23 Jan 2012, 16:19
ރ. ހުޅުދުއްފާރު ކައުންސިލުން އިއްޔެ ނެރުނު ބަޔާނަކާއި ގުޅިގެން އެރަށުގައި ހުންނަ އެމްޑީޕީ ހަރުގޭގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
ހުޅުދުއްފާރު ކައުންސިލުގެ ރައީސް މުހައްމަދު ޒުބައިރު މިއަދު ވިދާޅުވީ ރަށު ކައުންސިލުން އިއްޔެ ނެރުނު ބަޔާނަކާއި ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށް ކައުންސިލަށް ފިއްތުންތަކެއް ކުރިމަތިކުރުވި ކަމަށާއި އޭގެ ފަހުން ރޭ ދަންވަރު ގާތްގަނޑަކަށް 12:00 ޖަހާ އެހާކަންހާއިރު އެރަށުގައި ހުންނަ އެމްޑީޕީ ހަރުގޭގެ ތިން ދޮރުގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމަށެވެ. ބިއްލޫރި ތަޅާލުން ފިޔަވައި އިތުރު ގެއްލުމެއް ހަރުގެއަށް ދީފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ރޭ ވަނީ ކައުންސިލްގެ ރައީސްގެ ސައިކަލަށް ވެސް ބަޔަކު ގެއްލުން ދީފައެވެ. ޒުބައިރު ވިދާޅުވީ ސައިކަލަށް ގެއްލުން ދިނީ ވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެރަށު ކައުންސިލުން ނެރުނު އެ ބަޔާނާ ގުޅިގެން ކަމަށެވެ.
"މިކަން ފެށުނީ އަޅުގަނޑުމެން އިއްޔެ ހެދުނު ނެރުނު ނޫސް ބަޔާނަކާ ގުޅިގެން. އެ ނެރުމާއި ގުޅިގެން އަޅުގަނޑުމެންނަށް އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރުތަކެއް ވެސް އައި،" އޭނާ ވިދާޅުވިއެވެ. "ހަރުގޭގެ ތިން ދޮރުފަތުގެ ބިއްލޫރި ތަޅާލީ. ފަތިހު އަޅުގަނޑު ހޭލިއިރު އަޅުގަނޑުގެ ސައިކަލުގެ މަޑީގައި ކަޓަރު އަޅާފައި ހުރީ،"
ހުޅުދުއްފާރު ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާނީ އެރަށަށް ނިސްބަތްވާ އަބްދުﷲ ގާޒީ އާއި ގައުމީ ޕާޓީގެ ނައިބު ރައީސް އަބްދުލް މަތީން ގެ ވާހަކަތަކާއި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާ އެ ކައުންސިލުން ކުށްވެރި ކުރާ ވާހަކަ ކަމަށެވެ.
"އަޅުގަނޑުމެން އެ ބަޔާނުގައި ބުނެފައި ވާނީ، ގާނޫނީ ގޮތުން ހެދިފައި މި އޮތް ވެރިކަން ވައްޓާލުމަށް ކުރާ މުޒާހަރާތަށް ކުށްވެރިކޮށް އެކަން ހުއްޓާލުމަށް. އަދި މިރަށުގެ ދަރިޔަކަށްވެ ހުރެ ގައުމީ ޕާޓީގެ ނައިބު ރައީސް ދައްކަވާ އިތުބާރު ނުހިފޭ ވާހަކަތައް އަޅުގަނޑުމެން އޮންނީ ކުށްވެރިކޮށްފަ. ދެން އޭގެ އިތުރުން މިރަށު ބަހާރުގޭ އަބްދުﷲ މުހައްމަދު [އަބްދުﷲ ގާޒީ]ގެ ސުލޫކީ މިންގަނޑު ހުންނަ ގޮތުން މިރަށުގެ ގިނަ ރައްޔިތުން ލަދުގަނެފައި ތިބެންޖެހޭ ވާހަކަ އޮންނާނީ،" އޭނާ ވިދާޅުވިއެވެ.
ޕޮލިސް މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ހުޅުދުއްފާރުގައި ހުރި އެމްޑީޕީ ހަރުގޭގެ ބިއްލޫރި ތަޅާލި މައްސަލަ އެ އަތޮޅު އުނގޫފާރު ޕޮލިސްޓޭޝަނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ