26 Nov 2020, 12:56
ހިޔާނާތުގެ މައްސަލަތަކަށް އިންސާފު ހޯދޭނީ މުއައްސަސާތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަހީމް ވިދާޅުވެއްޖެ އެވެ.
އެންޓިކޮރަޕްޝަން ކޮމީޝަން (އޭސީސީ)ގެ ސްޓްރެޓިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމަށް އެ ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝަމީމް ވިދާޅުވީ، ދިވެހި ރައްޔިތުންގެ މަސްލަހަތާ ގުޅޭ މައްސަލަތައް ހާއްސަކޮށް ކޮރަޕްޝަންގެ މައްސަލަތަކަކީ އެއްވެސް ހާލެއްގައި ދޫދެވިގެން ވާނެ މައްސަލަތަކެއް ނޫން ކަމަށެވެ. އެކަންކަމަށް އިންސާފު ލިބޭނީ، މުއައްސަސާތަކުގެ ފެންވަރު ރަނގަޅުކޮށް، ކުށް ކުރާ މީހުންގެ ވިސްނުމާ އެއްވަރަށް މަސައްކަތްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މައްސަލަތައް ޝަރީއަތާ ހަމައަށް ގެންގޮސް، ފުރިހަމަ އިންސާފު ހޯދައިދެވޭނީ މި ދާއިރާގައި މަސައްކަތް ކުރާ އިދާރާތަކުން ކުރާ މަސައްކަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރެވިގެން. އަދި އަޅުގަނޑުމެންގެ ވިސްނުންވެސް ކުށްކުރާ މީހުންނާ އެއްވަރަށް ކުރިއަށް ގެންދެވިގެން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއަދު އިފްތިތާހު ކުރި އެކްޝަން ޕްލޭނުން ތަހުގީގުތަކާއި މަސައްކަތްތައް މިހާރަށްވުރެ، އަވަސްކަމާއެކު ކުރިއަށްދާނެ ނިޒާމުތައް އެކަށައެޅިގެންދާނެ ކަން ޔަގީން ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕީޖީ އާއި އޭސީސީއަކީ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ދެ މުއައްސަސާ އެވެ. އެގޮތުން ދެ މުއައްސަސާގެ ޒިންމާތައްވެސް ފުރިހަމަށް ކާމިޔާބު ވަނީ، ދެ މުއައްސަސާގެ މަސައްކަތްތައްވެސް ކާމިޔާބުގެން ކަމަށް ޕީޖީ ފާހަގަ ކުރެއްވި އެވެ.
"އޭސީސީގެ މަސައްކަތަތަކީ ހަމަ އަޅުގަނޑުގެ މަސައްކަތް. އަޅުގަނޑުގެ މަސައްކަތަކީ އޭސީސީގެ މަސައްކަތް ކަމަށް މިހާރު އޮތް މި ނިޒާމުން އެބަ ގަބޫލު ކުރޭ،" ޕީޖީ ވިދާޅުވި އެވެ.
އެހެން ކަމުން ދެ މުއައްސަސާގެ އޮތް ޕޮރޮފެޝަނަލް ގުޅުމާއި އިންސާނީ ގުޅުންވެސް އިތުރަށް ވަރުގަދަ ކުރަން ބޭނުންވާ ކަމަށް ޕީޖީ ހާމަ ކުރެއްވި. އެވެ. އަދި އެކަމުގައި އޭސީސީގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ޝަމީމް އެދިވަޑައިގެންނެވި އެވެ.