26 Nov 2020, 07:21
ވޮޝިންޓަން (ނޮވެމްބަރު 26): ކޮވިޑް-19އިން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ ވެކްސިންއަކަށް ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ލިބުމާ އެކު އެ ވެކްސިންގެ 6.4 މިލިއަން ޑޯޒް އެމެރިކާގައި ބަހާނެ ކަމަށް އެގައުމުން ބުނެފި އެވެ.
ކޮވިޑް-19އަށް ފަރުވާއަކާއި ވެކްސިންއެއް ހޯދުމުގެ މަސައްކަތް ވީހާވެސް އަވަސް ކުރުމަށް އެމެރިކާގެ ސަރުކާރުން އެކުލަވާލާފައިވާ އޮޕަރޭޝަން ވާޕް ސްޕީޑް ޕްރޮގްރާމުން ބުނި ގޮތުގައި އެގައުމުގައި އެކި ސްޓޭޓުތަކަށް ވެކްސިން ބަހާނީ އެ ސްޓޭޓެއްގެ އާބާދީއަށް ބަލާފަ އެވެ. އަދި ބަލީގެ ނުރައްކާ އޮތް މީހުންނަށް އިސްކަން ދީގެން ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އޮޕަރޭޝަން ވާޕް ސްޕީޑުން ވަނީ ކޮންމެ ސްޓޭޓަކަށްވެސް ފޯރުކޮށްދެވޭނެ ވެކްސިންގެ އަދަދުތައް އެ ސްޓޭޓަކަށް އަންގާފަ އެވެ.
އެ ޕްރޮގްރާމުން ލަފާ ކުރާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ކޮވިޑް ވެކްސިންއަކަށް ހުއްދަ ލިބި، އެ ވެކްސިންގެ 40 މިލިއަން ޑޯޒް އެ ގައުމުގެ މީހުންނަށް ފޯރުކޮށްދެވޭނެ އެވެ.
އެމެރިކާގެ ފައިޒާ ކުންފުނިން ވަނީ އެ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ވެކްސިންއަށް ވަގުތީ ހުއްދަ އެއް ދިނުމަށް އެގައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އަށް މިދިޔަ ހުކުރު ދުވަހު ހުށަހަޅާފަ އެވެ. އެ ވެކްސިންގެ ޓެސްޓުތަކުން ދެއްކި ގޮތުގައި، ވެކްސިން ދިން މީހުންގެ 95 ޕަސެންޓު މީހުން ބަލިން ރައްކާތެރި ކުރެވޭ ކަމަށް ފައިޒާއިން ވަނީ ބުނެފަ އެވެ.
އެ ވެކްސިން ބޭނުން ކުރަން ހުއްދަ ދިނުމާ ބެހޭ ގޮތުން އެފްޑީއޭއިން ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 10ގައި، ކަމާ ބެހޭ މާހިރުންގެ އެޑްވައިޒަރީ ކޮމިޓީއަކުން ބާއްވާ ބައްދަލުވުމަކަށް ފަހުގަ އެވެ.
އެމެރިކާގެ ސަރުކާރުން އެގައުމުގެ ސްޓޭޓުތަކަށް ވެކްސިން ފޯރުކޮށްދިނުމުން، ދެން އެ ވެކްސިން މީހުންނަށް ދޭނެ ގޮތެއް ނިންމާނީ އެ ސްޓޭޓުތަކުންނެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ތަފާތު ޕްލޭންތައް އެކުލަވާލާފައިވާ އިރު ގިނަ ސްޓޭޓުތަކުން ވަނީ ވެކްސިން ފުރަތަމަ ދޭނީ ސިއްހީ ދާއިރާގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ ސެންޓަރުތަކުގައި ތިބި މީހުންނަށް ކަމަށް ބުނެފަ އެވެ.