19:00


ހުޅުމާލޭގައި ހުންނަ ލާލޭ ޔޫތު އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ތަފާތު ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާ ކުރުމާއި، ބުލީ ކުރުމާއި، ދަރިވަރުންގެ މެދުގައި ޓީޗަރުން ތަފާތުކުރުން ގެންގުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ބުނެފި އެވެ.


ލާލޭ ސްކޫލްގައި އިންސާނީ ހައްގުތަކާ ޚިލާފް ކަންތައްތަކެއް ހިނގަމުންދާ ކަމުގެ ޝަކުވާތަކެއް ހި އެޗްއާރްސީއެމަށް ލިބުމާ ގުޅިގެން އެ ކޮމިޝަނުން އެކަން ތަހްގީގްކޮށް މިއަދު އާއްމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ އެކުދިންގެ ގައިގައި ބެލްޓުންނާއި، އަތުންނާއި، ފައިލުން އަދި ފޮތުން ޖެހުމާއި، ދަރިވަރުންގެ ކޮނޑުމަތީގައި އިންނަ ވަކި ނާރަކާ ދިމާލުގައި ވިކާ އަދި ޖަހާ ހަދާ ކަމަށާއި، ތަޅުދަނޑިފަތި ކުދިންނާ ދިމާލަށް އެއްލާ، ދަރިވަރުން އަވީގައި ކޮޅަށް ބަހައްޓާ، ސްކޫލުތެރޭގައި ގިނަ އިރުތަކެއް ވަންދެން ގަދަކަމުން ދަރިވަރުން ދުއްވާ ކަމަށެވެ. އަދި ތުއްތު ކުދީން ބިރުގެންނެވުމުގެ ގޮތުން އެ ކުދީންނާ ދިމާލަށް އަޑުހަރުކޮށް ހަޅޭއްލަވާ ހުތުރު ބަހުން މުޚާތަބުކޮށް، ހަމުގެ ކުލަޔަށް ބަލައި ކުދީންނާ މެދު ތަފާތުކޮށް، އަންހެން ދަރިވަރުންނަށް އަގުހުރި ހަދިޔާތައް ދެމުންގެންދާކަން ވެސް އެޗްއާރްސީއެމްގެ ރިޕޯރޓްގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން އެ ސްކޫލްގެ ތެރޭގައި ދަރިވަރުންގެ މެދުގައިވެސް ކަންބޮޑުވާންޖެހޭ ފަދަ ނޭދެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ދަރިވަރުން ދަރިވަރުންނަށް ބުލީކުރާކަން ފާހަގަކޮށްފައިވެ އެވެ.


މީގެ އިތުރުން ވެސް މުވައްޒަފުންނާ ބެހޭ ކަންތައްތަކަށް ބަލާލައި އެ ރިޕޯޓްގައި ބުނެފައި ވަނީ މުވައްޒަފުންނާ މެދު ތަފާތުކުރުމާއި، ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއާ ބެހޭ ޤާނޫނާ ތައާރުޒުވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މުވައްޒަފުންނަށް އުޖޫރަ ދިނުމުގައި ވަކި މިންގަނޑެއް ނުވަތަ އުސޫލެއް ނޯންނަ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.


އެ ރިޕޯޓްގައި އަދި ބުނެފައި ވަނީ ބިދޭސީ ޓީޗަރުންނަށް ވަޒީފާ ދިނުމަށް ފެންވަރު ކަނޑައެޅުމުގައި އެޑިއުކޭޝަނުގެ ދައުރެއް ނެތްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މަސްއޫލުވެރި ފަރާތުން ސްކޫލުގެ ހިންގުން ހަވާލުކޮށްފައި ވަނީ ސްކޫލުގެ ޕްރިންސިޕަލް ޒިންމާވާ ގޮތަށް ސްކޫލުގެ މެނޭޖްމަންޓާ ކަމަށް މަސްއޫލުވެރި ފަރާތުން މަޢުލޫމާތު ދީފައިވީ ނަމަވެސް، ސްކޫލު ހިންގުން ހަވާލުކުރުމުގައި ކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.


އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން ޖިނާއީ ތަހްގީގެއް ކުރަންޖެހޭ ކަމަށް ގަބޫލުކުރެވޭ ކަންތައްތައް ތަހްގީގުކުރުމަށް މިދިޔަ މަހުގެ 31 ގައި ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.


ލާލޭ ސްކޫލާ ގުޅޭ މައްސަލަތަކެއް ކޮމިޝަނުގެ ސަމާލުކަމަށް އަމިއްލަ ފަރާތަކުން ގެނެސްފައި ވަނީ މިއަހަރު އޭޕްރީލް މަހުގެ ތެރޭގަ އެވެ.