19:00


ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް އައްޔަންކުރައްވާފައި ވަޒީރެއް ނެތް މި ވަގުތުގައި ސަރުކާރުގެ ވުޒާރާތަކުގެ ހިންގުމުގެ ކަންތައްތަކާއި ޕޮލިސީ ކަނޑައެޅުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލު ހާމަކޮށްދެއްވުން އެދި ޕީއޭ އިން ރައީސުލްޖުމްހޫރިއްޔާއަށް ސީޓީއެއް ފޮނުއްވައިފި އެވެ.


ޕީއޭ އިން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ އެ ސިޓީގައި ބުނެފައި ވަނީ، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދިނުމަށްފަހު އެ ބޭފުޅުން ހަވާލުވެގެން ތިއްބެވި އެކި މިނިސްޓްރީތައް މިހާރު ހިންގަމުން ދަނީ ޤާނޫނު އަސާސީގެ ރޫހާ ޚިލާފަށް ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކަށް ރިއާޔަތްކުރައްވާ މައިގަނޑު ފަސް ކަމެއް ރައީސް ނަޝީދުގެ ސަމާލުކަމަށް ގެންނަވާފައިވެ އެވެ. އެހެން ނަމަވެސް، ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް މިހުރިހާ ކަމެއް ބަޔާންކޮށްފައިވާއިރު، ވާޒީރުން އެއްފަހަރާ އިސްތިއުފާދެއްވާފައި މިވާ ދަނޑިވަޅުގައި އާ ވަޒީރުން އައްޔަންނުކޮށް ސަރުކާރުގެ ވުޒާރާތައް ހިންގަމުންދާ ގޮތާއި އަދި ޕޮލިސީ ކަނޑައެޅުއްވުމުގައި ގެންގުޅުއްވާ އުސޫލުތަކާ މެދު ސުވާލުއުފެދޭ ކަމަށްވެސް އެ ސިޓީގައިވެ އެވެ. އެގޮތުން ޤާނޫނު އަސާސީގައި ސާފުކޮށް ކަނޑައަޅާފައިވާ ކަންތައްތަކުގައި އެ އެނޫން ގޮތަކަށް އަމަލުކުރުމަކީ ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފު އަދި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލެއް ކަމަށް ޕީއޭން ބުނެފައިވެ އެވެ. އަދި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކުރައްވާ ވަޒީރުންގެ މަސްއޫލިއްޔަތުތައް އެހެން ބަޔަކާ ހަވާލުކޮށްގެން ރައީސް ކުރައްވަން އުޅުއްވުމަކީ ޑިމޮކްސީގެ އުސޫލުތަކާ ޚިލާފު، އަދި ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ ކަމެއް ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ. އެހެންކަމުން ޤާނޫނު އަސާސީގައިވާ ގޮތަށް އައްޔަންކުރައްވާފައިވާ އެއްވެސް ވަޒީރެއް މި ސަރުކާރުގައި ނެތުމާއެކު މިނިސްޓްރީތަކުގެ ހިންގުމުގެ ކަންތައްތަކާއި ޕޮލިސީ ކަނޑައެޅުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލު ހާމަކޮށްދެއްވުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައިވެ އެވެ. އަދި އެ ގޮތަށް އަމަލުކުރެއްވުމަށް ޤާނޫނީ ލަފާ ހޯޢްދަވާފައިވަނީ ކޮން ފަރާތަކުންކަން ވެސް ހާމަކޮށްދިނުމަށް އެދިވަޑައިގެންފައިވެ އެވެ.


ޕީއޭން ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަހްމަދު ސަލީމާއި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީހަށްވެސް އެޑްރެސްކުރައްވާ ވަކި ވަކި ދެ ސިޓީއެއް ފޮނުވާފަ އެވެ.


އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ގައުމުގެ ހާލަތު މިހާރު އޮތްގޮތުން އެތަކެއް އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މަގުވަނީ ތަނަވަސްވެފައި ކަމަށް ބުނެފައިވެ އެވެ. އަދި އެޕާޓީން ކަންބޮޑުވާ ކަންތައްތަކުގެ ގޮތުގައި ހަތަރު ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާ ގުޅޭ މައްސަލައާއު، އިންސާފުން އެއްކިބާވެ ފުލުހުން ކަންތައްކުރައްވާފައި މައްސަލަތަކާއި، ވުޒާރާތައް ހިންގާނެ އިސްވެރިޔަކު ނެތި ސަރުކާރުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހުއްޓިދާނެ ކަމުގަ ވާހަކައިގެ އިތުރުން ދައުލަތުގެ މީޑިއާއިން އިދިކޮޅު ފަރާތްތަކުގެ ބަސް ނުގެނެސްދިނުމަށް ނިންމާފައިވާ މައްސަލަ އެވެ. އެހެންކަމުން އެ މައްސަލަތައް އަވަސް ފުރުސަތެއްގައި ބައްލަވައި ދެއްވާ، އަމަލީ ފިޔަވަޅު އެޅުއްވުމަށް ހިއުމަން ކޮމިޝަނަށް ގޮވާލައްވާފައިވެ އެވެ.


ޕީއޭން ޕޮލިސް ކޮމިޝަނަ ފަސީހަށް ފޮނުއްވި ސިޓީގައިވެސް ވަނީ، ފުލުހުންގެ އަމަލުތަކާ ގުޅޭ ގޮތުން އެ ޕާޓީން ކަންބޮޑުވާ ކަންތައްތައް ފާހަގަކޮށް، އެކަންކަން މިހާރުން މިހާރަށް އިސްލާހުކުރުމަށް ގޮވާލާފަ އެވެ. އެގޮތުން ދައުލަތުގެ ތިން ބާރުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުން ހުއްޓާލާ، މަޖިލިސް މެމްބަރުންގެ އިމްތިޔާޒު ނުގެއްލޭ ފަދަ ގޮތަށް އަމަލުކުރުމަށް އެ ސިޓީގައި ޕީއޭން ގޮވާލާފަ އެވެ. އަދި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލިސަމް ދަމެހައްޓުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.