30 Nov 2020, 13:01
މާލޭ ސިޓީގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީ އިން ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމާއި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ދިނުމުގެ މަގުސަދުގައި ކަމާ ގުޅުންހުރި ދާއިރާތަކާއިއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަނެއްކާވެސް ފަށާފައިވާ ކަމަށެވެ.
އެގޮތުން މާލޭގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކާއި ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 ހާއްސަ ކޮށްފައިވާ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.
މީގެ ކުރިންވެސް ކޮވިޑް19ގެ ހާލަތުގައި ބޯހިޔާވަހިކަމެއް ނެތި އުޅުނު މީހުންނަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
އަނެއްކާވެސް އެފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމާފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައިީ މަގުމަތީ ނިދައި ހަދާ މީހުން ގިނަވެފައިވަނިކޮށެވެ.