ހާއްސަކޮށް، ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމަށް ގާނޫނަކުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައި އެ މައްސަލަ ރަށްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މީޑިއާ ކައުންސިލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމެޓީން ދިރާސާ ކުރުމަށް ފަހު ނިންމާފައި ވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަގުސަދު ހާސިލު ނުވާ ކަމަށް ބުނެ އެ ކައުންސިލް އުވާލުމަށް ފެންނަ ކަމަށެވެ.

"މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުން ހާސިލު ކުރަން ބޭނުންވާ މަގުސަދުތައް ހާސިލު ނުވާތީ، މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުމަށް ފެންނަ ކަމަށް މަޖިލީހަށް ރެކަމަންޑް ކުރެއްވުމަށެވެ." ނުވަ ސަފުހާގެ ބަޔާނުގައިވެ އެވެ.

މިދިޔަ ނޮވެމްބަރު މަހު 29 ވަނަ ދުވަހު މާލިއްޔަތު ކޮމެޓީން ނިންމާފައިވާ ރިޕޯޓްގައި، އެ ކައުންސިލް އުވާލުމަށް ފެންނަ ކަންކަމުގެ ތެރޭގައި، 2010 ވަނަ އަހަރު ފާސްކޮށްފައިވާ މުސާރައިގެ އޮނިގަނޑުގައި މީޑިއާ ކައުންސިލްގެ މެންބަރުންނަށް ލިވިން އެލަވަންސް ދިނުމަށް ކަނޑައަޅާފައި ނުވާ ކަމަށާއި ނަމަވެސް މީޑިއާ ކައުންސިލްގެ މެންބަރުން ގާނޫނާއި ގަވާއިދާ ހިލާފަށް ލިވިން އެލަވަންސް ނެގި މައްސަލަ ފާހަގަކޮށްފައިވެ އެވެ. އަދި ކައުންސިލް އުފެދޭތާ ހަ މަސް ދުވަހުގެ ތެރޭގައި ކައުންސިލް ހިންގާ ގަވާއިދެއް އެކުލަވާލަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ގަވާއިދު ހަދާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް މާލިއްޔަތު ކޮމެޓީގެ ރިޕޯޓްގައިވެ އެވެ.

އޭގެ އިތުރަށް ކައުންސިލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފައި ނުވާ ކަމަށް ވެސް، އޮޑިޓް ރިޕޯޓާ ހަވާލާދީ މާލިއްޔަތު ކޮމެޓީން ބުނެފައިވެ އެވެ.

މާލިއްޔަތު ކޮމެޓީގެ ހުށަހެޅުމުގައި، މީޑިއާ ކައުންސިލް އުވާލާ އިރު، މީޑިއާ ރެގިއުލޭޓް ކުރުމަށް، އެ ކައުންސިލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މަސްއޫލިއްޔަތުގެ ތެރެއަށް އިތުރު ކުރުމަށް، ގާނޫނަށް އިސްލާހު ގެންނަން ފެންނަ ކަމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.