ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތެރެއިން ހިންގި އަށް މިލިއަން ރުފިޔާގެ ހިޔާނާތަކާ ގުޅިގެން މުވައްޒަފުންތަކެއް ސަސްޕެންޑްކޮށް ތަހުގީގު ފަށައިފި އެވެ.

އެ މައްސަލަ ފަޅާއަރުވާލީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ކުރެއްވި ޓްވީޓެއްގަ އެވެ. އޭނާ ކުރެއްވި ޓްވިޓްގައި ވިދާޅުވީ އަށް މިލިއަން ރުފިޔާގެ އެ ހިޔާނާތް ހިންގާފައި ވަނީ ތެޔޮ ވިއްކުމުގެ ތެރެއިން ކަމަށެވެ. އަދި އެކަމުގައި ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުން އެކަމަށް ކުންފުނީގެ ބޯޑުގެ ތާއީދެއް ނުލިބުނު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮވިޑް19ގެ ލޮކްޑައުންގެ ތެރޭގައި އެމްޕީއެލްއިން ހިންގި ބައެއް މުއާމަލާތްތަކުންގެ ތެރޭ ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ އިންޓާނަލް އޮޑިޓުން ރިޕޯޓެއް އެކުލަވާލައި، އެ މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އެ ހިޔާނާތުގައި ބައިވެރިވާކަމަށް ތުހުމަތު ކުރެވޭ މުވައްޒަފުން ވަނީ މިހާރު ސަސްޕެންޑުކޮށްފައި،" އެމްޕީއެލްގެ ބަޔާނުގައިވެ އެވެ. އެއީ ތިން މުވައްޒަފަކުކަން އެނގިފައިވެ އެވެ.

އެމްޕީއެލްގެ ބަޔާނުގައި އަދި ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާއި އޮޑިޓާ ޖެނެރަލްގެ އޮފީސް އަދި އޭސީސީއަށްވެސް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ކުޑަކަމެއްގެ ގޮތުގައި ނުނަގާނެ ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

"ކޮރަޕްޝަންގެ މައްސަލަތަކަކީ މި ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެއް. އަދި މިފަދަ އަމަލެއްގައި ޝާމިލުވާ މުވައްޒަފަކާ މެދު މިކުންފުނިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން." އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.