މިންސްކް (ނޮވެމްބަރު 28): ބެލަރޫސްގެ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނިކޮށް އެގައުމުގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ މަގާމުން ދުރަށް ޖެހިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.

ބެލަރޫސްގައި ވެރިކަން ކުރައްވާތާ 26 އަހަރުވެފައިވާ ލުކަޝެންކޯ ވިދާޅުވި ގޮތުގައި އެގައުމުގެ ރައީސްގެ ބާރުތައް ކުޑަ ކުރުމަށް ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން ޖެހެ އެވެ. އަދި މިހާރު އެގައުމުގެ ވެރިކަމުގެ ނިޒާމު އޮތް ގޮތަށް އެހެން ރައީސަކަށް ފުރުސަތު ދިނުން ރަނގަޅު ނޫން ކަމަށާއި އެ އިސްލާހުތައް ގެނައުމުން އޭނާ ދެން ވެރިކަމުގައި ނުހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

"މި ހާލަތުގައި [ގައުމުގެ ރައީސަކީ އެންމެ ބާރުގަދަ މީހާގެ ގޮތުގައި އޮންނަ] ގާނޫނު އަސާސީއެއް ގޮތް ނޭނގޭ ރައީސަކަށް ދިނުމާ މެދު އަޅުގަނޑު ކަންބޮޑުވޭ. އޭގެ ސަބަބުން މައްސަލަ އުފެދޭނެ. އަޅުގަނޑު އާ ގާނޫނު އަސާސީ ހަދަނީ އަޅުގަނޑަކަށް ނޫން. އަދި އާ ގާނޫނު އަސާސީއަށް ފަހު އަޅުގަނޑު ރައީސްގެ ގޮތުގައި މަސައްކަތް ނުކުރާނަން،" ލުކަޝެންކޯ ވިދާޅުވި އެވެ.

ލުކަޝެންކޯ އެފަދައިން ވިދާޅުވީ އޭނާގެ ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ ރަޝިއާއިންވެސް ބެލަރޫސްގެ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ލަފާ ދިން ފަހުންނެވެ. އެގޮތުން ރަޝިއާގެ ފޮރިން މިނިސްޓަރު ސާގީ ލަވްރޮފް ވަނީ ބެލަރޫސްގެ ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ވްލަޑިމިއާ ޕޫޓިން ދެކިލައްވާ ކަމަށް ވިދާޅުވެފަ އެވެ.

ބެލަރޫސްގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފެށީ މިދިޔަ އޮގަސްޓު މަހުގެ ނުވައެއްގައި އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބު ލުކަޝެންކޯ ކާމިޔާބު ކުރެއްވުމުންނެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބުން ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބުނު އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާއަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އަދި އެ ނަތީޖާ އިއުލާން ކުރި ފަހުން ތިކަނޯސްކަޔާ ވަނީ އޭނާގެ އާއިލާއަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ.

އެ ތުހުމަތުތައް ދޮގު ކުރައްވަމުން ލުކަޝެންކޯ ވަނީ އެގައުމުގެ އިދިކޮޅު ފަރާތްތައް ކޮންޓްރޯލް ކުރަމުން ދަނީ ބޭރުގެ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ.

ބެލަރޫސްގެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ގަވާއިދާ ހިލާފަށް މީހުން ހައްޔަރުކޮށް އަނިޔާ ކުރަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.