ގައުމީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

އާސިފްގެ ގަޔަށް ވަޅި ހެރުމުން އޭނާއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ދިނުމަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާގެ ގަޔަށް ވަޅި ހަރާފައި ވަނީ މިއަދު 3:30 އެހާކަންހައިރު އެވެ.

އާސިފްގެ އެހީތެރިއެއްގެ ގޮތުގައި އޭޑީކޭއަށް ވަޑައިގެންނެވި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ރައީސް އަހުމަދު އަދީބު ވިދާޅުވީ އާސިފަށް ހަމަލަދިނީ ބުރުޒުމަގު، ޖުވޭސް ކޭޓަރިންގެ ކުރިމަތީގައި މަޑުކޮށްލައިގެން ހުންނަވަނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ. އެ މީހުން އާސިފުގެ ބުރަކަށްޓަށް ވަޅި ހެރުމަށްފަހު ފިލާފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ.

އޭޑީކޭގެ އެމެޖެންސީ ރޫމްގައި އާސިފަށް ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު އޭހާ ސީރިއަސް ނޫން ކަމަށް އަދީބު ވިދާޅުވި އެވެ.

އާސިފަށް ވަޅިން ހަމަލަދިން މައްސަލައާ ގުޅިގެން އޭޑީކޭއަށް ގޮސް ހަރަކާތްތެރިވި ފުލުހުން ބުނީ އާސިފަށް ހަމަލަންދިން ބަޔަކު ނޭންގޭ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.