ރާއްޖެ ދުނިޔެއަށް މަޝްހޫރު ވަނީ މަހުޖަނުންގެ ޗުއްޓީގެ މަންޒިލުގެ ގޮތުގަ އެވެ. ބިޔަ ޓެކްނޮލޮޖީ ފާމް މައިކްރޯސޮފްޓްގެ އެއް ބާނީ ޕޯލް އެލަން އަމިއްލަ ޔޮޓާއެކު އަހަރުގެ ޗުއްޓީގެ ހޭދަކުރައްވަން ވަޑައިގަތީ ރާއްޖެ އަށެވެ. އެހެންވެ ދުނިޔޭގައި މި އަހަރު ރާއްޖެ މަޝްހޫރުވީ ޕައުލް އެލަންގެ "އަގުބޮޑު މަންޒިލް"ގެ ގޮތުގަ އެވެ.

ރާއްޖެ އަންނަ ސްޕަ ޔޮޓްތަކުގެ އެޖެންޓްކަން ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) ގެ ސެކްރެޓަރީ ޖެނެރަލް މުހަންމަދު އަލީ ވިދާޅުވި ގޮތުގައި މި ދުވަސްވަރު ޔޮޓްތަކާއި ކްރޫޒް ލައިނާ ތަކުން ރާއްޖެ އަންނައިރު ދުނިޔޭގެ އެތައް ބައެއްގެ މެދުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުވާނެ އެވެ.

"މިއީ ހިލޭ އިޝްތިހާރުވާ އިޝްތިހާރުވުމެއް. ހަގީގަތުގައިވެސް ރާއްޖޭގެ މަޝްހޫރުކަން ސްޕަ ޔޮޓްތަކުގެ [ސަބަބުން] އެތައް ތަނަކުން އިތުރުވޭ،" މުހަންމަދު ވިދާޅުވި އެވެ. "ދުނިޔޭގެ ގިނަ ބަޔަކު ޕޯލްގެ ދަތުރުގެ ވާހަކަ ދައްކާ، އެގޮތުން މި ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައި،"

http://www.sun.mv/uploads/l_1461063.jpg
ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކަނަޑައެޅޭ ބަޖެޓްގެ ކުޑަ ކަމުގެ ޝަކުވާ އިވޭއިރު މަހުޖަނުންގެ ސްޕަ ޔޮޓްތަކަކީ ބަޖެޓްގެ ދަތިކަން ފޫބައްދާ ރާއްޖެ އިޝްތިހާރުކުރުމަށް ލިބޭނެ "ސަޅި" ފުރުސަތެކެވެ. އެކަން އެކަންޏެއް ނޫނެވެ. އެ ޔޮޓްތައް ރާއްޖޭގެ ކަނޑުގައި ހޭދަކޮށްލާ ދުވަސްތަކަކީ އިގްތިސޯދަށް ބޮޑު އެއްޗެއް ވަންނަ ދުވަސްކޮޅެކެވެ.
"ހަމަ އެކަނި އެ މީހުން އަޅާ ތެލަށް އެކަނިވެސް މިލިއަނުން ޑޮލަރު ހަރަދު ކޮށްލާ. އަދި އެމީހުން ސަރުކާރާ ދައްކާ ފީ އާއި ރިސޯޓްތަކުން ހޯދާ ހިދުމަތްތަކަށްވެސް އެއްދުވަހުން [ރިސޯޓަކަށް] ޖެހޭ އެއްޗަކަށް ވުރެ ބޮޑު އެއްޗެއް ހަރަދުކުރޭ،" މުހަންމަދު ވިދާޅުވި އެވެ.

ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއަކަށް ޔޮޓް އިންޑަސްޓްރީވާއިރު އެ އިންޑަސްޓްރީއަށް ހީނަރުކަމެއް އަންނަކަން ތަފާތު ހިސާބުތަކުން މިހާރު ދައްކަން ފަށައިފި އެވެ. ޔޮޓް އެރައިވަލްގެ ތަފާސް ހިސާބު ދައްކާ ގޮތުން ގިނަ އަދަދަކަށް ޔޮޓް ބަނދަރުކުރާ އުލިގަމު ބަނދަރަށް މިއަހަރު މިހާތަނަށް އެއްވެސް ޔޮޓެއް އަދި ނާދެ އެވެ. ނަމަވެސް މިދިޔަ އަހަރު 58 ޔޮޓް އައިރު 2010 އެއްގައި އުލިގަމަށް 90 ޔޮޓެއް އަ އެވެ.

ދެން އެންމެ ގިނައިން ޔޮޓް ބަދަރުކުރާ ސ. ގަމަށް މިހާތަނަށް އައީ އެންމެ ޔޮޓެކެވެ. ނަމަވެސް މިދިޔަ އަހަރު 10 ޔޮޓެއް އައިރު 2010 ވަނަ އަހަރު 50 ހަކަށް ޔޮޓު ބަނދަރު ކުރި އެވެ.

މުހަންމަދު ވިދާޅުވީ އިންޑަސްޓްރީއަށް ހީނަރުކަން އަންނަން ދިމާވީ ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ކުދި ޔޮޓްތަކަށް ރާއްޖޭގައި ނަގާ ފީ ބޮޑުވުމާއި ޔޮޓްތައް މަޑުކުރަން ލިބޭ މުއްދަތުގެ ކުޑަކަމާއި އަދި ކަނޑުފޭރުމުގެ މީހުންގެ ނުރައްކާ ކަމަށެވެ. އޭނާ ވިދާޅުވީ ވަގުތުން ވަގުތަށް ވެސް ޔޮޓްތަކަށް ރާއްޖޭގައި މަޑު ކުރެރެވޭ މުއްދަތާއި ނަގާ ފީ ގެ މައްސަލައަށް ހައްލެއް ބޭނުން ވެއެވެ.

"މިހާރު އިންނަނީ ތިން މަސްދުވަސް ދީފައި. އޭގެ ފަހުން އަނެއްކާ އެބުރި ގޮސްފަ ލަންކާ ކަހަލަ ތަނަކުން ތެޔޮ އަޅައިގެން އަންނަންޖެހެނީ. އެ ކަހަލަ އެއްޗިހީގައި މި އަންނަނީ ބޮޑެތި މުއްސަދިން ކަހަލަ މީހުން. އެމީހުން ދަތުރު ޑިލޭވެސް ކޮށްލާ. ދެން އެގޮތަށް ވެއްޖިއްޔާ ރާއްޖޭން ބޭރުވެފައި އަންނަން މި ޖެހެނީ. އެ އެއްޗިހި މިތާ ތިބޭތީ ފީއެއް ވެސް ނަގާ. އަނެއްކާ ޓްރެފިކް ބޮޑުވެގެނެއް ނޫން މިއުޅެނީ. އެހެންވީމަ އެމީހުން ތިބޭ ދުވަސްތަކަށް ވަކި ރެސްޓްރިކްޝަން އެއް އޮންނާކަށް ނުޖެހޭ. އެހެންވެ އެމީހުން އެބަބުނޭ އެކަން ރަނގަޅު ކޫރިމައޭ އަންނާނީ،" އޭނާ ވިދާޅުވި އެވެ.

ޔޮޓްތަކުން ފީ ނެގެމަށް މާޔާ ދެކޮޅެއް ނުހަދަ އެވެ. މާޔާގެ ވާހަކައަކީ ފީއެއް ނަގާނަމަ ޔޮޓުގެ ސައިޒަށް ބަލައިގެން ފީ ނެގުމެވެ. އެއީ އެޔޮޓްތަކުން ވެސް އެދޭގޮތެވެ.

"ކުދި ޔޮޓްތަކުގައި މި އަންނަނީ ބޮޑެތި މުއްސަދިންނެއް ނޫން. ޕެންޝަން ލާރީގައި ދުނިޔެ ބަލައިލަން އަންނަ މީހުން. އަގު ބޮޑުވީމަ އެ މީހުން މިތަނަކަށް ނާންނާނެ. އެމީހުން ދާނީ ކުޑަ އަގު ނަގާ ތަންތަނަށް،" މުހަންމަދު ވިދާޅުވި އެވެ. "ސީރިއަސްކޮށް މި އިޝޫގައި ވިސްނަން އެބަޖެހޭ. އަޅާ ނުލާ ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން މީ،"

އުލިގަމުން ވާހަކަދެއްކި ފަރާތްތަކުގައި ވެސް ހުރީ ހަމަ އެ ކަންބޮޑުވުންތަކެވެ. ގިނަ ދުވަސްތަކެއްގެ ވަންދެން ޔޮޓްތަކަށް ހިދުމަތް ދެމުން އަންނަ މުހަންމަދު އިބްރާހިމް ބުނީ ގަވާއިދުތައް ހެދިފައި ހުރީ އިންޑަސްޓްރީއަށް ކޮށްފާނެ އިމްޕެކްޓަކަށް ބެލުމެއް ނެތި ބޮޑު ފައިދާއެއް ހޯދުމަށް ކަމަށް ބެލެވޭ ކަމަށެވެ.

"އެ ގަވައިދުތަކުގެ ސަބަބުން މިހާރު ވެސް އެބަ އަސަރުކުރޭ. އަހަރުމެން އޭގެން ބޮޑު ނަފާއެއް ހޯދަން. އެކަމަކު ޔޮޓް މި އަންނަ ރޭޓުން އޭގެ ޔަގީން ކަމެއް ނެތް،" މުހަންމަދު އިބްރާހިމް ބުންޏެވެ. "ކުރިން 20 ޑޮލަރު އެޖެންޓުން ޗާޖް މި ކުރަނީ. އެކަމަކު މިހާރު 300 ޑޮލަރު ވަރު ޗާޖް ކުރޭ،"