ތިކްރީތު (ޖަނަވަރީ 23) : ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ މަޤްބަރާއަށް މީހުން ޒިޔާރަތްކުރުން ޢިރާޤު ސަރުކާރުން މަނާކޮށްފިއެވެ.

ޢިރާޤުގެ ރަސްމީ ދާއިރާތައް ބުނިގޮތުގައި ސައްދާމްގެ މަޤްބަރާއަށް މީހުން ޒިޔާރަތްކުރުން މަނާކުރުމުގެ އަމުރެއް ނެރުއްވީ ޢިރާޤުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީއެވެ. މާލިކީގެ އަމުރުގެ ދަށުން ޢިރާޤުގެ ފުލުހުންވަނީ ސައްދާމާއި އޭނާގެ ދެދަރިން ކަމަށްވާ ޢުދައްޔުއާއި ޤުސައްޔު އާއި ކާފަދަރިކަލުން މުސްތަފާ ފާސްދާނުލާފައިވާ މާލަން ވަށާލައި އެތަން ޙިސާރުކޮށްފައެވެ.

ސައްދާމް ޙުސައިން އަވަހާރަކޮށްލާފައިވަނީ 2006 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު ކަރުދަންޖައްސައިގެންނެވެ. ސައްދާމް ދަންޖެއްސީ ޢިރާޤު ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގެވިކަން ޝަރީޢަތަށް ސާބިތުވުމަށްފަހު ކޯޓު ޙުކުމަކާ ގުޅިގެންކަމަށް ޢިރާޤު ސަރުކާރުން ބުނެފައިވެއެވެ.

ސައްދާމްގެ ދެދަރިކަލުން ކަމަށްވާ ޢުދައްޔުއާއި ޤުސައްޔު އަވަހާރަކޮށްލާފައިވަނީ ޢިރާޤަށް އަރައިގަތް އެމެރިކާ ސިފައިންނެވެ. ޢުމުރުން 10 އަހަރުގެ ކާފަދަރިކަލުން މުސްތަފާ އަވަހާރަކޮށްލާފައިވަނީވެސް އެމެރިކާގެ އިސްތިޢްމާރީ ބާރުތަކުންނެވެ. މިތިން ބަފައިން ފަސްދާނުލާފައިވަނީ ސައްދާމްގެ އުފަންރަށް ކަމަށްވާ ތިކްރީތުގެ ޢަލްޢަވްޖާ އަވަށުގައެވެ.

ސައްދާމްގެ މަޤްބަރާއަށް ޒިޔާރަތް ކުރުމަށް ދުވާލަކު އެތަށް ސަތޭކަބަޔަކު ޒިޔާރަތްކުރާކަމަށާއި ޒިޔާރަތްކުރާ މީހުން އޭނާއަށް ހެޔޮދުޢާކޮށް މަޤްބަރާގައި މާބޮނިޑިތައް ބަހައްޓާކަމަށް ޚަބަރުތައް ބުނެއެވެ.

ސައްދާމްގެ ޤަބީލާގެ މީހުންނާއި އޭނާއަށް ތާއީދުކުރާ ޢިރާޤުގެ ރައްޔިތުން ވަނީ އޭނާގެ މަޤްބަރާހުރިތަން ޚާއްސަ މާލަމެއްގެ ގޮތުގައި ވަރަށް ފުރިހަމައަށް ޢިމާރާތްކޮށްފައެވެ. މި މާލަން ބަލަހައްޓަނީވެސް ސައްދާމްގެ ޤަބީލާގެ މީހުންނެވެ. -- އަލްޖަޒީރާ