23 Dec 2020, 09:55
ކޮންމެ އިންތިހާބަކާ ދިމާކޮށް ހުރިހާ ސިޔާސީ ބޭފުޅުން ވެސް އެބޭފުޅުންގެ ވައުދުނާމާގައި އެއް އިބާރާތަކުން ލިޔާ ވާހަކަކޮޅެއް އޮވެ އެވެ؛ "ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެ" ކަމުގެ ވައުދެވެ. މިދިޔަ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ އާއި މިިދިޔަ މަޖިލިސް އިންތިހާބަށް އެކުލަވާލި "އެޖެންޑާ 19" މެނިފެސްޓޯގައި އެ ވައުދު އެގޮތަށް ފިލިންފިއްޔަށް ނަކަލުކޮށްފައި އޮތެވެ. އޭގެ ކުރިން ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވަން ލިޔުއްވި "ޔާމީން 2018" މެނިފެސްޓޯގައި ވެސް މަސްވެރިން ބާނާ މަހަށް ހަަމަ އަގު ހޯދައިދިނުން އޮތީ ވައުދެއްގެ ގޮތުގަ އެވެ.
ކޮންމެ ކުލައެއްގެ ސިޔާސީ ލީޑަރަކުވެސް މަސްވެރިންނަށް ވިއްކާ އެންމެ ބޮޑު ވާހަކައަކީ އެއްވެސް ސަރުކާރަކުން އެ މީހުން ބާނާ މަހަށް އެކަށީގެންވާ އަގެއް ހޯދައި ނުދޭ ކަމަށެވެ. އެހެންވެ، ވެރިކަން ލިބިއްޖެ ނަމަ މަސްވެރިން ބާނާ މަހަށް ބޮޑު އަގު ހޯދައިދޭނެ ކަމުގެ ހުވަފެން ދައްކަނީ އެވެ. މި ވާހަކަ މަސްވެރިން ނިކަން ރަނގަޅަށް ގަބޫލުވެސް ކުރެ އެވެ. "މަހަށް ހަމަ އަގު" ހޯދައިދިނުމަކީ ހުދު މަސްވެރިން ވެސް ގަބޫލު ކުރާ ގޮތުން ވީހާވެސް ބޮޑު އަގެއްގައި އެ މީހުން ބާނާ މަސްކޮޅު ކިރާ ލެވޭނެ ގޮތެއް ސަރުކާރުން ފަހިކޮށްދިނުމެވެ. ފެލިވަރަށް އަރައި މަސްވެރިން ކުރި މުޒާހަރާގައި ވެސް އެންމެ އަޑުގަދަ ޑިމާންޑަކަށްވީ، މަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާއަށް ވުރެ ކުޑަނުކުރުމެވެ.

މަސްވެރިން އިއްޔެ ފެލިވަރުގައި ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ މަސްވެރިން އެމްވީ
ސުވާލަކީ؛ ސިޔާސީ މީހުން މާކެޓް ކުރާ ގޮތަށް އަހަރުގެ ހުރިހާ ދުވަސްވަރެއްގައި މަސްވެރިން ބާނާ މަހަށް އެންމެ ބޮޑު އަގެއް ދެވޭނެ ހެއްޔެވެ؟ މަހުގެ ހަމަ އަގުގެ ގޮތުގައި ސިޔާސީ މީހުން މަސްވެރިންނަށް މި ވިސްނައިދޭ މަފްހޫމުގައި ހަގީގަތެއް އެބަ އޮތް ހެއްޔެވެ؟ ނޫނީ މިއީ ދައްކާލާ އަސްލެއް ނެތް ހުވަފެނެއް ހެއްޔެވެ؟
މަހުގެ ހަމަ އަގު ކަނޑައަޅާ އަސްލުގޮތް
މަސްވެރިންގެ ޖަމްއިއްޔާގެ ރައީސްކަން ވެސް ކުރައްވާ މަސްވެރިޔާ އަހުމަދު ޝާފިއު އޭނާގެ އަމިއްލަ ހިޔާލުފާޅު ކުރައްވަމުން ވިދާޅުވީ ކޮންމެ ބަޔަކު ބުނި ނަމަވެސް މަހުގެ އަގު ކަނޑައަޅާނީ ބާޒާރުގައި ކަމަށެވެ. އެއީ ސަރުކާރަކަށް އިދާރާއަކަށް ކަނޑައެޅޭނެ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސިޔާސީ ވާހަކަތައް އެއް ފަރާތްކޮށް، އޭނާ ވިދާޅުވީ، ރާއްޖޭގައި ވެސް މަސް ގަނެވޭނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަވަރަކަށް ރިއާޔަތްކޮށްފައި ކަމަށް މަސްވެރިން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"މެނފެސްޓޯތަކުގައި ހަމަ އަގުގެ ވާހަކަ ލިޔެ އެ ވާހަކަ އާންމު ކުރާ ގޮތުން ގިނަ މަސްވެރިންނަށް ވެސް އޮޅިފައި އޮންނަނީ. ގަބޫލު ކުރެވިފައި އޮންނަނީ ބޮޑު އަގު އަބަދުވެސް މަހަށް ލިބެން ޖެހޭ. އެކަމަކު އެހެނެއް ނުއެއް ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިއީ ވިޔަފާރިއެއް. މިތަނުން މަސް ގަނެގެން ބޭރަށް މި ވިއްކަން ޖެހެނީ. ބޭރުގައި މަސް ނުވިއްކޭ ބޮޑު އަގެއްގައި ރާއްޖެއިން ގަނެގެން ގޮސް ބޭރަށް މަހެއް ނުވިއްކޭނޭ. އެއްވެސް ބަޔަކު ގެއްލުމެއްގައި ވިޔަފާރިއެއް ނުކުރާނެ،" ޝާފިއު ވިދާޅުވި އެވެ.
ހަގީގަތް އޮތީ ސިޔާސީ މީހުން ދައްކާ ވާހަކަތަކާ ވަރަށް ދުރުގަ އެވެ. އެހެން ބާވަތްތަކެކޭ އެއްގޮތަށް ބާޒާރުގައި މަހުގެ އަގު ވެސް ކަނޑައެޅެނީ މަހަށް އޮންނަ ޑިމާންޑާއި ސަޕްލައިގެ މައްޗަށް ބިނާކޮށް ބާޒާރު އޭގެ އަމިއްލަ ޒާތުގަ އެވެ. މަސްވެރިން ބާނާ މަސް ކިތަންމެ އަގުބޮޑުކޮށް ކިރަން ބޭނުންވި ނަމަވެސް ބާޒާރުގެ އެ ހަމައިން ރެކިއެއް ނުގަނެވޭނެ އެވެ.
ނަމަވެސް ގައުމީ މަސްކުންފުނި މިފްކޯއިން މިދިޔަ ހަތް ވަރަކަށް އަހަރުގެ ތެރޭގައި މަސް ގަންނަމުން ދިޔައީ ބާޒާރުގެ އެ އާންމު ހަމައިން ބޭރުވެ ސަރުކާރުން ކަނޑައަޅާފައި އޮންނަ ކޮންޓްރޯލް އަގެއްގަ އެވެ. މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ ނަމުގައި މިފްކޯއިން އެކަން ކުރަން ޖެހުމުގެ ނަތީޖާއަކަށްވީ އެ ކުންފުންޏަށް ބޮޑު ގެއްލުމާ ކުރިމަތިވެ ދުވަސްދިޔުމާ ގާތްވުމެވެ.
މިފްކޯއިން މަސް ގަންނަމުން ދިޔައީ ބާޒާރުގައި އޭރު މަސް ވިއްކާ އަގަށް އެއްވެސް ފަރުވާލެއް ނުބަހައްޓަ އެވެ. ބާޒާރުގައި އަގު ދަށްވިޔަސް އަދި މަތިވިޔަސް ކިލޯއެއް 20 ރުފިޔާ އެވެ. އެ ނިންމުމުގެ ހިތި ނަތީޖާއާ ބައްދަލުވެ މިފްކޯ އަދިވެސް އޮތީ އެ ގެއްލުމުން އަރައި ނުގަނެވި "ހާލުގަ" އެވެ.
"މިދިޔަ ހަތް އަހަރު އެއް އަގެއްގައި މަސް ގަންނަ އަގު ހިފެހެއްޓިފައި އޮތުމަކީ އަސްލު ވަރަށް ބޮޑު ގެއްލުމެއް މިފްކޯއަށް ލިބުނު. އޭގެ ސަބަބުން މިފްކޯގެ ކުރިއެރުން އެކީހެން ހުއްޓިގެން ދިޔަ. މި ކުންފުންޏަށް އަސަރު ކުރީމާ އޭގެ އަސަރު މަސްވެރިންނަށް ވެސް ކުރޭ،" މިފްކޯގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ދީދީ ވިދާޅުވި އެވެ.
"ގަބޫލު ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެން މިޖެހެނީ ތައިލެންޑުގެ ބާޒާރަށް މަސްވިއްކަން. ދެން މިތަނުން އަގުބޮޑުކޮށް ގަނެގެން އެތަނުގައި ބޮޑު އަގުގައި ނުވިއްކޭ ކަމަށް ވަންޏާ ކުންފުންޏަށް އަގު ނުކުރެވޭހާ ގެއްލުން ވެފައިވަނީ. ބޭރު މާކެޓްތަކުގައި އަގު މި ހުންނަނީ ދުނިޔޭގެ މަހުގެ ބާޒާރުގެ އަގުގައި،"

މަސްމާރުކޭޓު ސަރަހައްދުގައި މަސްވެރިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮވިޑުގެ ބަލިމަޑުކަމާ އެކު ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ފައިދާ ސަރުކާރުން ނަގައި، މަހުގެ އަގު އޮބަހައްޓައިގެން އުޅުނު އުޅުން ދޫކޮށްލި އެވެ. އެއާ އެކު، މިފްކޯއަށް ފުރުސަތު ލިބުނީ ބާޒާރުގެ ހަމަ އަގުގައި މަސް ކިރާށެވެ. އެގޮތުން މިހާރު މަސްކިލޯއެއް ގަންނަނީ 16 ރުފިޔާއަށެވެ. ރާއްޖެއިން ރޯމަހުގެ ގޮތުގައި ބޭރު ކުރާ މަހުގެ 90 ޕަސެންޓް ބޭރު ކުރާ ތައިލެންޑުގެ ބާޒާރުގައި ކަޅުބިލަމަހުގެ ޓަނެއް މިދިޔަ މަހު ހުރީ 19.74 ރުފިޔާ އަށެވެ. މި އަދަދަށް ބަލާނަމަ، މިފްކޯއަށް ފައިދާގައި މަސްވިއްކުމުގެ ފުރުސަތު މިހާރު އެބަ އޮތެވެ.
ދީދީ ވިދާޅުވި ގޮތުގައި މަހުގެ އަގުގެ ކޮންޓްރޯލް ސަރުކާރުން ދޫކޮށްލާފައިވީ ނަމަވެސް މިފްކޯއިން މިހާރުވެސް މަސް ގަނެ، ބޭރަށް ވިއްކަމުން ދަނީ މާބޮޑު ފައިދާއެއްގައެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މިފްކޯގެ ވިޔަފާރި ބައްޓަންކޮށްފައި ވަނީ ކިރިޔަ ކިރިޔާ ހަރަދުތައް ފޫބެއްދޭ ވަރަށެވެ.
"މިފްކޯއިން މި ބަލަނީ މުޅިން ވިޔަފާރީގެ ވިސްނުމަށް ވުރެ ބޮޑަށް މަސްވެރިންނަށް ފައިދާ، ލާބަ މިކަމުން ލިބޭނެ ގޮތަކަށް. އެހެންވެ މާ ބޮޑު އެއްޗެއް އަޅުގަނޑުމެން މި ނުލަނީ،" ދީދީ ވިދާޅުވި އެވެ.
ހަގީގަތުގައި މަހުގެ ހަމަ އަގަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަވަރެވެ. އެ ހަގީގަތް މަސްވެރިން ގަބޫލު ކުރަން ޖެހެ އެވެ. އެއީ ސިޔާސީ މީހުންގެ އަތުގައި އޮންނަ ބާރެއް ނޫނެވެ.
ސަރުކާރަކުން މަސްވެރިންނަށް ހެޔޮ އެދޭ ނަމަ، އެ ހަގީގަތް އޮޅުވާނުލާ ކިޔައިދޭން ޖެހޭ ކަމަށް، މަސްވެރިކަމުގެ ސިނާއަތަށް ހިދުމަތް ކުރެއްވި އާދިލް ސަލީމް ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަސްވެރިންނަށް ކަން އޮތް ގޮތުގެ ހަގީގަތް ބުނެދިނުމަކީ އެ މީހުންނަށް ވެވޭނެ އެންމެ ބޮޑު އެހީ އެވެ. ސަރުކާރެއްގެ ދައުރަކީ އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް އެ މީހުންގެ ވިޔަފާރީގައި ކުރިއަށްދާނެ ގޮތްތަކެއް ހޯދައިދިނުމެވެ.
"ސިޔާސީ މީހުންނަށް މަހުގެ އަގެއް ކަނޑައެއް ނޭޅޭނެ ހަގީގަތުގައި. އަދި އެ ވިޔަފާރީގެ ހުރިހާ ކަމަކާ އެއްވެސް ސަރުކާރަކަށް ހަވާލެއްވެސް ނުވެވޭވެނެ. އެ މީހުން ޖެހޭނީ މަސްވެރިންނަށް ކަންކަން ފަހިކޮށްދޭން. ޕޮލިސީތަކެއް ރާވަން،" އާދިލް ސަލީމް ވިދާޅުވި އެވެ.
"މިސާލަކަށް މަހުގެ އަގު ދަށްވެ ތެޔޮ އަގުބޮޑުވާ ދުވަސްވަރު މަހަށް ނުނިކުތުމަށް އަޅުގަނޑުމެން އޭރު ހުންނާނެ މަސްވެރިންނަށް އިރުޝާދުވެސް ކޮށްފައި. މަސްވެރިކަމަކީ ވެސް ވިޔަފާރިއެއް. އެހެން ވީމާ އެގޮތަށް ވިޔަފާރިއެއް ގޮތަށް އެކަން ކުރަން ކަންކަމުގެ ހަގީގަތް ނުފޮރުވާ މަސްވެރިންނަށް ބުނެދިނުން ރަނގަޅު. މިފްކޯއިން އެތަނުގެ ތަފާސް ހިސާބުތައް އާންމުކޮށްފައި ހުރުން މުހިންމު. މަސް ގަންނަ އަގާ ހިނގާ ހަރަދާ. އޭގެން ދެކޮޅު ޖެއްްސޭތޯއާ، މި ހުރިހާ އެއްޗެއް ތަފްސީލްކޮށް ފެންނަން ހުރުން ވަރަށް މުހިންމު. އޭރުން މަސްވެރިންނަށް ވެސް މި ކަންކަމުގެ ހަގީގަތް ގަބޫލު ކުރެވޭނެ،"

މަސްމާރުކޭޓު ސަރަހައްދުގައި މަސްވެރިން ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މަސްވެރިކަމުގެ ދާއިރާގެ ހުރިހާ އެންމެންނަށް ވެސް އިއްތިފާގުވާ އެއްކަމަކީ މަހުގެ ހަމަ އަގަކީ ބާޒާރުގައި އެއިރެއްގައި މަހުގެ އަގު އޮންނަ ވަރެވެ. މަހަށް ބޮޑު އަގު އަބަދަކު ހޯދައިދިނުމަކީ އެއްވެސް ސަރުކާރަކަށް ކޮށްދެވޭނެ ކަމެއް ނޫނެވެ. ސަބަބަކަށް ވަނީ މަހުގެ އަގު ކަނޑައެޅުމަކީ ސިޔާސީ ވެރިންގެ އަތް މަތީގައި އޮތް ކަމެއް ނޫނެވެ. މަހުގެ ވިޔަފާރިއާ ގުޅިފައި ވަނީ ބޭރުގެ މާރުކޭޓްތައް ކަމުން ރާއްޖޭގައި މަހުގެ އަގު ހުންނާނީ އެ މާރުކޭޓުތަކުގެ އަގުތަކަށް ރިއާޔަތްކޮށެވެ. އެހެން ވީމާ މަހަށް ހަމަ އަގު ހޯދައިދިނުމުގެ ސިޔާސީ ވައުދަކީ ބޮޑު އޮޅުވާލުމެއް ނޫން ހެއްޔެވެ؟
ބޮޑު މާކެޓިން ކެމްޕޭނަކުން އަގު އުފުލައިލެވިދާނެ
ދުނިޔޭގައި ބާނާ ކަނޑުމަހުގެ 99 ޕަސެންޓަކީ ދާއަޅައިގެން ނުވަތަ ލޭނު އަޅައިގެން ނަގާމަހެވެ. ނަމަވެސް ރާއްޖެއިން ދުނިޔޭގެ ބާޒާރުގައި ވިއްކާ މަސް ތަފާތު ވަނީ ދޮށި އަޅައިގެން ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ފަހަރަކު މަހެއް ބާނަމުން ދާތީ އެވެ. މިއީ ދުނިޔެ ގަބޫލުކޮށްފައިވާ ތިމާވެއްޓާ އެންމެ ރަށްޓެހި ގޮތެވެ.
އާދިލް ސަލީމް ވިދާޅުވި ގޮތުގައި ރާއްޖެއިން ބާނާ މަހަށް ބޮޑު އަގެއް ހޯދައިދެވޭނެ ގޮތަކީ ދޮށީގެ މަސްވެރިކަމުން ރާއްޖޭގައި މަސް ބާނާކަން ދުނިޔެއަށް ޕްރޮމޯޓްކޮށްދީގެންނެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި މަސް ކިލޯއަކަށް 34 ރުފިޔާގެ ރޭޓެއް ދެވުނީ އެ މަގުން މަސައްކަތްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ތަޖުރިބާއާ އެކު ވާހަކަ ދައްކަވަމުން އާދިލް ސަލީމް ވިދާޅުވި ގޮތުގައި ދާއަޅައިގެން ނުވަތަ ލޭނު އަޅައިގެން ނަގާފައި ހުންނަ މަހާ އެއްވަރުގެ އަދަދެއް ރާއްޖޭގެ މަހަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ނަމަ އެއީ އިންސާފެއް ނޫނެވެ. އެ ވަކާލާތު ދުނިޔޭގެ ބޮޑެތި ސްޓޭޖްތަކުގައި ރާއްޖެއިން ކުރަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އެކަން ދުނިޔެއަށް ބުނެދިނުމަށް ޓަކައި ރާއްޖޭގައި މަސް ބާނާ ތިމާވެއްޓާ ރަށްޓެހި ގޮތުގެ ވާހަކަ ކިޔައިދޭނެ ބޮޑު މާކެޓިން ކެމްޕޭނެއް ދުނިޔޭގައި ފަށަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ދިވެހި މަހަށް ބޮޑު އަގު ހޯދައިދެވެން އޮތް ވަރަށް ޔަގީން މަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްވެރިން، މަސްވެރިކަން
"އަޅުގަނޑުމެން އޭރު ރައީސް ނަޝީދުގެ ސަރުކާރުގައި ބޭރަށް ގޮސްފައި ބުނެދިނީ ސީދާ އަޅުގަނޑުވެސް ފޯރަމެއްގައި ތަގުރީރުކޮށްފައި ބުނިން ދިވެހިން މަސް ބާނަނީ ސީދާ ވަކިވަކި މަހުގެ އަގައިގައި ބުޅި އަޅުވާފައި ނަގައިގެންނޭ. އެކަމަކު ދާއަޅައިގެން ނޫނީ ލޭނު އަޅައިގެން ބާނާފައި ހުންނަ މަހަށް ވެސް އެއް އަގެކޭ މި ލިބެނީ. އެހެން ވީމާ އެކަން ބަދަލުވާން ޖެހޭ. އެހެން ވަކާލާތުކޮށްގެން ރާއްޖޭގެ މަހަށް ތަންކޮޅެއް ބޮޑު ރޭޓެއް އަޅުގަނޑުމެންނަށް އޭރު މާކެޓްތަކުގައި ހޯދުނު. ތިމާވެށީގެ ކެމްޕޭން ރާއްޖެއިން ކުރާއިރު މި މަސް ބޭނުމުގެ ވާހަކަ ދައްކާ ދުނިޔެއަށް އެވާހަކަ ބޮޑަށް ބުނެދޭން ޖެހޭ. ރައީސް ނަޝީދު ވެސް އަދި މައުމޫން ވެސް އެ ވާހަކަ މާ ވަރަކަށް ނުދެއްކެވި. އެހެން ނަމަ، އަޅުގަނޑުމެންނަށް މަހަށް މިހާރަށް ވުރެ ރަނގަޅު ރޭޓެއް ހަގީގަތުގައި ހޯދި ދާނެ. މަހުގެ އަގު ކޮންޓްރޯލް ނުކޮށް މިކަހަލަ ފުޅާވިސްނުންތަކެއް ހަގީގަތުގައި ގެންގުޅެން ޖެހޭނީ،" އާދިލް ސަލީމް ވިދާޅުވި އެވެ.
މިހާރުވެސް ރާއްޖެއިން މަސް ގަނެގެން ތައިލެންޑުގެ އެކި ކުންފުނިތަކުން ރާއްޖޭގެ މަސް، ދަޅުގައި ބަންދުކޮށް ބޮޑު އަގުގައި ބޭރުގެ މާކެޓްތަކުގައި ވިއްކަ އެވެ. އެ މީހުން އެ މަސް ބޮޑު އަގުގައި ވިއްކަނީ، ރާއްޖޭގެ މަހަކީ ދޮށިން ބާނާ މަސް ކަމަށް ޕްރޮމޯޓްކޮށްގެންނެވެ. އެހެންވީމާ ރާއްޖެއަށް އެކަން ނުވާންވީ ކީއްވެ ހެއްޔެވެ؟
އާދިލް ސަލީމްގެ ވާހަކައަށް މިފްކޯގެ އޮޕަރޭޝަންސް މެނޭޖަރު ދީދީ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިފްކޯގެ މިސްރާބު މިހާރު ހުރީ ރާއްޖޭގެ ރޯ މަސް ތައިލެންޑަށް ބޭރު ކުރުމުގެ ބަދަލުގައި އެ މަސް ރާއްޖޭގައި ދަޅުގައި ބަންދުކޮށް ސީދާ ރާއްޖެއިން އެ ޕްރޮޑަކްޓް ބޭރަށް ވިއްކުމަށް ކަމަށެވެ. އޭރުން މިފްކޯގެ ފައިދާ އެތައް ގުނައެއް ބޮޑުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުގެ ވިސްނުން ހުރީ މިފްކޯ މެދުވެރިކޮށް ވެލިއު އެޑް ކުރަން ރޯމަސް ބޭރުނުކޮށް. އޭރު އަޅުގަނޑުމެންނަށް މަސްވެރިންނަށް ވެސް މިހާރަށް ވުރެ ރަނގަޅު އެއްޗެެއް ދެވޭނެ. ފައިދާ އިތުރު ވީމާ އޭތި އަޅުގަނޑުމެންނަށް މަސްވެރިންނަށް ޕާސް ކުރެވޭނެ. އެގޮތުން ފެލިވަރުގެ ކޭނިން ކެޕޭސިޓީ ބޮޑުކުރުމާއި ސްޓޯރޭޖް ކެޕޭސިޓީ ބޮޑު ކުރަން ސަރުކާރުން އިންވެސްޓްމަންޓުތަކެއް ކުރާނެ. އެކަން ކާމިޔާބު ވީމާ ބޮޑު ފައިދާއެއް ދިވެހިންނަށް މަސްވެރިކަމުން ނެގޭނެ،" ދީދީ ވިދާޅުވި އެވެ.

ޅ. ފެލިވަރު މަސް ބަންދުކުރާ ފެކްޓްރީ -- ފޮޓޯ: ފެލިވަރު
މިފްކޯއަށް މިހާރު ވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 150 ޓަނުގެ މަސް ނަގަ އެވެ. އެހެން ނަމަވެސް ފެލިވަރުގެ ކެޕޭސިޓީ މިވަގުތު ހުރި ގޮތުން 50 ޓަނަށް ވުރެ އިތުރަށް އަދި މަސް ބަންދު ކުރެވޭކަށް ނެތެވެ. އެކަމަކު މިފްކޯގެ އަމާޒު ކުރަމުން ދަނީ، އިންވެސްޓްމަންޓްތަކެއް ކޮށްގެން މަސް ޕްރޮސެސް ކުރެވޭ އަދަދު 65 ޓަނަށް އިތުރު ކުރާށެވެ. އަދި މިފްކޯއިން ގަންނަ މަހުގެ 70 ޕަސެންޓް ވެލިއު އެޑްކުރުމަށް އެ ކުންފުނީގެ އަމާޒެއް އެބަ އޮތެވެ.
މިފްކޯގެ މިސްރާބު އަދިވެސް ބަދަލުކުރަން ޖެހޭ
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު މިފްކޯއިން ގަންނަ މަހުގެ 67 ޕަސެންޓަށް ވުރެ ބޮޑުބައެއް ބޭރު ކުރަން ޖެހެނީ ފިނިކުރި މަހުގެ ގޮތުގައި ތައިލޭންޑަށެވެ. ފިނިކުރި މަސް ބޭރުކުރަން ޓަނަކަށް 1،800 އެއްހާ ޑޮލަރު ހަރަދު ކުރަން ޖެހުނު ނަމަވެސް، ތައިލެންޑަށް އެ މަސް ވިއްކެނީ ޓަނެއް 900 ޑޮލަރަށެވެ. އެއީ ޓަނަކުން 900 ޑޮލަރުގެ ގެއްލުމެކެވެ. ހަގީގަތުގައި މިފްކޯއަށް ކުރަން ޖެހިފައި އޮތީ ގެއްލުން ބޮޑު ވިޔަފާރި އެކެވެ. މައްސަލައަކަށް ވަނީ މަސްވެރިންނަށް ހަމަ އަގު ހޯދައިދޭން މިފްކޯއިން ކުރަން ޖެހޭ މަސައްކަތް ބޮޑުވުމެވެ.
އާދިލް ސަލީމް ވިދާޅުވި ގޮތުގައި މިފްކޯގެ މިސްރާބު ބަހައްޓަންވީ މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ މިސްރާބަށް ދިޔުމަކަށް ނޫނެވެ. އެއީ ރިއަލިސްޓިކްކޮށް ހާސިލް ކުރެވޭނެ އަމާޒެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި މިފްކޯއިން އަމާޒު ކުރަންވީ މަސްވެރި މީހާ ތަރައްގީ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އާދިލް ސަލީމް ގަބޫލު ކުރައްވާ ގޮތުގައި ދޯނިތަކުގައި އައިސްޕްލާންޓް ފަދަ ތަކެތި ބަހައްޓާ އެ މީހުން ބާނާ މަސް ގިނަ ދުވަހު ރަނގަޅު ކޮލިޓީގައި ތާޒާކޮށް ބެހެއްޓުމަށް މިފްކޯއަށް މަސްވެރިންނަށް އިންވެސްޓް ކުރެވިދާނެ އެވެ. އޭގެ ސަބަބުން، މަސްކޮޅު ކިރާލަން ވަގުތު ނެގިއަސް ޝަކުވާތައް އައުން މަދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިފްކޯއިން ބާޒާރުގެ ބޮޑު ޗަންކެއް ނެގުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޕްރައިވެޓް ސެކްޓަރު ކުރިއަރުވަން އެހީވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީ މެނިފެސްޓޯގައިވާ ގޭދޮށު މަސްފެކްޓްރީ ފަދަ ތަންތަން ގާއިމްކުރުމަށް މިފްކޯއަށް ރަށްރަށުގެ ކައުންސިލްތަކާ ހިއްސާވެގެން މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ރައީސް މައުމޫންގެ ސަރުކާރުގައި މަސްވެރިކަމުން ނަފާ ނެގުމުގެ ވަރަށް ބޮޑު ޕްރޮޖެކްޓެއް ހިންގި. އޭގެ ތެރެއިން ދޯނިތައް ބޮޑުވެ މަސްވެރިކަމަށް ބޮޑު އިންގިލާބެއް އައި. އެއަށް ފަހު ދެން އިންވެސްޓެއް ނެތް ކުރެވިފައި ސީދާ މަސްވެރިންނަށް އެހީވުމަށް. ހަގީގަތުގައި މިފްކޯއިން ބަލަންވީ މަސްވެރިން ބާނާ ހުރިހާ މަހެއް ކިރޭތޯއެއް ނޫން. އެއީ ވާނެ ކަމެއް ވެސް ނޫން. އޭގެ ބަދަލުގައި މަސްވެރިންނަށް އިންވެސްޓްމަންޓްތަކެއް ކޮށްދޭން މިފްކޯގެ މިސްރާބު ހުންނަންވީ. އޭރުން މި ހުންނަ ޝަކުވާތައް ހައްލު ކުރެވޭނެ. މިހާރަށް ވުރެ ބޮޑަށް ދުރަށް މިފްކޯ ވިސްނަންވީ،" އާދިލް ސަލީމް ވިދާޅުވި އެވެ.
އަގަށް ވުރެ ބޮޑެތި މައްސަލަތަކެއް
މަސްވެރިންގެ ޖަމްއިއްޔާގެ ޝާފިއު ދެކޭ ގޮތުގައި މަހަށް ހަމަ އަގު ނުލިބުމަކީ އޭގެ ޒާތުގައި މާބޮޑު ވާހަކައެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ މީހުން ބާނާ މަސް ދުވަހުން ދުވަހަށް ނުކިރޭ ގޮތްވުމެވެ. މަސް ކިރުވަން މިފްކޯގެ ފެސިލިޓީތަކުގައި ކިޔޫގައި ޖެހިގެން 3-4 ދުވަސް ހޭދަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން މަހުގެ ކޮލިޓީ ދަށްވެ މަހުގެ އަގު އިތުރަށް ވެއްޓޭ ކަމަށް އޭނާ ވިދާޅުވި އެވެ. ވަގުތުން ވަގުތަށް ހައްލު ކުރަން ޖެހޭ ކަމަކީ ޝާފިއު ވިދާޅުވި ގޮތުގައި ދުވަހުން ދުވަހަށް މަސް ކިރޭނޭ ގޮތެއް ހަމަޖެއްސުމެވެ.
"ފައިސާ ހަފްތާއެއް ތެރޭ ލިބުމަށް ވުރެވެސް މަހުގެ ހަމަ އަގުގެ ވާހަކައަށް ވުރެވެސް އެންމެ ބޮޑު މައްސަލައަކީ މަސްވެރިންނަށް އެ މީހުން ބާނާ މަސް ކިރޭނެ ގޮތެއް ނެތުން. އެތައް ދުވަހެއް ނުކުރިވުން. އެހެން ވީމާ އެއީ ވަގުތުން ވަގުތަށް ވެސް ހޯދަން ޖެހޭ ހައްލެއް. މަސް ކިރޭނެ ގޮތްތަކެއް. އެކަން ނުކުރެވޭ ނަމަ މަސްވެރިންގެ ޝަކުވާތައް ބޮޑުވަމުން ދާނީ. ހަގީގަތުގައި އެތައް ދުވަހެއްގައި މަސްނުކުރި ކިޔޫގައި ހުންނަން ޖެހުން އެއީ މަސްވެރިންނަށް އެފާޑު ކުރެވޭނެ ކަމެއް ނޫން،" ޝާފިއު ވިދާޅުވި އެވެ.

މާރުކޭޓުގައި މަސްވެރިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އާދިލް ސަލީމްވެސް ދެކެވަޑައިގަންނަވާ ގޮތުގައި މަސްވެރިންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް މިހާރުގެ މަސްވެރިކަމާ ބެހޭ ވުޒާރާގެ ލީޑަޝިޕް ފެއިލްވެއްޖެ އެވެ. ޓޫރިޒަމް ދަށްވި ވަގުތު މަސްވެރިން ކޮޑުޖަހައިގެން ނިކުމެ ދާއިރާ ކުރިއަރުވަން ލިބުނު ފުރުސަތު ނަގާލައިފި އެވެ. ސަބަބަކަށް ވަނީ މަސްވެރިކަން ކުރިއަރުވަން އޮތް ފިޝަރީޒް މިނިސްޓްރީގެ އެކްޓިވް ރޯލެއް ނުފެނުމެވެ. މަސްވެރިން ރުޅިއަންނަނީ ހައްގު ކަންކަމުގައި ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
"ފެނޭތޯ އެބަ މަސްވެރިންގެ ކޮންސާންތަކަށް ހައްލެއް ގެންނަން ފިޝަރީޒް މިނިސްޓަރުގެ އެކްޓިވް ރޯލެއް؟ ނުފެނޭ ނޫންތޯ. މިއީ މަސްވެރިން އަތުގައި ހިއްޕަވައިގެން މިނިސްޓަރު ނިކުމެ ސޮލިއުޝަން ހޯއްދަވަން ޖެހޭ ވަގުތު. އެކަމަކު އެކަމެއް ނުކުރެވޭ. ހަމަ އެއްވެސް މަސައްކަތެއް ނުފެނޭ ކުރެވޭ ތަނެއް،" އާދިލް ސަލީމް ވިދާޅުވި އެވެ.
އެކި ސަރުކާރުތަކުން މަސްވެރިން ކައިރީ ދައްކަމުން އަންނަ ބުހުތާނު ދޮގުތަކުގެ އަޑުއަހައަހާ އެ މީހުން ވަރުބަލިވެއްޖެ އެވެ. ކަންކަން ރަނގަޅު ކުރަން އެކި ސަރުކާރުތަކަށް ފުރުސަތު ދެވިއްޖެ އެވެ. އެކަމަކު އެއްވެސް ސަރުކާރަކަށް މައްސަލަތަކަށް ހައްލެއް ހޯދައިނުދެވުނެވެ. ކޮންމެ ސިޔާސީ ލީޑަރަކުވެސް ވިދާޅުވަނީ މަސްވެރިންނަށް "ހަމަ އަގު" ހޯދައިދޭނެ ކަމަށެވެ. އެކަމަކު އެއީ ހަގީގަތަކަށް ވުމެއް ނެތް، އެނގި ތިބެ ހަދާ ރޯ ބުހުތާނު ދޮގެކެވެ.