ދެހާސް ސަތާރަވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި މައްސަލައެއްގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން އެ ކޮމިޝަނުން ކުރިއަށް ގެންދާ އިންކުއަރީގެ މަސައްކަތުގެ ތެރެއިން 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާމެދު އެތަނުގެ މުވައްޒަފުންގެ ފަރާތުން އެކިއެކި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދީފައިވާ މައްސަލައެއް ފާހަގަކުރެވުނު ކަމަށެވެ.

އަދި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާމެދު އެތަނުގައި އޭރު މަސައްކަތް ކުރަމުން ދިޔަ ބައެއް މުވައްޒަފުން އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ މައްސަލަ ޖުލައި 2018 ވަނަ އަހަރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވީނަމަވެސް މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތެއްގެ މައްޗަށް ފިޔަވަޅެއް އަޅާފައި ނުވާކަން ވެސް ފާހަގަވެފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

އެހެންކަމުން ވީ އެންމެ އަވަހަކަށް އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި، ފުލުހުން އެ މައްސަލައިގެ ތަހުގީގު ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ދައުވާ ކުރުމަށް ފޮނުވުމުގެ އަމުރެއް 11 އޮކްޓޫބަރުގައި ޕީޖީ ވަނީ ނެރެދެއްވައިފައެވެ.

އެ ކޮމިޝަނާއި ފުލުހުންނާއި އަދި ޕްރޮސެކިއުޓަރުން ހިމެނޭގޮތުން އެކުލަވާލި ހާއްސަ ޓީމަކުން މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި މަސައްކަތް ފެށީ 12 އޮކްޓޫބަރުގައެވެ.

މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި އިތުރު 24 ފަރާތަކާ ސުވާލުކޮށް، 24 ބަޔާން ނަގައި، ފަސް ކުޑަކުދިންނާ ސުވާލުކުރި ކަމަށާއި، މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހަކު ދެނެގަނެވުނު ކަމަށް ކޮމިޝަނުން ބުންޏެވެ.

އަދި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ތުހުމަތުކުރެވޭ 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދިނުމަށް އެދި އިއްޔެ ެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން މައްސަލަ ބަލައިގަނެ ދައުވާ އުފުލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭގެ އިތުރުން، މައްސަލަ ރިޕޯޓުކުރުމާއި ފިޔަވަޅު އެޅުމުގެ މަރުހަލާގައި ކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް، އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި 2017 ވަނަ އަހަރު ކުޑަކދުިންގެ ހިޔާގައި ހިނގާފައިވާ އެ މައްސަލަ ތަހުގީގުކުރުމާއި ފިޔަވަޅު އެޅުމުގައި ޒިންމާވާ މުއައްސަސާތަކުގެ އެއްވެސް އިހުމާލެއް ވޭތޯ ދެނެގަތުމުގެ މަސައްކަތް އެ ކޮމިޝަނުން ވަކި އިންކުއަރީއެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަހުގީގެއް އެ ކޮމިޝަނުން ފެށީ އޮކްޓޫބަރު އަށް ވަނަ ދުވަހުއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުއްޖަކަށް އަނިޔާކުރި މައްސަލަތަކެއް ނުބަލަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމާފައިވާކަން އެންޓި-ޓޯޗާ ރިޕޯޓު 2019 އިން ވަނީ ހާމަވެފައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި ގދ. ތިނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން އެތަނުގައި ބަލަހައްޓަމުން ގެންދާ ކުދިންނަށް އަނިޔާކޮށްގެން ޖުމްލަ 10 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަތަކުގައި 22 ކުއްޖަކު ހިމެނޭ އިރު، ބައެއް ކުދިން ބަރަހަނާކޮށްފައިވާ މައްސަލައެއްގައި މަރުކަޒުގައި މަސައްކަތް ކުރާ އަށް މުވައްޒަފުންނާ ދެކޮޅަށް މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. އެއީ މަރުކަޒުގައި ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރަމުން ދިޔަ ހަތް މުވައްޒަފަކާއި ދާއިމީ މުވައްޒަފެކެވެ.

އަދި އެ މައްސަލަތަކުގައި ހިޔާގެ 10 މުވައްޒަފަކަށް ޖެންޑާ މިނިސްޓްރީ އިން އިދާރާ ފިޔަވަޅު އަޅާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.