ދުނިޔޭގެ އެންމެ މަޝްހޫރު ޔޮޓް ރޭސް، ވޮލްވޯ އޯޝަން ޔޮޓް ރޭސް، ހަ ޔޮޓާއިއެކު ރާއްޖޭން އިއްޔެ ފެށިއިރު އެ ޔޮޓްތަކަށް ވެސް ޕައިރޭޓުންގެ ނުރައްކާ ވަނީ ބޮޑުވެފަ އެވެ.

އެމެރިކާގެ ވޮޝިންޓަން ޕޯސްޓް ބުނަނީ ރޭހުގެ ބައިވެރިން ރާއްޖެއަށް އައިސް އަލުން ރޭސް ފަށަން ޖެހުނީ އިންޑިއާ ކަނޑުގައި ޕައިރޭޓުންގެ ނުރައްކާ ބޮޑުވުމުން ކަމަށާއި އެ ޔޮޓްތަށް ރާއްޖެ ގެނައީވެސް އަސްކަރީ އުޅަނދެއްގެ ބެލުމުންގެ ދަށުން ކަމަށެވެ.

"މި ދަނޑިވަޅު މި ވަނީ އަހަރުމެންނަށް އުދަގޫ ދަނޑިވަޅަކަށް. އަހަރުމެން މިގޮތަށް ނިންމާކަށް ބޭނުމެއް ނޫން. އެކަމަކު އަހަރުމެންގެ ސެކިއުރިޓީ ފަރާތްތަކަށް މިނޫންގޮތެއް ނެތިގެން އެގޮތަށް ނިންމީ،" އެ ރޭހުގެ ސީއީއޯ ވިދާޅުވެފައިވެ އެވެ.

ރާއްޖެ އައުމާއި ހިސާބަށް އެރޭހުގެ ބައިވެރިން ދަތުރުކުރާ މަންޒިލްތަށް އޮތީ ސިއްރުކޮށްފަ އެވެ.
ވޮސިންޓަން ޕޯސްޓުން އެގޮތަށް ބުނި ނަމަވެސް އެރޭސް ރާއްޖޭގައި އިންތިޒާމް ކުރި މާޔާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޕައިރޭޓުންގެ އެއްވެސް އުނދަގުލެއް އެރޭހަށް ކުރިމަތިވެފައި ނުވާކަމަށާއި "ވަރަށް ސްމޫތްކޮށް" އެރޭސް ކުރިއަށް ދާ ކަމަށެވެ.

"އަޅުގަނޑުމެންނާ ބަރާބަރަށް ގުޅިފައި ހުރީ. އެއްވެސް މައްސަލައެއް އަދި ދިމައެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ރޭހުގެ ބައިވެރިން ރާއްޖެއިން ދަތުރުކުރަނީ ޗައިނާއަށެވެ. ރޭހުގައި ވާދަކުރާ ޔޮޓްތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ އާއި ޗައިނާ އާއި އޮސްޓްރޭލިޔާ އަދި ދުބާއީގެ ޔޮޓް ފަހަރެވެ.