23 Jan 2012, 13:09
އެކި ބޭނުންތަކަށް ތައުލީމީ ފަންޑުން ލޯނު ނަގައި، އެ ލޯނު އަދާކުރަން އެއްބަސްވެފައިވާ ގޮތަށް ގިނަ ބަޔަކު ލޯނުތައް އަދާ ނުކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިފާއާ ހަވާލާދެއްވާ އެޑިއުކޭޝަނުން އިއްޔެ ތާރީހުގައި އާންމުކޮށްފައިވާ މައުލޫމާތު ކަރުދަހެއްގައި ބުނެފައިވަނީ ކިޔަވައިދޭ ތަންތަން ތަރައްގީކުރުމަށާއި މަތީ ތައުލީމް ހާސިލުކުރުމުގެ ބޭނުންތަކަށް 1987 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ތައުލީމީ ފަންޑުން ނަގާފައިވާ ލޯނުތަކަށް 9.8 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށާއި ނަމަވެސް އެ ފަންޑަށް އޭގެ ތެރެއިން ލިބިފައިވަނީ އެންމެ 16 ޕަސެންޓް ކަމަށެވެ.
ތައުލީމީ ފަންޑުގެ ހަރަކާތްތައް ހިނގަމުންދަނީ އެ ފަންޑަށް ލިބޭ އާމްދަނީ އަކުން ކަމަށާއި އެހެންކަމުން މިހާތަނަށް އެފަންޑުން ލޯނު ނަގާފައިވާ ގިނަ ފަރާތްތަކުން ފައިސާ ނުދެއްކުމަކީ އެފަންޑުން ހިންގާ މަޝްރޫއުތަކަށާއި، އެހީ ބޭނުންވާ ފަރާތްތަކަށް ވަރަށް ދަތިވާނެކަމެއް ކަމަށްވެސް މިސްޓަރާ ހަވާލާދީ މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ތައުލީމީ ލޯނު ފަންޑުން ލޯނު ނަގާފައިވާ ފަރާތްތަކުން ގަވާއިދަށް ލޯނު ނުދައްކާތީ އެކަމާ އެޑިއުކޭޝަން މިނިސްޓަރު ކަންބޮޑުވެލައްވާ ކަމަށާއި އެއްބަސްވެފައިވާ ގޮތަށް ލޯނުތަށް ގަވާއިދުން ދައްކަމުން ގެންދިއުމަށް މިނިސްޓަރު އިލްތިމާސް ކުރައްވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ތައުލީމީ ފަންޑަކީ ރާއްޖޭގެ ކިޔަވާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތުމުގެ ސަބަބުން ތައުލީމީ އެކި މަރުހަލާތަކުގައި އަމިއްލަ އަށް ތައުލީމް ހާސިލްކުރެވެން ނެތް ދަރިވަރުންނާއި ތައުލީމު އުގެނުމަށް އެހެން ވެސް ދަތިތައް ކުރިމަތިވާ ދަރިވަރުންނަށް އެހީވުމަށާއި ހުނަރު އިތުރުކޮށްދިނުމަށް ރައްޔިތުންނާއި ސަރުކާރު ހިއްސާވެގެން 114،165ރ. ގެ ރައުސުލްމާލާއެކު އެކު 1956 ވަނަ އަހަރު އުފައްދާފައިވާ ވަގުފު ފަންޑެއް ކަމަށެވެ.
ފަންޑް މިހާރު ހިނގަމުން ދަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން މާލީ ވަޒީރު ކަނޑައަޅުއްވާފައިވާ ޓްރަސްޓް ސްޓޭޓްމަންޓް އާއި އެއްގޮތަށެވެ.