އަނިޔާއާ ކުރިމަތިލާން ޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅުވައިގެން ދެއްވި ހިތޯބުގައި ނައިބު ރައީސް ވިދާޅުވީ އަނިޔާ ލިބޭ އަންހެނުންގެ މަސައްލަހަތު ހިމާޔަތްކޮށްދީ، އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ދިނުމަށް ޝަރުއީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"އަނިޔާއާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމާއި، އެ މީހުންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމާއި އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ދިނުމަށް ޝަރުއީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަންދޭ އެއް މަސައްކަތް ކަމަށާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ހުޅަހެޅޭ މީހެއްކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ގިނަ ފަހަރަށް، ފަސޭހަކަމާ އެކު އެކަށީގެންވާ ފަރުވާ ހޯދުމުގައި އެ މީހުންނަށް ދަތިތަކާ ކުރިމަތިވާކަމަށެވެ.

އަދި އެފަދަ އަންހެނުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް އެކި ހުރަސްތަކާ ކުރިމަތިވާކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ކޮވިޑް-19ގެ ހާލަތާއެކު ގެންނަން ޖެހުނު ފުރަބަންދުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެ ހާލަތުގައި ވެސް މިފަދަ މައްސަލަތައް ބަލައި، ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދިން ކަމަށެވެ.

މި މަސައްކަތަކީ ކޮވިޑް-19އާ ގުޅިގެން ކުރިމަތިވި ހާލަތުންނާއި ގައުމަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށް އެމަނިކުފަނު ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކަކީ ވަކި ގައުމަކަށް ހާއްސަ މައްސަލަތަކެއް ނޫންކަންފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނަށް ސަލާމަތްކަން ހޯދައިދީ، އެ މީހުންނަކީ އިހްތިރާމު ލިބިގެންވާ، ގަދަރުވެރި ބަޔެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.