24 Nov 2020, 23:05
ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އަލީ ވަހީދުގެ މައްޗަށް "ބޮޑު ދައުވާ" ކުރާތީ ކަންބޮޑުވާކަމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މަގާމުން ވަކިކުރީ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އަދި އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު އަލީ ވަހީދުގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވައިފައެވެ.
އަލީ ވަހީދުގެ މައްޗަށް ރޭޕްކުރަން އުޅުމުގެ ދައުވާއާއެކު ޖިންސީ ކުށުގެ ހަތް ދައުވާއެއް ވަނީ އުފުލައިފައެވެ.
އެގޮތުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާއެއް ވަނީ އުފުލައިފައެވެ.
އެ މައްސަލައިގައި އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި މަޖިލިސް ރައީސް ވިދާޅުވީ މާބޮޑަށް އެކި މީހުންނަށް އެކި ގޮތް ހަދާތަން ފެންނަ ކަމަށެވެ.
އަދި ލިބުނު ޖިންސީ އަނިޔާތަކަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމް ނިޔާވި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު އަށް ކުރި ދައުވާތަކާ، އަލީ ވަހީދުގެ މައްސަލަ އަޅާކިޔުއްވިއެވެ.
"އަލީ ވަހީދުގެ މައްޗަށް ވަރަށް ބޮޑު ދައުވާއެއް ކުރާ ކަމީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް. މާބޮޑަށް އެކި މީހުންނަށް އެކި ގޮތް ހަދާތަން ފެންނަނީ. ތިނަދޫގައި ޖިންސީ ގޯނާކޮށް އަންހެން މީހާ މަރާލި މީހާއަށް ވެސް ކުރި ދެ ދައުވާ. އެހެން ކިތަންމެ މީހުންނަށް އެއްވެސް ދައުވާއެއް ނުކޮށް އެބަ ދޫކޮށްލާ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އަލީ ވަހީދުގެ ބަޔާންތައް އެމަނިކުފާނު ބެއްލެވި ކަމަށާއި، ބަޔާންތައް ބެއްލެވުމަށްފަހު "އަޖައިބުވެފައި" ހުންނެވި ކަމަށެވެ.
އަލީ ވަހީދު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ މަގާމުން ވަކިކުރީ މިދިޔަ ޖުލައި މަހުއެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.
ރައީސް ސޯލިހް ދާދި ފަހުން ވިދާޅުވީ، އަލީ ވަހީދު މަގާމުން ދުރުކުރުމަކީ އޭރު ނިންމަވަން ޖެހުނު، އަދި ރަނގަޅު ނިންމެވުމެއް ކަމަށެވެ. އަދި އެއީ އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ލަފާފުޅާވެސް އެކުގައި ނިންމެވި ނިންމެވުމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެ މައްސަލައިގައި ސިޔާސީ ބައެއްގެ ނުފޫޒު ހިމެނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި މިނިވަން އިންސާފުވެރިކަމާ އެކު ހިންގޭ ތަހުގީގަކުން މައްސަލަ ބަލައިފި ނަމަ، ހަގީގަތް ހާމަވާނެ ކަމަށާއި ބަޔަކު ރާވައިގެން އޭނާ "ފްރޭމް" ކުރި ސަބަބު ވެސް ތަހުގީގުން އެނގޭނެ ކަމަށް އަލީ ވަހީދު އޭރު ވިދާޅުވި އެވެ.
މައްސަލައިގެ ތަހުގީގަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕްވެސް ހިފަހެއްޓިއެވެ. އޭގެ އިތުރުން ޖުލައި 12 އިން ފެށިގެން އޭނާ ރާއްޖެއިން ފުރުންވެސް ވަނީ މަނާކޮށްފައެވެ.