30 Nov 2020, 14:28
ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑިއޭ)ގެ ސީއީއޯއެއް ނެތި ދެ މަސް ދުވަސް ވެއްޖެ އެވެ.
އެންޑީއޭގެ ސިއީއޯއަކަށް އެންމެ ފަހުން ހުންނެވީ، ހަސަން ޝަހީލް އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު 27ގަ އެވެ.
އެންޑީއޭގެ ބޯޑުން މިއަދު މީޑިއާތަކަށް ބޭއްވި މައުލޫމާތު ޝެޝަންގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދު ވިދާޅުވީ، މިހާތަނަށް އައިއިރު ދެ ފަހަރެެއްގެ މަތިން ސީއީއޯއެއް ހޯދުމަށް އިއުލާން ކުރި ކަމަށެވެ. އެހެން ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން ލަސްވަނީ ރަނގަޅު އެކަށީގެންވާ މީހަކު ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަގުތަށް އަޅުގަނޑުމެންނަށް ވަރަށް މުހިންމު ސީއީއޯއެއް. ވަރަށް މުހިންމު ފައްތަރެއްގައި މިތިބީ، އެހެން ވީމަ މި ފައްތަރުގައި ވަރަށް މުހިންމު އެކަން ކުރެވޭނެވަރުގެ އަޅުގަނޑުމެންނަށް އިތުބާރު ކުރެވޭނެ ނުވަތަ ގާބިލުކަން ހުރިކަން ފެންނަ ސީއީއޯއެއް ނެގުމަށް،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ތިން ވަނަ ފަހަރަށް އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ހަފްތާ ނިންމެންވާއިރަށް އަނެއްކާވެސް އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެހާސްފަނަރަ ވަނަ އަހަރު އެންޑީއޭގެ ސީއީއޯ ކަމަށް އައްޔަން ކުރި ޝަހީލް މަގާމުން އިސްތިއުފާ ދެއްވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް އޭނާއަށް އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށެވެ. އަދި ސޯޝަލް މީޑިއާގައި އޭނާއާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތަކެއް ފަތުރައި ބަދުނާމުކޮށް، ފުރައްސާރަކުރަމުން ދިޔަ ކަމަށްވެސް އޭނާގެ އިސްތިއުފާ ސިޓީގައި ބުނެފައިވެ އެވެ.
އެންޑިއޭގެ ހިންގެވުމާ މިވަގުތު ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ، ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފެވެ.
އެންޑީއޭގެ ސީއީއޯއެއް ނެތި ގިނަ ދުވަސްތަކެއްވެފައިވާއިރު، އެތަން ރަނގަޅަށް ހިންގަމުން ނުދާ ކަމަށާއި އެތަނުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ. އޭގެ އިތުރުން އެންޑީއޭގެ ވަސީލަތްތައް މަދު ކަމުން އެއް ފަހަރާ ފަރުވާ ދެވޭ ނިސްބަތްވެސް މަދު ކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.
އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައިގަނޑު އިދާރާ އެވެ.