23 Jan 2012, 09:53
ސަރުކާރާ ދެކޮޅަށް ކުރާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭގެ މުޒާހަރާ ރޫޅާލައި 19 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިދިކޮޅު ގިނަ ޕާޓީތަކެއް ގުޅިގެން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގައި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި 15 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށާއި ނަމަވެސް އެ ކުއްޖާ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވި އެވެ. އަދި ރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަހުމަދު އިބްރާހިމް ދީދީ ]ސަންދާން އަހަންމައިދީ[ ވެސް ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ހަނީފު ވިދާޅުވި އެވެ.
މީގެ އިތުރުން ރޭ ކުރި މުޒާހަރާއިގައި ފުލުހުނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ހަނީފު ފާހަގަ ކުރެއްވި އެވެ. އެގޮތުން ހަތަރު ފުލުހަކަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.