ދެހާސް އަށްވަނަ އަހަރު ސ. ހިތަދޫގައި ވިހާފައި ދަރިފުޅު މަރާލި މައްސަލައެއްގައި އެ ކުއްޖާގެ މަންމަ. ސ. ހިތަދޫ ކަސީރާގޭ ޒުލައިހާ ޝަހުމީނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާގެ ޝަރީއަތްތައް އަލުން ފަށައިފި އެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ޒުލައިހާ ޝަހުމީނާގެ މައްސަލަ ކުރިން ބެލީ ކުރީގެ ގާނޫނު އަސާސީގެ ދަށުން ކަމަށާއި މިއަދު އަލުން ފެށީ އާ ގާނޫނު އަސާސީގެ ދަށުން އެ މައްސަލަ އަލުން ބަލަން ނިންމާފައިވާތީ ކަމަށެވެ.

މި މައްސަލަ އަލުން ފެށީ މައްސަލައިގައި ޒުލައިހާ ޝަހުމީނާގެ ވާރިސުން ކޯޓަށް ހާޒިރުކޮށް ސުވާލު ކުރާ މަރުހަލާއަށް ގޮސްފައި ވަނިކޮށެވެ.

ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޒުލައިހާ ޝަހުމީނާ، ޒިނޭކޮށް ބަލިވެއިނދެ ފެބްރުއަރީ 4 ،2008 ދުވަހު ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ވިހާފައިވާ އަންހެންކުއްޖާ ފެބްރުއަރީ 16 ،2008 ދުވަހު 5:30 އެހާކަންހާއިރު ނިދާފައި އޮއްވާ އެކުއްޖާއަށް ނޭވާ ނުލެވޭނެހެން ފަސް ވަރަކަށް މިނެޓް އެކުއްޖާގެ ނޭފަތާއި އަނގަމަތީގައި އަތް އަޅައި އޭނާގެ ވައަތުން ކުއްޖާގެ ދެފައިގައި ހިފަހައްޓައި ގަސްތުގައި މަރާލާފައިވާތީ އޭނާގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލިކަމުގެ ދައުވާ ކުރާ ކަމަށެވެ.

ނަމަވެސް ޒުލޭޚާ ޝަހުމީނާ ވަނީ ގަސްތުގައި ދަރިފުޅު މަރާ ނުލާކަމަށް ބުނެ މިއަދު ދައުވާއަށް އިންކާރުކޮށްފަ އެވެ.

އޭނާ ބުނީ ދަރިފުޅަށް ބުއްދޭން އެނދުމަތީގައި އޭނާ އިންދާ އޭނާއަށް ނިދުނު ވަގުތު ދަރިފުޅު ބިންމައްޗަށް ވެއްޓުނީ ކަމަށެވެ.

"ބިން މަތިން ނެގިއިރު ދަރިފުޅު އޮތީ ލޯ ހުޅުވިފައި،" އޭނާ ބުންޏެވެ.

ދެން ކަންތައްވީގޮތާއި ބެހޭގޮތުން ގާޒީ ސުވާލުކުރުން އޭނާ ބުނީ ދަރިފުޅު ބިންމައްޗަށް ވެއްޓުމުން އޭނާގެ މަންމަ ދަރިފުޅު ނަގައިގެން ދަރިފުޅުގެ ނިތްކުރީގައި ގަނޑުފެން އެޅި ކަމަށެވެ. ދަރިފުޅު ނެގިއިރު ދަރިފުޅުގެ ހަށިގަނޑު ދުޅަވެފައި ހުރިތޯ ގާޒީ އެއްސެވުމުން އޭނާ ބުނީ ދަރިފުޅުގެ ހަށިގަނޑު ދުޅަވެފައި ހުރިކަން އެނގިފައި ނުވާ ކަމަށެވެ.

އަލުން މައްސަލަ ފެށުމުން ޒުލައިހާ ޝަހުމީނާ ދައުވާއަށް އިންކާރު ކޮށް ދަރިފުޅު މަރާ ނުލާ ކަމަށް ބުނި ނަމަވެސް ކުރިން އޭނާ ފުލުހުންގެ ތަހުގީގަށް ދިން އިއުތިރާފު ބަޔާނުގައި ބުނަނީ އޭނާ އަކީ މީހަކާ އިނދެގެން ފަސް ކުދިން ލިބިފައިވާ މީހެއް ކަމަށާއި އެއް ދުވަހަކު ފިރިހެނަކަށް ފޯނު ނަންބަރު ދިނުމުން ގުޅުން ބަދަހިވެ، އެ ފިރިހެން މީހާއާ އެއްކޮށް ޖިންސީ ގުޅުން ހިންގީ ކަމަށެވެ. އޭނާ ވިހެއި ކުއްޖަކީ އެމީހާގެ ކުއްޖެއް ކަމަށާއި ވިހެއި ދުވަހުން ފެށިގެން ކުއްޖާ މަރާލުމުގެ ހިޔާލު އައިސްފައިވާ ކަމަށެވެ.

އަދި ބުނެފައި ވަނީ ދަރިފުޅު މަރުވުމަށްފަހު ޒުލައިހާ ޝަހުމީނާ މަންމަ އަށް ގޮވި ކަމަށާއި މަންމަ ބަލައިފައި ކުއްޖާގެ ނެޕީ ބަދަލުކޮށް ގައިގައި ގަނޑުފެން އުނގުޅި އިރުގައި ވެސް އޮތީ މަރުވެފައިވާކަން އޭނާއަށް އެނގޭ ކަމަށެވެ.

ދައުލަތުގެ ވަކީލު މިއަދު ވިދާޅުވީ ޒުލޭޚާ ޝަހުމީނާގެ މައްޗަށް ދައުވާކުރަނީ ތަހުގީގުގައި އޭނާ އެކަން ކުރިކަމަށް އިއުތިރާފް ވެ ދީފައިވާ ބަޔާނެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް ގާޒީ މިއަދު ވިދާޅުވީ އެކަން ކުރިކަމަށް އިއުތިރާފުވެ ތަހުގީގަށް އޭނާ ބަޔާން ދިންނަމަވެސް ޝަރީއަތުގައި އެ އިއުތިރާފުން ޒުލައިހާ ޝަހުމީނާ ރުޖޫއަވެފައިވާތީ ޝަރީއަތަށް އެ ބަޔާން ބަލައި ނުގަނެވޭނެ ކަމަށެވެ.

ދައުލަތުގެ ފަރާތުން ވަނީ އެ ކުއްޖާ މަރުވެފައި އޮއްވާ ހިތަދޫ ހޮސްޕިޓަލަށްދިޔަ ދެ ފުލުހަކާއި އެ މައްސަލަ ތަހުގީގުކުރި ފުލުހުންގެ އިނިސްޕެކްޓަރު ހެކީންގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާފަ އެވެ.

މި މައްސަލައިގައި ޒުލޭޚާގެ ފަރާތުން ހެކިހުށަހެޅުމަށް ގާޒީ ފުރުސަތު ހުޅުވާލުމުން ޒުލައިހާ ޝަހުމީނާ ބުނީ ހުށަހަޅާނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.