23 Jan 2012, 13:48
ލާދީނީ އަމަލުތައް ހިންގުމުގައި ސަރުކާރުގެ އެންމެ އިސް އެޖެންޓަކީ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ކަމަށް އަދާލަތު ޕާޓީން ބުނެ ތުހުމަތުތަކެއް ކޮށްފި އެވެ.
ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ މައްސަލަގައި އދ. އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީއަށް ސިޓީ ފުޅެއް ފޮނުއްވެވި ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި ވިދާޅުވުމުން ސަރުކާރުން ހިންގާ ލާދީނީ ކަންމުގެ އެޖެންޓަކީ ފޮރިން މިނިސްޓަރު ނަސީމްކަން ސާބިތުވާ ކަމަށާއި އެއީ އެކަމަކުގެ ހެއްކެއް ކަމަށެވެ.
"އިއްޔެ ފޮރިން މިނިސްޓަރު ދައްކަވާފައިވާ ވާހަކަތަކަކީ އެއިން ވަރަށް ނުބައި މާނައެއް ނެގޭ އެއިން ވަރަށް ނުބައި ވިސްނުމެއް ލިއްބައިދިން އެއްޗެއް. މިއަދުގެ ކަންކަން ހިނަގަމުންދާ ގޮތުން ރާއްޖޭގެ ރައްޔިތުން މިދައްކާ ވާހަކަ ކަށަވަރު ކޮށްދިން ކަމެއް،" އިމްރާން ވިދާޅުވި އެވެ. "ރާއްޖޭގައި މިއަދުގެ ސަރުކާރަކީ ލާދީނިީ ސަރުކާރެއްކަން ސާބިތުކޮށްދިނުމަށްޓަކައި، ލާދީނީ ހަރަކާތް ހިންގުމުގެ އެންމެ އިސް އެޖެންޓަކީ ފޮރިން މިނިސްޓަރުކަން އަންގައިދިން ވަރުގަދަ ހެއްކެއް[އެއީ]''
ފޮރިން މިނިސްޓްރީގައި މިނިސްޓަރު ނަސީމް އިއްޔެ ނޫސްވެެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާގައި މިހާރު ހިނގަމުންދާ ކަންތައްތައް ހައްލުކުރަން ބައިނަލްއަގުވާމީ މުސްލިމް ފަނޑިޔާރުންގެ ވަފުދެއް ރާއްޖެ އަށް ފޮނުވައި ދިނުމަށް އދ. ގައި އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑު މިއަދު ވާނީ އދ. އިންސާނީ ހައްގުތަކާ ބެހޭ ސަފީރުގެ އޮފީހަށް ސިޓީއެއް ފޮނުވާފައި. އެ ސިޓީގައި ރާއްޖޭގެ ފަނޑިޔާރުގެއަށް ކުރިމަތިވެގެން މިއުޅޭ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދިނުމަށް އެދުނިން. ދުނިޔޭގެ ފެންވަރުގެ ފަނޑިޔާރުންގެ ވަފުދެއް ރާއްޖެ އަށް ފޮނުއްވުމަށް އަޅުގަނޑު ވާނީ އެދިފައި. މި ސިޓީއަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިޔަ ހަފުތާގައި ކުރައްވާފައިވާ މަސައްކަތްޕުޅާ ގުޅިގެން އަޅުގަނޑު ކުރި މަސައްކަތެއް،" މިނިސްޓަރު ޔަގީން ކޮށްދެއްވެވި އެވެ.
އިމްރާން ވިދާޅުވީ މިހާރުގެ ގިނަ އަމުރުތައް ފޮރިން މިނިސްޓަރު ކުރައްވާ ކަމަށާއި ހުދުމުހުތާރު ވެރިކަމެއް ކުރެއްވުމަށް ފޮރިން މިިނިސްޓަރު ނަސީމް ހުންނެވީ "ފޫގަޅުއްވައިގެން" ކަމަށެވެ.
"ހޯމް މިނިސްޓަރު ކުރައްވަންޖެހޭ އަމުރުތައް ވެސް ކުރައްވަނީ ފޮރިން މިނިސްޓަރު! މިއަދު އުއްތަމަ ފަނޑިޔާރު ކުރައްވަން ޖެހޭ އަމުރުތައް ވެސް ކުރައްވަނީ ފޮރިންމިނިސްޓަރު މިއަދު ފްރޮސެކިއުޓާ ޖެނަރަލް ކުރައްވަންޖެހޭ އަމުރުތައް ވެސް ކުރައްވަނީ ފޮރިންމިނިސްޓަރު. އެހެންކަމުން ސަރުކާރުގެ ހުދުމުހުތާރުކަން އިންތިހާއަށް ގެންދިއުމަށްޓަަކައި ފޮރިން މިނިސްޓަރު ފޫގަޅައި ހުންނަވައިގެން ސަރުކާރުގެ ލާދީނި ކަންކަން ކުރެއްވުމުގެ އެޖެންޓަކީ ފޮރިން މިނިސްޓުކަމާއިމެދު އަޅުގަނޑު ޝައްކެތް ނުކުރަން،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ ފަރާތްތަކާއި މަޝްވަރާކޮށްގެން ރާއްޖޭގެ ޝަރުއީ ނިޒާމުގެ ކަންކަން ރަނގަޅު ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ފަނޑިޔާރުގެ ތަކުގައި ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އަދާލަތު ޕާޓީގެ ސްޕޯކްސް ޕާސަން މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝަރުއީ ނިޒާމް އިސްލާހް ކުރަން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ސަފީރު ނަވަނެތަމް ޕިއްލޭއަށް ފޮރިން މިނިސްޓަރު ނަސީމް ސިޓީފުޅެއް ފޮނުއްވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް ޝަރުއީ ނިޒާމް ތަރައްގީ ކުރުމަށްޓަކައި ބޭރު ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ހޯދުމަކީ މައްސަލައެއް ކަމަށް އަދާލަތުން ނުދެކޭ ކަމަށާއި މައްސަލައަކީ ބޭރުގެ ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތްކުރުމަށް އިށީނުމުގެ ބިރު ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ