23 Jan 2012, 16:47
"ދިވެހިންގެ އިސްލާމީ އަގީދާ ފުޑުފުޑުކޮށްލުމުގައި ރައީޝް ނަޝީދުގެ ހީލަތްތެރި ރޭވުން" މިނަމުގައި ގައުމީ ޕާޓީން ނެރެފައިވާ ފޮތެއްގައި ފޮރިން މިނިސްޓަރު އަހުމަދު ނަސީމް (ކެރެފާ ނަސީމް) އާ ބެހޭ ގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ހާރިޒީ ވަޒީރު ފުލުހުންނަށް އެ މައްސަލަ ހުށަހަޅުއްވައިފި އެވެ.
ހާރިޒީ ވަޒީރު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހަށް އެޑްރެސްކުރައްވައި އިއްޔެ ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ އެ ފޮތުގެ 17 ވަނަ ސަފްހާގައި "ނިކަމެތި ފަލަސްތީނުގެ ރައްޔިތުންނަށް ވާގިވެރިވުމުގެ ބަދަލުގައި ޔަހޫދީންނަށް އެހީތެރިވުން" މިސުރުހީގެ ދަށުން އެފޮތުގެ 19 ވަނަ ސަފްހާގައި މިސަރުކާރުގެ ހާރިޒީ ވަޒީރަކީ އިޒްރޭލަކީ މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖޭގެ ފަރާތުން އދ.ގައި ވޯޓް ދެއްވި ބޭފުޅެއް ކަމަށާއި އޭނާ އަމަލް ކުރެއްވީ އޭރުގެ ސަރުކާރުގެ އެނގެވުމާ އަދި ވިސްނުމާ ވެސް ހިލާފަށް ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެފޮތުގައިވާ އެ ލިޔުމަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި އޭނާ އދ. ގައި އިޒްރޭލަކީ މިނިވަން ގައުމެއްގެ ގޮތުގައި ވޯޓް ދެއްވާފައި ނުވާނެ ކަމަށް ނަސީމް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ލިޔުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އަޅުގަނޑާ މެދު ނަފްރަތް އުފެދިފައިވާކަން ފާހަގަކުރަން. އަދި އަޅުގަނޑު ގަބޫލްކުރަނީ އަޅުގަނޑަކީ ނިކަމެތި ފަލަސްތީނުގެ މީހުންނަށް ވާގިވެރި ނުވާ މީހެއް ކަމަށް ބުނެފައި އޮތުމުން އެކަމަކީ، ދިވެހިންގެ މެދުގައި އަޅުގަނޑާމެދު އަދި އަޅުގަނޑު މިހުރި މަގާމުގެ ސަބަބުން ދިވެހި ދައުލަތާ މެދު ފިތުނަވެރިކަން އުފެއްދުމަށް ލިޔެ ސާއިކޮށްފައިވާ ވާހަކަތަކެއް ކަމަށް،" ނަސީމް ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާ އަށް ހާރިޒީ ވަޒީރު ފޮނުއްވާފައިވާ އެ ސިޓީގައި އެ ފޮތުގައި ހަގީގަތާ ހިލާފަށް ދޮގު ވާހަކަތަކެއް ލިޔެފައިވާ ބަޔަކާ މެދު ފިޔަވަޅު އަޅައި ދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
ގައުމީ ޕާޓީގެ އަމީން އާއްމު އަބްދުﷲ އަމީން މިއަދު ވިދާޅުވީ އެފޮތާ ބެހޭ މައްސަލައެއް ފުލުހުންގެ އިދާރާ އަށް ހާރިޒީ ވަޒީރު ހުށަހުއްވާފައިވާކަން އަދި އެނގިވަޑައިގެންފައިނުވާ ކަމަށާއި ނަމަވެސް އެފޮތާ ބެހޭ ގޮތުން ކަމާ ބެހޭ އެއްވެސް ފަރާތަކުން ސުވާލުކޮށްފި ނަމަ ޖަވާބު ދާރީވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަޅުގަނޑުމެންގެ އެ ފޮތުގައި އެއްވެސް ދޮގު ވާހަކައެއް ހިމަނާފައެއް ނުވާނެ. އެ ފޮތުގައި މައިގަނޑު ގޮތެއްގައި ހުންނާނީ ސަރުކާރުން ދީނީ ސިޔާސަތުތަކަށް ފާޑުކިޔާފައި. އެހެންވެ އެކަމާ ބެހޭ ގޮތުން މައްސަލައެއް ހުށަހެޅިއްޖެ ނަމަ ޖަވާބު ދާރީވާނަން،" އަމީން ވިދާޅުވި އެވެ.
ގައުމީ ޕާޓީން ނެރެފައިވާ ފޮތުގެ މައްސަލައެއް ފޮރިން މިނިސްޓަރު ފުލުހުންގެ އިދާރާއަށް ހުށަހެޅުއްވި އިރު، ގައުމީ ޕާޓީން ބުނެފައި ވަނީ އެ ފޮތާ ބެހޭ ގޮތުން ބޭރުގެ މިޝަންތަކަށް މިސަރުކާރުން ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ދީފައިވާ ކަމަށް ބުނެފަ އެވެ.