އަބޫޖާ (ޖަނަވަރީ 23) : ނައިޖީރިޔާގެ މުސްލިމުންނާއި ނަސާރާއިންނާ ދެމެދު ވޭތުވެދިޔަ ހައެއްކަ ދުވަހުގެ ތެރޭގައި ބަދަލުކުރެވުނު ޙަމަލާތަކުގައި ދެފަރާތުން މަރުވި މީހުންގެ ޢަދަދު 200 އަށް ވުރެ މައްޗަށް ހިނގައްޖެވެ.

މީގެދެމަހެއްކުރިން ކުރިޔަށްދާ މިޙަމަލާތަކުގައި އިއްޔެ މުސްލިމުންގެ 11 މީހަކު ބަޑީގެ ޙަމަލާތަކެއްގައި މަރާލާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ނަސާރާއިންގެ 9 މީހަކު، ފައްޅިއަކަށް ދިން ބޮމުގެ ޙަމަލާއެއްގައި މަރުވެފައިވާ ކަމަށް ނައިޖީރިޔާގެ މީޑިޔާ ޚަބަރުދެއެވެ. ނައިޖީރިޔާގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކާނޫ ގައި ފެށުނު މިޙަމަލާތަކުގެ މަލާމާތް ރައްދުވަނީ ނަސާރާ ހަރުކަށި ފަރާތްތަކަށާއި ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ ވިސްނުން ގެންގުޅޭ މުސްލިމުންގެ ޖަމާޢަތެއްކަމަށްވާ ބޫކޫ ޙަރާމް ޖަމާއަތަށެވެ.

ނަސާރާއިންނަށް ދޭ ޙަމަލާތަކުގެ ޒިންމާ ބޫކޫ ޙަރާމް ޖަމާއަތުން އުފުލާފައިވާއިރު ހައްޔަރުކޮށްފައިވާ އެޖަމާޢަތުގެ ބަޔަކު މިނިވަންނުކުރާނަމަ ޙަމަލާތައް ކުރިޔަށް ގެންދާނެކަމަށް ބޫކޫ ޙަރާމް ޖަމާއަތުން ބުނެއެވެ. ސަރުކާރު ބުނާގޮތުން ހައްޔަރުކުރެވިފައިވަނީ ދައުލަތުގެ ބައެއް މުއައްސަސާތަކަށާއި ތެލުގެ ބައެއް މަރުކަޒުތަކަށް ޙަމަލާތަކެއްދޭން މަސައްކަތްކޮށްފައިވާ ބޫކޫ ޙަރާމް ޖަމާއަތަށް ނިސްބަތްވާ ބައެކެވެ.

މުސްލިމުންނާ ދެކޮޅަށް ޙަމަލާދޭ ނާސާރާއިންގެ ހަރުކަށި ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމުގެ ޝަކުވާ ސަރުކާރާ ދެކޮޅަށް މުސްލިމުން ކުރަމުން ގެންދެއެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ އެފްރިކާގެ ޤައުމެއް ކަމަށްވާ ނައިޖީރިޔާގެ އާބާދީގެ ބޮޑުބަޔަކީ މުސްލިމުންނެވެ. ނަމަވެސް ނަސާރާއިންނާއި އެހެން ދީންތަކުގެ މީހުންގެ ނިސްބަތް 40 ޕަސެންޓް އާ ކައިރިކުރެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައިވެސް ނައިޖީރިޔާގައި މުސްލިމުންނާއި ނަސާރާއިންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގައި ދެފަރާތުން އެތަށް ސަތޭކަބަޔަކު މަރުވެ އަދި ޒަޚަމްވެފައިވެއެވެ. -- ނުސްއެޖެންސީތައް