ގާނޫނު އަސާސީގެ ދަށުން އުފެދިފައިވާ މިނިވަން މުއައްސަސާތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއްކުރަން މިއަދު ވެސް ޖެހެ އެވެ. އެކަމަށް ވަކާލާތުކުރާ ފަރާތްތައް ވެސް ގިނަ އެވެ. ނަމަވެސް ފެންނަނީ މުޅިން ފާޑުކިޔުން އަމާޒުވާ ތަނެވެ. ހަމައެކަނި ފާޑުކިއުންތަކުން ރަނގަޅު ނުވެ، ހުރި ކަންކަން އިސްލާހުވެގެން ހިނގައިދާނެ ކަމަށް ނުދެކޭ މީހުން ވެސް އުޅެ އެވެ.

ސަރުކާރު ހިންގާ އެމްޑީޕީން ފަހަކަށް އައިސް އެންމެ ބޮޑަށް ފާޑު އާމާޒުވާ އެއް މުއައްސަސާއަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެވެ. އަދި ޕީޖީ އަހުމަދު މުއިއްޒެވެ.

ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ މަގާމުން ވަކިކުރަން މަސައްކަތްކުރި ނަމަވެސް ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެ އެވެ.

ހަގީގަތުގައި މުއިއްޒާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވީ ވެސް އަބްދުﷲ ގާޒީގެ "އުފުރާލައިގެން" ގެންދެވުނު ހިސާބުން ފެށިގެނެވެ. މުއިއްޒާ މެދު ސަރުކާރު ހިންގާ ފަރާތްތަކުން މަގާމުގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާނުކުރައްވާ ކަމަށް އަޑު އުފުލަނީ އޭނާ އަކީ ހަމަ ގަބޫލު ކުރާ އުސޫލުތަކަކުން ކަންކަން ކުރައްވާ ބޭފުޅަކަށްވާތީ އެކަންކަން ހަޖަމު ނުކުރެވިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަ ކުރެ އެވެ. ނޫނީ "ބިރުދެއްކުމުގެ" ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވި ގޮތުގައި ޕީޖީ މުއިއްޒުގެ މައްޗަށް އެއްވެސް އިތުބާރެއް ނެތެވެ. އެމަނިކުފާނުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ސަރުކާރާ އެއްކޮޅު ބައެއް ފަރާތްތައް ސިފަ ކުރެ އެވެ.

ޝިފާޒު ފަދަ ބޭފުޅު ވިދާޅު ވަނީ ޕީޖީގެ މައްސަލަތަކެއް ހުރުމުން އެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށެވެ. އެއީ ރަނގަޅު ވާހަކައެކެވެ. މައްސަލައެއް އޮވެއްޖެ ނަމަ ޕީޖީ ވިޔަސް އެކަމެއް ބެލެން ޖެހޭނެ އެވެ.


"ޖުޑިޝަރީ ތެރޭގައި ހުރި މައްސަލަތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނަން. އެ ހައްލުން ކުރަން ފެށި ދަނޑިވަޅުގައި އަޅުގަނޑުމެނަށް މި ދިމާވާ އެންމެ ބޮޑު މައްސަލައަކީ މި ގައުމުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ މައްސަލަ" ޝިފާޒް ވިދާޅުވި އެވެ. "އަޅުގަނޑުގެ އިތުބާރު އެމަނިކުފާނާ ދޭތެރޭ ގެއްލިއްޖެ. އަޅުގަނޑު މިފަށަނީ [އެމަނިކުފާނު] މަގާމުން ދުރުކުރުމަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް"

މި އަޑުތައް ގަދަވެފައިވާ އިރު މުއިއްޒު ވިދާޅު ވަނީ މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރަށް ގާނޫނާ އެއްގޮތަށް އަމަލުކުރަން ޖެހިލުންވެ ވަޑައިނުގަންނަވާނެ ކަމަށެވެ. އޭނާ މަގާމުން ވަކިކުރިއަސް ނުކުރިއަސް، ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހިފައި ހައްޔަރު ކުރި ފަރާތްތަކުގެ މައްސަލަ ތަހުގީގްކުރުވައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެެވެ.

ބައެއް ފަރާތްތަކުން ހާއްސަކޮށް އެމްޑީޕީ "ތިޔަހެނެއް ނުކިޔޭނެ" ކެމްޕޭން ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވާ އިސް ބޭފުޅުން ގެންދަވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެ ބޭފުޅުން ތުހުމަތު ކުރައްވަނީ ކުރީގެ ރައީސް މައުމޫންއަބްދުލް ގައްޔޫމާއި ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ 800 މިލިއަން ޑޮލަރުގެ މައްސަލަ ނުބެލެނީ ޕީޖީގެ ސަބަބުން ކަމަށެވެ.

ނަމަވެސް ދައުލަތުގެ މިނިވަން މުއައްސަސާތައް އުފެއްދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއި ހިދުމަތެއް ފޯރުކޮށްދިނުމެވެ. ސިޔާސީ ފަރާތްތަކުގެ އިންޒާރުތާކައި ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް އެންމެންނަށް ހައްގުތަށް ހޯދައިދިނުމާއި ފާރަވެރިވުމެވެ.

މުހިންމު މުއައްސަސާތަކާ ދޭތެރޭ ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވެ ބައެއް މުއައްސަސާތައް ސިޔާސީ ކުލަ ޖެހި، ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާ އޮންނަ ނަމަ އެ ޝަކުވާ އެއްވެސް ބަލަން ޖެހޭނެ އެވެ. މިސާލަކަށް ޕީޖީ އާ ބެހޭ ގޮތުން އެމްޑީޕީގެ "ތިޔަހެނެއް ނުކިޔޭނެ" ކެމްޕޭންގައި ކޮންމެ ރެއަކުހެން ދެކެވޭ ވަހަކަތަކަކީ އެއީ ކިޔޭނެ ވާހަކަތަކެއްތޯ ބަލަން ޖެހޭނެ އެވެ.

ފަނޑިޔާރުން ރިޝްވަތު ނަންގަވާ ކަމަށާއި ހިޔާނާތުގެ އަމަލު ހިންގަވާ ކަމަށް ކުރިން ވެސް މިހާރު ވެސް ތުހުމަތުތައް އޮވެ އެވެ. އެނޫން މުއައްސަސާތަކާއި އެތަންތަނުގެ އިސްވެރިންނާ މެދު ވެސް ތުހުމަތުތައް ކުރެ އެވެ. މަސްއޫލިއްޔަތު އަދަދު ނުކުރެވޭ ކަމަށް ބުނެ އެވެ. ނަމަވެސް މިހާރު ވައިގައި އޮތީ ޕީޖީގެ އަޑެވެ. އޭނާގެ އިތުބާރު ނެތްކަމަށް މަޖިލިހަށް ވައްދާނެކަމަށް ދެކެވޭ ވާހަކަތަކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ މިނިވަން މުއައްސަސާތައް މިނިވަން ކަމުގައި ހިންގަން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ކުރުވަނީ ސަރުކާރުން ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރާއި ދެކޮޅަށް ކުޑަނަމަވެސް ކަމެއް ސާބިތުވެއްޖެ ނަމަ އެ މުއައްސަސާއެއް "ފިތިފައި" އޮންނަ ގޮތަކަށް ބޭއްވުމަށް މަސައްކަތް ކުރާތަން ފެންނަ ކަމަށެވެ.

"ކަމަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި ނަމަ އެ ކޮމިޝަން ގޯސްވީ. ސަރުކާރުން މީޑިޔާއަށް ބިރު ދައްކާކަމަށް ބުނުމުން ބްރޯޑް ކާސްޓިން ކޮމިޝަން ގޯސްވީ. ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން މައްސަލައެއްގައި ބަޔާނެއް ސަރުކާރާއި ދެކޮޅަށް ނެރެފި ނަމަ އެ ފަރާތް ވެސް ގޯސްވީ. ޕްރޮސެކިއުޓާ ޖެނެރަލް ފަނޑިޔާރު ހައްޔަރުކުރި މައްސަލާގައި ފިޔަވަޅު އަޅުއްވާނެމޭ ވިދާޅުވުމުން އެކަންވެސް ގޯސްވީ، އެހިސާބުން މިޖެހެނީ ކޮންމެ މަގާމެއް ވެސް ކޮންމެ މުއައްސަސާއެއް ވެސް ޕެރައިލައިޒްވާން" ނަން ހާމަ ކުރައްވަން ބޭނުންފުޅު ނުވާ އެ މެންބަރު ވިދާޅުވި އެވެ.

އެއް ބަޔަކު ޕީޖީގެ ވާހަކަ ދައްކަވާ އިރު ޕީޖީ ފަދަ، ދައުލަތުގެ އެހެން މުއައްސަސާތަކުން ކުރާ އެކިއެކި އަމުރުތައް ސަރުކާރުން ބޮލާލައި ޖަހާ ކަމަށް އިދިކޮޅު ފަރާތްތައް ބުނެ އެވެ. ހަމައެގޮތަށް ޝަރުއީ ނިޒާމާ މެދު ސަރުކާރުން ދަނީ ތުހުމަތުތައް ކުރަމުންނެވެ.

ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ގާނޫނު އަސާސީއާ އެކު މުސްތަގިއްލު ނިޒާމެއް ބަލައިގެންފައި ވިޔަސް ސަރުކާރު ބޭނުންވާ ގޮތް ނޫން އެހެންގޮތަކަށް ވާހަކަ ދައްކާ ކޮންމެ މިނިވަން މުއައްސަސާއަކާ އެތަނެއްގެ ވެރިޔަކީ ޝިކާރައަކަށް ވާތަން ފެނުމުގެ ކޮޅުމަތި ފެންނަނަން ފަށާފައިވާ ކަމަށެވެ.

"ސަރުކާރުން މިކުރާކަމަކީ މިނިވަން މުއައްސަސާތަކުގެ އަގުވައްޓާލަން މަސައްކަތްކުރައްވަނީ. ބިރުދެއްކުމުގެ އަމަލްތައް ހިންގަނީ. އެތަންތަން އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަނީ" ތަސްމީން ވިދާޅު ވިއެވެ. އޭނާ ވިދާޅު ވަނީ މުއައްސަސާތަކަށް ބިރުދެއްކުމުގެ ބޭނުމަކީ ބާރުތަކުން ސަރުކާރު އެދޭގޮތް ނޫން އެހެން ގޮތަކަށް ކަންތައްތައް ކުރުމުގެ ޖާގަ ހަނިކޮށް ޒަމާނީ "ޑިކްޓެޓޯރިއަލް" ނިޒާމެއް ގާއިމްކުރުން ކަމަށެވެ.

މިއަދު މިއޮތީ ޕީޖީގެ ވާހަކަ އެވެ. އޭނާ ވެސް މައްސަލައެއް ވާނަމަ އެކަން ބަލައި ޖަވާބުދާރީ ކުރުވެން ޖެހޭނެ އެވެ. ރައްޔިތުންގެ މަޖިލީހަށް އެ ބާރު ލިބެ އެވެ. އެނޫން ގޮތްގޮތުން ވެސް އެކަން ބެލިދާނެ އެވެ. ހަމައެކަނި އެއިރެއްގައި ހިނގާ ކަމެއްގެ ތެރޭގައި އެކަމަކަ ގުޅޭ މީހެއް ނުވަތަ މުއައްސަސާއެއްގެ ވާހަކަތައް ނަގައިގެން ގެންގުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކެވެ. އެމީހުވެސް ބުނަނީ "ތިޔަނެއް ނިކިޔޭނެ"އޭ އެވެ.