ވޮޝިންޓަން (ނޮވެމްބަރު 25) : އިންޑިއާގެ އިރު ދެކުނުގެ އައްސޭރިފަށަށް އެރި ތޫފާން "ނިވާރް" ގެ ސަބަބުން ޓެމިލްނާޑޫގެ އައްސޭރި ފަށުގެ ރަށްތަކުގައި ފެންބޮޑުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އިންޑިއާގެ ޚަބަރުފަތުރާ ވަސީލަތްތަށް ބުނާގޮތުން ޓެމިލްނާޑޫގެ އައްސޭރި ފަށުގެ ރަށްތަކުގެ ގެތަކަށް ފެންވަނުމާގުޅިގެން އެގެތަކުގައިވަނީ މީހުން ދިރިނޫޅެވޭވަރުވެފައެވެ. ގަސްތަކާއި، ކަރަންޓު މާސްޓްތަށް ވެއްޓިފައިވާއިރު ގިނަ ސަރަހައްދުތަކުން ކަރަންޓްވެސްވަނީ ކެނޑިފައެވެ. މިއާއެކު ޓެމިލްނާޑޫގެ ވެރިރަށް ޗެންނާއީގެ އިންޓަނޭޝަނަލް އެއާޕޯޓުވެސް ވަނީ ބަންދުކޮށްފައެވެ. ޓެމިލްނާޑޫގެ އައްސޭރިފަށުން ދަތުރުކުރާ ރޭލް ދަތުރުތައްވެސް ވަނީ ކެންސަލްކޮށްފައެވެ.

ތޫފާން "ނިވާރް" ޓެމިލްނާޑޫ އަށް އެރީ ބޭ އޮފް ބެންގާލްގައިވާ އިންޑިއާގެ ޔުނިއަން ޓެރިޓަރީ އެއްކަމަށްވާ ޕުޑުޗެރީ ހުރަސްކޮށެވެ. އެހެންކަމުން ޕުޑުޗެރީ އަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެތެރޭގައި ފެންބޮޑުވެގެން އެތަށް ހާސްބަޔަކު ހަލުގައި ޖެހުމާއި ކަރަންޓާއި މުވާސަލާތީ ޚިދުމަށްތަށް ކެނޑުމާއި ދަނޑުތަށް ހަލާކުވުން ހިމެނެއެވެ. ޓެމިލްނާޑޫގެ އައްސޭރި ފަށުގެ ރަށްތަކާއި ވިލެޖްތަކުގައި ފެންބޮޑުވުމުގެ ސަބަބުންވެސް އެތަށް ހާސްބަޔަކުވަނީ ހާލުގައި ޖެހިފައެވެ. އަދި ޖިފުޓިތަށްވަނީ ބިމާހަމަވެފައެވެ.

ބޭ އޮފް ބެންގޯލްގައި އުފެދުނު މި ތޫފާން ޓެމިލްނާޑޫއަށް އަރާފައިވަނީ ރޭ މެންދަމާ ގާތްވެފައިވަނިކޮށް ގަޑިއަކު 120 ކިލޯމީޓަރުގެ ބާރުމިނުގެ ވަޔާއެކުގައެވެ. ނަމަވެސް ފަހުންވަނީ ތޫފާންގެ ބާރު ކުޑަވެފައެވެ. ފަހުން ވައި ޖެހެމުންދިޔައީ ގަޑިއަކު 100 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށް ވެއެވެ.

އިންޑިއާގެ މޫސުމާބެހޭ މައި އިދާރާ އިން ލަފާކުރާގޮތުގައި ޓެމިލްނާޑޫ ހުރަސްކުރުމަށްފަހު މިއަދު މެންދުރުކުރިން އެތޫފާން އާންދްރާ ޕްރަދޭޝްއަށާއި ކަރްނާޓަކާއަށް އަރާނެއެވެ. އިއްޔެއިން ފެށިގެން އާންދްރާ ޕްރަދޭޝްއަށް ވަނީ ތޫފާންގެ އަސަރު ކުރަން ފަށާފައެވެ. މީގެތެރޭގައި ވިލާތަށް ބޯވުމާއި ވާރޭވެހުމާއި ވައިބާރުވުން ހިމެނެއެވެ. ކަރްނާޓަކާއަށް ވެސް މިއަދު ވާރޭ ވެހެންފަށާފައިވާ ކަމަށް ޚަބަރުތަށް ބުނެއެވެ. (ނޫސްއެޖެންސީތަށް)