ވަޒީފާއާ ގުޅޭ މަސައްކަތްތައް ސީދާ ސިވިލް ސާވިސް ކޮމިޝަނުން އެޕްރޫވްކުރާ ގޮތަށް އޮތް އޮތުން، ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުގެ މަތިން އިދާރާތަކަށް ދޫކޮށްލުމުގެ މަސައްކަތް އެ ކޮމިޝަނުން ވަނީ ފަށައިފިއެވެ.

އެގޮތުން ސިވިލް ސާވިސްގެ އިދާރާތަކުގެ ވަޒީފާގައި ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފުން ކޮންޓްރެލްޓް މުއްދަތު ހަމަވުމުން، އެ މުވައްޒަފުންގެ ކޮންޓްރެކްޓް އާކޮށް "ސީއެސް ވިއުގަ" އިން އަދާހަމަކުރުމުގެ މަސައްކަތް މިއަދުން ފެށިގެން އިދާރާތަކުން ކުރާގޮތަށް ސީއެސްސީން ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ނިންމުމާ ގުޅިގެން މިއަދުން ފެށިގެން ކޮންޓްރެކްޓް ރީއެޕޮއިންޓްމަންޓް އާ ގުޅޭ ހުރިހާ ރިކުއެސްޓެއް އެޕްރޫވް ކުރާނީ އެ އިދާރާއަކުން ނުވަތަ މަސްއޫލު އޮފީހެއްގެ ދަށުގައި ހުރި އިދާރާއެއް ނަމަ މަސްއޫލު އޮފީހުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

އެހެންކަމުން އެޕްރޫވަލް ލިބިގަތުމަށް އިދާރާތަކުން އަމަލުކުރާނެ ގޮތް ސީއެސްސީން ވަނީ އެކުލަވާލައިފައެވެ.

އެގޮތުން ކޮންޓްރެކްޓް ރީއެޕޮއިންޓްމަންޓްގެ މަސައްކަތް ކުރުމާ ގުޅޭގޮތުން އެ ކޮމިޝަނުން އާންމުކޮށްފައިވާ އުސޫލުތަކާއި ޔޫޒާ މެނުއަލް އާއި އެސްއޯޕީ ކަމާގުޅޭ ހުރިހާ މީހުން އަހުލުވެރިވާން ޖެހޭނެއެވެ.

އަދި ކޮންޓްރެކްޓް ރީއެޕޮއިންޓްމަންޓްގެ މަސައްކަތް ކުރުމުގެ ހުއްދަ ލިބިގަންނަ މުވައްޒަފުން ފުރިހަމަކުރަންޖެހޭ ތަމްރީނުތައް ސިވިލް ސާވިސް ޓްރެއިނިންގެ އިނސްޓިޓިއުޓް މެދުވެރިކޮށް ފުރިހަމަކޮށް ޓްރެއިނިން އިވެލުއޭޝަން ފުރިހަމަކުރަން ޖެހޭނެއެވެ.

އޭގެ އިތުރުން ވަޒީފާއާ ގުޅޭ މަސައްކަތްތައް ސީއެސް ވިއުގަ މެދުވެރިކޮށް ކުރާ މުވައްޒަފުންގެ އިގުރާރު ފޯމު ފުރިހަމަކޮށް ކޮމިޝަނަށް ފޮނުވައި ސީއެސް ވިއުގައިން ބޭނުންވާ އެޕްރޫވަލް ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކޮންޓްރެކްޓް ރީއެޕޮއިންޓްމަންޓްގެ މަސައްކަތް އިދާރާތަކަށް ދޫކޮށްލި ނަމަވެސް ތަމްރީނުން ފާސްވިކަމަށް ބަލާނީ 75 ޕަސެންޓް ނުވަތަ އެއަށްވުރެ މަތިން ހޯދުމުންނެވެ.

ސީއެސްސީން ބުނީ ޑިސެމްބަރު 15 އާ ހަމައަށް ސީއެސްސީން ރިކުއެސްޓ އެޕްރޫވް ކުރާނެ ކަމަށެވެ. އަދި ރީއެޕޮއިންޓްމަންޓް އެޕްރޫވްކޮށް އިދާރާގެ ވެރިން ސޮއިކުރުމުގެ ބަދަލުގައި ބޭނުކުރާނީ ސީއެސްސީގެ ތައްގަނޑު ކަމަށް ވެސް ބުނެފައިވެއެވެ.