19:00


ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ބައެއް މެންބަރުން، ކޮމިޓީއަށް ވެންނެވުމާ ގުޅިގެން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލު، ހާޒިރުކުރެއްވުމަށް ހަމަޖެހިފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން މިއަދު ކެންސަލްކޮށްފި އެވެ.


އެ ކޮމިޓީގެ މުގައްރިރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ހުސެއިން ވިދާޅުވީ، ވަކިވަކިން ބާއްވަން ހަމަޖެހިފައި އޮތް އެ ކޮމިޓީގެ ބައްދަލުވުން ކެންސަލްކުރެއްވީ، ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ބައެއް މެންބަރުން ކޮމިޓީގެ ބައްދަލުވުމަށް ވެންނެވުމާ ގުޅިގެން ކަމަށެވެ. އަދި ބައްދަލުވުން ކެންސަލް ކުރެއްވިއިރު ކޮމިޓީއަށް ހާޒިރު ކުރެއްވުމަށް ހަމަޖެހިފައި އޮތް ދެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރައްވާފައިނުވާ ކަމަށް ވެސް މުހައްމަދު ހުސެއިން ވިދާޅުވި އެވެ. އަދި މި ކޮމިޓީގެ ބައްދަލުވުން ދެން ބާއްވާނެ ދުވަހެއް ވެސް މުހައްމަދު ހުސެއިން ވިދާޅެއްނުވެ އެވެ.


މި ކޮމިޓީއަށް މިއަދު ހާޒިރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރެއިން  ކޮމިޝަނަރ އޮފް ޕޮލިސް ހާޒިރު ކުރެއްވުމަށް އޮތީ، ހަވީރު ހަތަރުގަޑި ބަޔަށެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް ހާޒިރު ކުރެއްވުމަށް ހަމަޖެހިފައި އޮތީ، ހަގަޑި ބައިގައި އޮތް ބައްދަލުވުމަށެވެ.


ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީއަކީ އިދިކޮޅު މެންބަރުންގެ އަގުލަބިއްތު އޮންނަ ކޮމިޓީއެކެވެ.