23 Jan 2012, 00:01
މިއަހަރުގެ ޅެންވެރިންގެ ދުވަހާ ގުޅުވައިގެން ޅެންވެރިންގެ ހަތަރު ޅެން ފޮތެއް ނެރެފި އެވެ. އެ ފޮތްތަކުގެ ތެރޭގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ލިޔުއްވާފައިވާ ޅެން ފޮތެއްގެ ތަރުޖަމާ ވެސް ހިމެނެ އެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިރިޔާ ސްކޫލުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޅެން ފޮތްތައް ނެރެދެއްވީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.
މިރޭ ނެރުނު ފޮތްތަކަކީ ފަތްތޫރައިގެ އެއްވަނަ އަދަދުން ފެށިގެން 25 ވަނަ އަދަދާ ހަމަޔަށް ޝާއިއުކޮށްފައިވާ ޅެންތައް ހިމަނައިގެން ދިވެހިބަހުގެ އެކަޑަމީން ތައްޔާރުކުރި "ޅެންވެރިންގެ ވާދީ" އާއި ލިޔުންތެރީގެ ގުޅުމުގެ ފަރާތުން ތައްޔާރުކޮށްފައިވާ "ޅެންވެރިޔާ" އާއި އަބްދުއް ރަޝީދު ހުސައިން ލިޔުއްވާފައިވާ "މަލަސް" ގެ އިތުރުން އިންޑިއަން ހައިކޮމިޝަނަރު މރ. ނިޔާނޭޝްވަރު މުލޭ ލިޔުއްވާފައިވާ "ފަތިހުގެ އިންޒާރުގެ" ތަރުޖަމާއެކެވެ.
މުލޭގެ ފޮތް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވީ އަބްދުﷲ ސޯދިގު (ސޯދުބެ) އާއި ހަބީބާ ހުސައިން ހަބީބެވެ.
މި ފޮތްތައް ނެރެދެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ ދިވެހި ޅެންވެރިންގެ ހަނދާންތައް އާކުރައްވާ ޅެން ވިދާޅުވެފަ އެވެ. އަދި ޅެންވެރިކަމާއި ޅެންވެރިންގެ މުހިއްމުކަމުގެ މަށްޗަށް އަލިއަޅުއްވައި އެމަނިކުފާނު ވަހަކަފުޅު ދެއްކެވި އެވެ.
ޅެންވެރިންގެ ދުވަހަކީ ޅެންވެރިންގެ ޝާއިރުއްޝަބާބް އިބްރާހިމް ޝިހާބުގެ ހަނދާނުގައި ކޮންމެ އަހަރަކު ޖެނުއަރީ 15 ގައި ސަރުކާރުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.