ޓްރިޕޮލީ (ޖަނަވަރީ 23) : ލީބިޔާގައި ވެރިކަންކުރާ ޤައުމީ އިންތިޤާލީ މަޖިލީހުގެ ނައިބު ރައީސް ޢަބްދުލްޙަފީޒް ޣޫޤާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޣޫޤާ ވިދާޅުވިގޮތުގައި މަޤާމުން އިސްތިއުފާ ދެއްވީ އޭނާގެ އިސްތިއުފާއަށް ގޮވާލައި ލީބިޔާގެ ހަނގުރާމަވެރިން ބެންގާޒީ ޔުނިވަރސިޓީގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި ހަމަނުޖެހުންތަކާގުޅިގެން މަސްލަޙަތަށް ޓަކައި ކަމުގައެވެ. ޣޫޤާ މިދިޔަ ހޮނިހިރު ދުވަހު ބެންޣާޒީ ޔުނިވަރސިޓީއަށް ވަޑައިގަތުމުން ލިބިޔާގެ ހަނގުރާމަވެރިންވަނީ އޭނާއަށް ބަހުގެ ޙަމަލާތައްދީ ހުތުރުއެއްޗެތިގޮވައި ޖިސްމާނީގޮތުން ގޯނާކޮށް އޭނާގެ ހަށިކޮޅަށްވެސް ގެއްލުންދޭން މަސައްކަތްކޮށްފައެވެ.

ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި އިސްދައުރެއް އަދާކުރި ހަނގުރާމަވެރިން ޣޫޤާ އަށް ގޯނާކޮށް އޭނާގެ އިސްތިއުފާއަށް ގޮވާލީ އޭނާއަކީ ގައްޒާފީގެ ސަރުކާރުގައި ކުރިން އިސްމަޤާމްތަކެއް އަދާކުރައްވާފައިވާ ބޭފުޅަކަށްވާތީ އޭނާއާމެދު މިހާރު އިތުބާރުނެތް ކަމަށް ބުނެއެވެ. ޣޫޤާއަކީ ގައްޒާފީގެ ވެރިކަމާދެކޮޅަށް ރައްޔިތުން އުތުރިއަރަންފެށުމާއެކު ގައްޒާފީގެ ސަރުކާރުން ވަކިވެ ރައްޔިތުންގެ ކޮޅަށް އެންމެކުރިން ޖެހިވަޑައިގެން ގައްޒާފީގެ ސަރުކާރު ވައްޓާލުމަށް ޑިޕްލޮމެޓިކް ގޮތުން ބޮޑެތި މަސައްކަތްތަކެއްކުރެއްވި ފުންނާބު އުސް ސިޔާސީ ޝަޚްސިއްޔަތެކެވެ.

ލީބިޔާގެ ހަނގުރާމަވެރިންނާއި ރައްޔިތުންގެ ބަޔަކު ގުޅިގެންވަނީ ބެންޣާޒީގައި ހުންނަ އިންތިޤާލީ މަޖިލީހުގެ އޮފީހަށް އިއްޔެ ވަދެގަނެ އެތަންލޫޓުވުމަށްފަހު ލިޔެކިޔުންތަކާއި ފައިލްތައް އަންދާލާފައެވެ. މިކަންތައްތަކާ ގުޅިގެން އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލްވަނީ ހަނގުރާމަވެރިން ހަތިޔާރުގެ ބާރު ބޭނުންކޮށްގެން އެމީހުންގެ މަޤްސަދްތައް ޙާސިލްކުރަން މަސައްކަތްކޮށްފިނަމަ މުޅި ލިބިޔާގައި އަލުން ހުޅުރޯވެ ގޮތްނޭންގޭ ފުންވަޅުގަނޑަކަށް ލީބިޔާ ވެއްޓިދާނެކަމުގެ އިންޒާރުދެއްވައި ބާރުގެބޭނުންކޮށްގެން ކަންތައްތައް ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު އިންތިޤާލީ މަޖިލީހުގެ ނައިބު ރައީސް ޢަބްދުލްޙަފީޒް ޣޫޤާ ވިދާޅުވީ ލީބިޔާ މިހާރުއޮތީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށްޓަކައި ހަނގުރާމަކުރި ދުވަސްވަރަށްވުރެވެސް ނުރައްކާތެރި ޚުތޫރަތްތެރި ޙާލަތެއްގައި ކަމަށާއި އޭނާ މަޤާމުން އިސްތިއުފާދެއްވީ މަސްލަޙަތަށްޓަކައި ކަމުގައެވެ. ލީބިޔާ އަލުން ބިނާކޮށް ޤައުމުގައި ސުލްޙަ މަސަލަސްކަން ޤާއިމްކުރުމަށްޓަކައި ހަނގުރާމަވެރިންނާއި ޢާންމުންގެ ކިބައިންވެސް ބޭނުންވަނީ ބަދަލު ނުހިފުމާއި ނަފްރަތާއި ނުރުހުމާއި ޒާތީ ތަޢައްސުބުން އެއްކިބާވެތިބެ ޤާނޫނަށް ބޯލެނބުން ކަމަށްވެސް ޣޫޤާ ވިދާޅުވިއެވެ.

ހަނގުރާމަވެރިންގެ ފިއްތުންތަކާ ގުޅިގެން ބެންޣާޒީ މުނިސިޕަލްޓީގެ ރައީސް ވެސްވަނީ މިއަދު އިސްތިއުފާދެއްވާފައެވެ. އޭނާއަކީވެސް ގައްޒާފީގެ ވެރިކަމުގައި އިސްމަޤާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަނެއްކޮޅުން ލީބިޔާގެ ކަންކޮޅުތަކުގައި ހަނގުރާމަވެރިންގެ ޖަމާއަތްތަކުން އެއްބަޔަކު އަނެއްބަޔަކަށް ބަޑީގެ ޙަމަލާތައް ބަދަލުކުރަމުންވެސް ގެންދެއެވެ. މިކަން ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް އަދި ނުދިޔަނަމަވެސް ހަނގުރާމަވެރިންގެ ކުރިމަތިލުންތައް ހައްދުން ނައްޓައިގެންގޮސް އަހްލީ ހަނގުރާމައަކަށް ލީބިޔާ ވެއްޓުމުގެ ބިރުއެބައޮތްކަމަށް އެޤައުމުގެ އިންތިޤާލީ މަޖިލީހުގެ ރައީސްވަނީ ވިދާޅުވެފައެވެ. -- އަލްޖަޒީރާ