފުލުހުންގެ ފަރާތުން ގެންނަން ބޭނުންވާ އިސްލާހުތައް މިހާރު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އެ އިސްލާހުތަކުގެ ތެރޭގައި ކެފޭ އުސޫލުން މަސްތުގެ ހިދުމަތް ދެމުން އަންނަ ގެތައް ބަންދުކުރެވޭނެ މާއްދާތައްވެސް ހިމަނާފައި ހުންނާނެ ކަމަށް ޝާކިރު ވިދާޅުވި އެވެ.
ކޮންމެކަަސް މި މުޅި މައްސަލައަށް އަވަސް ގާނޫނީ ހައްލެއް އެބަ ބޭނުންވެ އެވެ. ހުރިހާ މުއައްސަސާއެއް އެކުގައި މަސައްކަތްކޮށް، މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ޖީލެއް ނެތި ދިޔުމުގެ ބިރު އެބަ އޮތެވެ.