25 Nov 2020, 08:35
މީގެ ތިން އަހަރު ކުރިން މަސައްކަތް ނިމި ރިލީޒްނުކުރެވި އޮތް ފިލްމު ‘ތޯރްބާޒް’ ރިލީޒްކުރާ ދުވަސް އިއުލާންކޮށް އެ ފިލްމުގެ ޓްރެއިލާ ވެސް އާންމުކޮށްފި އެވެ.
ގިރިޝް މަލިކް ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ އެކްޝަން ތުރިލާއެކެވެ. ސަންޖޭ ދަތު ވަރުގަދަ ރޯލަކުން ފެނިގެންދާ އެ ފިލްމުގައި އަންހެން ބަތަލާގެ ރޯލުންފެނިގެންދާނީ ނަރުގިސް ފަޚްރީ އެވެ. އެދެތަރިންގެ އިތުރުން މި ފިލްމުން ފެނިގެންދާ ބައެއް ތަރިންނަކީ ރާހުލް މިތުރާ، ޕްރާންޝް ޗޯޕްރާ އަދި ރާހުލް ދޭވްހިމެނެއެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ އިން ފެނިގެންދަނީ ރެފިއުޖީ ކޭމްޕެއްގައި ތިބޭކުޑަކުދިންތަކަކަށް ކްރިކެޓް ކުޅެން ދަސްކޮށްދޭ ތަނެވެ. އަދި އެ ކުޑަކުދިން ތަކަކީ ޓެރަރިސްޓުން ނޫންކަން ބަޔަކަށް އަންގައިދޭން ކުރާ މަސައްކަތެވެ.
ދާދި ފަހުން ކެންސަރު ޖެހި އެ ބަލިން ރަނގަޅުވި ސަންޖޭ އެންމެ ފަހުން ފެނިގެންދިޔައީ އާލިއާ ބަޓް އާ އަދިތްޔާ ރޯއީ ކަޕޫރާއެކު ‘ސަޅަކް’ އިންނެވެ. އެފިލްމަށް އެދެވޭ ވަރުގެ ކާމިޔާބީއެއް ލިބިފައެެއް ނުވެއެވެ.
ސަންޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ"، "ޕްރިތުވީރާޖް" އަދި "ކޭޖީއެފް: ޗެޕްޓާ 2" ހިމެނެ އެވެ.