ސަރުކާރާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކި ކަމުގެ ތުހުމަތަށް ފުލުހުން ގައުމީ ޕާޓީގެ ނަިއބުރައީސް މުހައްމަދު ޖަމީލު އަހުމަދު ހައްޔަރުކުރުމާއި ގައުމީ ދިފާއީ ބާރުން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރުމާ ގުޅިގެން ކުރަން ފެށި ސިލްސިލާ މުޒާހަރާތައް ރޭވެސް ކުރިޔަށް ދެއެވެ.

އެހެން ރޭރެއާ ހިލާފަށް މުޒާހަރާކުރާ މީހުން ރޭ އެއްވި އިރު މުޒާހަރާގެ މައިދާނެއް ކަމުގައި ހަދާފައިވާ އެމްއެމްއޭ ކުރިމަތިން އޮންނަ ޕާކިން ޒޯން ސަރަހައްދު ފުލުހުން އޮތީ އަތުލައި ބަންދުކޮށްފަ އެވެ. ލޯކަލް މާރުކޭޓާވީ ކޮޅުން އެސަރަހައްދަށް ވަދެވެން އޮތް ދެމަގުގައި ވެސް ފުލުހުން ވަނީ ބެރިކޭޑްތައް ބަހައްޓައި، އޭގެ ފަހަތުގައި ފުލުހުންގެ ސަފުތައް ރުކުރުވާފަ އެވެ.

މުޒާހަރާ ފެށުމަށް އިއުލާންކޮށްފައިވާ ގަޑި ޖެހުނު އިރު މީހުން މަދުކަން ފާހަގަކުރެވުނު އިރު ބެރިކޭޑްތައް ކައިރީ ފުލުހުން ވެސް ތިބީ އެހާ މަދުންނެވެ. ނަމަވެސް ޖުމްހޫރީ މައިދާނުގައި އެމްއެމްއޭ ކުރިމައްޗަށްވާ ކަންމަތީގައި ހުރި ފާރުބުރި މަތީގައި ސްޓާފޯސްގެ ވަރުގަދަ ފައުޖެއް އޭރުވެސް ތައްޔަރަށް އޮތެވެ.

މަންޒަރު ބަދަލުވީ ރޭ 9.45 ވާން އުޅެނިކޮށެވެ. އެހިސާބުން މީހުން ގިނަވެ، އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ވެސް އެ ސަރަހައްދަށް ވަޑައިގަތެވެ. ފަހަރުކު ބޭފުޅަކު ވާހަކަފުޅު ދައްކަވަމުން ގޮސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު ނިހާނު ވާހަކަފުޅު ދައްކަވަން ފެށި ހިސާބުން ފުލުހުންގެ ހަރަކާތްތައް އަވަސްވި އެވެ. ބެރިކޭޑްކައިރިއަށް ފުލުހުން އިތުރުކޮށް، ސްޓާފޯސް ވެސް ކޮޅަށް ތެދުވި އެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން ވަޑައިގެން ނިހާނު ވިދާޅުވީ މުޒާހަރާކުރުން މަނާ ސަރަހައްދަކީ ޖުމްހޫރީ މައިދާން ސަރަހައްދު ކަމަށާއި އެ މައިދާން ވެސް މަނާވެފައި ވަނީ ގަވައިދަކުން ކަމަށެވެ. އެހެންކަމުން އެމްއެމްއޭ ކުރިމަތީގައި މުޒާހަރާ ކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި އެ ހައްގަށް ފުލުހުން ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

ނިހާނުގެ އެވާހަކަ ފުޅާއެކު އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިންޒާރުކުރަން ފެށި އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންނަށް ނިހާނު ގޮވައި ލެއްވީ އެމްއެމްއޭ ކުރިމައްޗަށް ކުރިއަށް ޖެހުމަށެވެ.

ފުލުހުންގެ މާބޮޑު ހުރަސްއެޅުމެއް ނުފެނި، ނިހާނު ވިދާޅުވި ގޮތަށް މުޒާހަރާގެ ބައިވެރިން ކުރިއަށް ޖެހި އެމްއެމްއޭ ކުރިމަތީގައި މަޑުކުރި އެވެ. ފުލުހުން ފަހަތަށް ޖެހި އެމީހުންނަށް ޖާގަ ދިން އިރު އެމީހުން އައީ ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑްތައް ވެސް ހިފައިގެންނެވެ. ބެރިކޭޑްތައް ގެނެސް ފުލުހުންގެ ސަފުގެ ކުރިމަތީގައި އަތުރާލުމަށް ފަހު މުޒާހަރާގެ ބައިވެރިން އަނެއްކާވެސް އަޑު އުފުލަން ފެށި އެވެ.
ފުރަތަމަ އުފުލި އަޑަކީ ފުލުހުން އެމީހުންނަށް ޖާގަ ދިނީމާ އުފުލި ސާބަހުގެ އަޑުތަކެކެވެ. ރައީސް ނަޝީދާއި ކަމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އަދި ހޯމް މިނިސްޓަރު ހަސަން އަފީފުގެ އިސްތިއުފާއަށް ގޮވަން ފެށީ އޭގެ ފަހުންނެވެ.

"އަޅުގަނޑުމެން މިއެދެނީ ކަމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހާ ބައްދަލުކުރަން ދިއުމުގެ ފުރުސަތު ދިނުމަށް، އެ ފުރުސަތު އަޅުގަނޑުމެންނަށް ދިނުމަށް ވަރަށް އާދޭހާ އެކު ފުލުހުންނަށް ދަންނަވަން،" ނިހާނު ވިދާޅުވި އެވެ.

އެހިސާބުން ފުލުހުންގެ އިންޒާރު އަންނަން ފެށީ މުޒާހަރާގެ ބައިވެރިން ކުރިން ތިބި ހިސާބަށް ފަހަތަށް ދިއުމަށެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް އެމީހުންގެ އިސްވެރިން އިރުޝާދު ދެމުން ދިޔައީ ފަހަތަށް ނުޖެހުމަށާއި "ހުއްދަ އޮތް" ސަހައްދަށް ވުރެ ކުރިއަށް ވެސް ނުޖެހުމަށެވެ. އަދި ހަމަނުޖެހުމެއް ވެސް ނުހިންގައި އިށީނދެ ތިބުމަށެވެ.

ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު ސްޓާފޯސް ފުލުހުން ކުރިއަށް ދިއުމަށް އަމުރު އަ އެވެ. އެހިސާބުން ފުލުހުން ކުރިއަށް ދިޔަ ނަމަވެސް އާއްމުންގެ އެތައް ބަޔަކު މަޑުމައިތިރިކަމާއެކު ތިބީ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބަޔަކު ފަހަތަށް ވެސް ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުންނާއި އާއްމުން މުޅިން މަސްހުނިވި ނަމަވެސް ފުލުހުން އެއްވެސް މީހަކު އޭރަކު ހައްޔަރެއް ނުކުރެ އެވެ.
މުޒާހަރާގެ އަޑުގަދަ ކުރާހަރުކޮށްފައި ހުރި ލޮރީއަށް ފުލުހުން އެރި އިރުވެސް އަޑުގަދަ ކުރާއިން ގޮވަމުން ދިޔައީ "ދިވެހި ފުލުހުންނަށް ސާބަހޭ، ދިވެހި ފުލުހުންނަށް ސާބަހޭ،" އެވެ.

ސާބަސް ދެމުން ދަނިކޮށް އާއްމުންގެ ތެރެއަށް ވަތް ފުލުހުން އެނބުރި އައިސް އަނެއްކާވެސް ސަފު ހެދި އެވެ. އޭރުވެސް އާއްމުން ދިޔައީ ހަމަ އެއް އަޑަކުން ފުލުހުންނަށް ސާބަސް ދެމުންނެވެ.

ސަރަހައްދު ދޫކޮށް މިހާރުން މިހާރަށް ދިއުމަށް ފުލުހުން އިންޒާރުކުރި އިރުވެސް އެމީހުން ހަމަ ގޮވަމުން ދިޔައީ ސާބަހޭ އެވެ. ނަމަވެސް ދާންވީ ކީއްވެތޯ، އެ ސަރަހައްދުގައި ތިބުން މަނާކުރަނީ ކީއްވެތޯ ނިހާނު ސުވާލުކުރައްވަމުން ގެންދެވި އެވެ.

ތަފާތެއް ގެނުނީ ގައުމީ ޕާޓީގެ ކައުންސިލް މެމްބަރު އަދި އެމްނެސްޓީ އިންޓަނޭޝަނަލް އިން ޒަމީރުގެ ގައިދީއެއް ކަމަށް ކަނޑައަޅާފައިވާ ސަންދާނު އަހަންމައިދީ އެވެ. އޭނާ ވަޑައިގެން ފުލުހުންގެ ވެހިކަލްގައި އިންޒާރު ދޭން އިން ފުލުހަށް ގާނޫނު އަސާސީގެ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ބެހޭ މާއްދާތައް އަޑުހަރުކޮށް ކިޔައިދެއްވަމުން ހައްޔަރު ކުރީ އެވެ.

ފުލުހުންގެ ސަފުތަކުގެ ތެރެއިން ފޭދިގެން ވަޑައިގަތް އަހަންމައިދީ އެތަނުން ދުރަށް، ފުލުހުންގެ ސަފުތަކުން ބޭރަށް ވަޑައިގަތުމަށް ހިނިތުންވުމާއެކު ދެފުލުހަކު ދަންނަވަމުން ދިޔަ އެވެ. ނަމަވެސް އަހަންމައިދީ ގާނޫނުއަސާސީ ކިއުއްވުމާއިގެން ކުރިއަށް ވަޑައިގަތެވެ.
ދެފުލުހަކު އަހަންމައިދީ ހައްޔަރުކޮށްގެން ފުލުހުންގެ ހެޑްކުއާޓަރާ ދިމާއަށް ގެންދިޔަ އިރު އަހަންމައިދީ ހުންނެވީ އެއް އަތްޕުޅަށް ގާނޫނު އަސާސީ ލައްވައި، އެއަތްޕުޅު މައްޗަށް ދަންމަވައިގެންނެވެ.

މުޒާހަރާގެ ބައިވެރިންނަށް ފަހުގެ އިންޒާރު ދިނުމާއެކު ގޭސް ޖެހުމަށް ތައްޔާރުވުމަށް ފުލުހުންނަށް ވެސް އެންގި އެވެ. ނަމަވެސް ފުލުހުންނަށް ސާބަސް ދިނުމުގެ އަޑުތައް އޭރުވެސް މުޒާހަރާގެ ބައިވެރިންގެ ތެރެއިން އިވެމުން ދިޔައެވެ.

ސާބަހުގެ އަޑު ކެނޑިގެން ދިޔައިރު މުޅި ސަރަހައްދުގައި އޮތީ ކަރުނަގޭހެވެ. ފުލުހުން އެއްލީ ކަރުނަގޭހުގެ ކިތައް ކެނިސްޓާ ކަމެއް ނޭނގުނެވެ. އަދި އެ ކެނިސްޓާ ތަކުގެ ތެރެއިން އާއްމުން ހިފައި ފުލުހުންގެ ތެރެއަށް އެއްލީ ކިތައް ކެނިސްޓާކަމެއް ވެސް ނޭނގުނެވެ.

ކަރުނަގޭހާ އެކު ފިލަން ދުއްވައިގަތް މީހުންގެ ފަހަތުން ފުލުހުން ވެސް ދުވި އެވެ. އެހިސާބުން ގަލާއި ތަރުކާރީއާ މޭވާ އަދި ފެންފުޅި ފަދަ ތަކެތިން އާއްމުންގެ ބައެއް މީހުން ފުލުހުންނަށް ރައްދުދިނެ އެވެ.
ކަރުނަގޭސް ޖެހީމާ ސަރަހައްދު ދޫކޮށް އެންމެން ދިޔައިރު ވެސް ދެމީހަކު އެތާ މެދުގައި އޮށޯވެ ތިއްބެވެ. އެމީހުން ތިބީ އަނިޔާވެގެން ވެއްޓިފައި ކަމެއް ނުވަތަ ހަމަ އޮށޯވެ ތިބީ ކަމެއް ނޭނގެ އެވެ. އެ ދެމީހުންނާ ދާދިކައިރިއަށް ވެއްޓިފައި އޮތް ކަރުނަގޭސް ކެނިސްޓާއެއް ފުލުހަކު ފައިން ޖަހާ އެމީހުންނާ ދިމާއަށް ފޮނުވާލި އެވެ. މީޑިޔާގެ ކެމެރާތައް އެދިމާއަށް އަމާޒު ވުމާއެކު ހަމަ އެ ފުލުސް މީހާ އައިސް ކެނިސްޓާ އަލުން ނަގައި ދުރަށް އެއްލާލި އެވެ.

މުޅި ސަހައްދު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓުމާއެކު މުޒާހަރާގެ ބައިވެރިން އެސަރަހައްދު ދޫކޮށް ޗާނދަނީ މަގާ ދިމާއަށް މިސްރާބު ޖެހި އިރު މަސްއޮޑިފަހަރުގައި ތިބި މީހުން ވެސް ތިބީ ކަރުނަގޭހުގެ އަސަރުކޮށްގެން ލޯތައް ފުހެލަ ފުހެލަ އެވެ.

ޗާންދަނީ މަގުން އެއްގަމަށް އެރި މީހުންގެ ފަހަތުން ފުލުހުންގެ ދެ ވެހިކަލެއް ސައިރަން އަޅާފައި އައި ނަމަވެސް އެމީހުން ހަމަ ވަރަށް ބާރަށް ހިނގާފައި ޗާނދަނީ މަގުން މަޖީދީ މަގަށް ނުކުމެ، އަލި ކިލެގެފާނު މަގަށް އަޅައިގެން އަނެއްކާވެސް ދިޔައީ އެމްއެމްއޭ ކުރިމައްޗަށް ދެވޭތޯ އެވެ.

ނަމަވެސް ކުރިއެކޭ ވެސް އެއްގޮތަށް މާރުކޭޓާ ވީ ކޮޅުން އެތަނަށް ދެވެން އޮތް ދެމަގުގެ ކަންމަތިވެސް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. މުޒާހަރާ ލީޑްކުރަން ހުންނެވި މަހުލޫފު އިރުޝާދު ދެއްވީ ފުލުހުންގެ ބެރިކޭޑާ ވެސް ދެފޫޓް ދުރުގައި ތިބުމަށާއި ސުލްހަވެރިކަމާ އެކު ތިބުމަށެވެ. މުޒާހަރާގެ ބައިވެރިން މަހުލޫފުގެ އިރުޝާދާ އެއްގޮތަށް ތިބީ އެވެ.
ފުލުހުންގެ "ރެޑީ ޓް ޗާޖް" (ހަމަލާ ދިނުމަށް ތައްޔާރުވޭ،) ކޮމާންޑް ދެފަހަރަކު އިވުމާ އެކު ރަޔަޓް ގިއަރުގައި ތިބި ފުލުހުން އެމީހުންގެ ވަރުގަދަ ކަށިމަތިތަކުގައި މުގުރުން އެއް ރާއްގަކަށް ތަޅަމުން އާއްމުންނާ ދިމާއަށް ކުރިއަށް ޖެހުނެވެ. އަދި އިންޒާރެއް ނުދީ ކުއްލިއަކަށް އާއްމުން ފަހައި ދުއްވައި ގަތެވެ.

ފުލުހުން ދުއްވައިގަތުމުން އެއް ބަޔަކު ފިލަން ދުވި އިރު ގަލާއި ތަށިމުށްޓާއި ބިއްލޫރި ފުޅި ފަދަ ތަކެތިން އެއްބަޔަކު ދިޔައީ ފުލުހުންނަށް ހަމަލާދެމުންނެވެ. ފުލުހަކަށް އަނިޔާވެގެން އެމްބިއުލެންސްގައި އެސަރަހައްދުން ގެންދިޔަ އިރު އެހެން ފުލުހެއްގެ އަތް ކެފުނެވެ. ވަކި ހިސާބަކަށް ދުވުމަށް ފަހު ފުލުހުން ފަހަތަށް ޖެހުމުން ވެސް ގަލުގެ ހަމަލާތައް ނިމުމަކަށް ނަ އެވެ. އާއްމުން އެމީހުންގެ ހަރަކާތްތައް މުޅިން ހުއްޓާލީ ފުލުހުން ދެވަނަ ފަހަރަށް ދުއްވައިގަތުމުންނެވެ. ދެވަނަ ފަހަރު ދުވި ފުލުހުން މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކުރި އެވެ. ފަހުން އެނގުނު ގޮތުގައި އޭރު ހައްޔަރުކުރި މީހުންނާއި އޭގެ ކުރިން ހައްޔަރުކުރި ސަންދާނު އަހަންމައިދީވެސް ފުލުހުންގެ ތަހުގީގީ ޖަލު ދޫނިދުއަށް ގެންދިޔަ އެވެ.

ސާބަސް ދެމުން ދަނިކޮށް ކަރުނަގޭސް ޖެހި ފުލުހުން މުޒާހަރާ ރޫޅާލައި ބަޔަކު ހައްޔަރުކުރުމުން ގަލާއި ތަށިމުށީގެ ހަމަލާތައް ވެސް ހުއްޓި ސަރަހައްދު އާއްމު ހާލަތަށް އަ އެވެ. ނަމަވެސް ގައުމީ ދިފާއީ ބާރުން އެސަރަހައްދުގައި ވަކިވަކިން ތިބި ބައެއް މީހުން ހައްޔަރު ކުރި ހަބަރު ފަހުން ލިބުނެވެ.