ސާކް ސަމިޓާ ދިމާކޮށް އައްޑޫ ސިޓީގައި ކުރި ބައެއް މަސައްކަތްތަކަށް ފައިސާ ނުލިބިގެން މީދޫ ގައި ހުންނަ ސިޓީ ކައުންސިލްގެ އެންވަޔަރަންމެންޓް ޑިޕާޓްމަންޓް ކުރިމައްޗަށް އެއްވެ ބަޔަކު މުޒާހަރާ ކުރަމުން އެބަދެ އެވެ.

މީދޫގައި މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުން ދަނީ ސާކް ސަމިޓަށް އައްޑޫގައި މަސައްކަތް ކުރި ޝަޒުމް އިންވެސްޓްމަންޓްގެ ފަރާތުންނެވެ. ގާތްގަނޑަކަށް 100 އެއްހާ މީހުން މުޒާހަރާގައި ބައިވެރިވެއެވެ.

ޝަޒުމް އިންވެސްޓްމަންޓްގެ މެނޭޖިން ޑައިރެކްޓާ އަހުމަދު ޝާތިރު މިރޭ ވިދާޅުވީ އެ ކުންފުނިން ފުރަތަމަ މުޒާހަރާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކަމަށާއި އޭރު މުޒާހަރާ ހުއްޓައިލީ ޑިސެމްބަރު މަހުގެ 31 ގައި ފައިސާ ދޭނެކަމަށް ސިޓީ ކައުންސިލުން ބުނުމުން ކަމަށެވެ.

ޝާތިރު ވިދާޅުވީ އެ މުއްދަތުގައި ވެސް ފައި ނުލިބުމުން މޭޔަރު އަބްދުﷲ ސޯދިގާއި ބައްދަލުކުރުމުން މިމަހުގެ 15ގައި ފައިސާ ދޭނެކަމަށް ވިދާޅުވި ކަމަށެވެ. އަދި ފަހުން ފައިސާ ދޭނެ ކަމަށް ބުނުމަށްފަހު މިއަދު އެޑިޕާޓްމަންޓަށް ދިޔުމުން އެފައިސާ ދެވެން ނެތްކަމަށް އަންގާފައިވާ ކަމަށެވެ.

ޝާތިރު ވިދާޅުވީ މިހާރު ފަށާފައިވާ މުޒާހަރާ، ފައިސާ ނުދެނީސް ހުއްޓާލަން އަދި ގަސްތުނުކުރައްވާ ކަމަށެވެ.

"ކިތައް ދުވަހުތޯ ސިޓީކައުންސިލުން ފައިސާ ދޭނެކަމަށް ބުނެ މުހުލަތުތައްދިނީ. ކޮބައިތޯ ފައިސާ ދެވިފަ. އެހެންވީމަ އަޅުގަނޑުމެން ގަސްތެއް ނުކުރަން ފައިސާ ނުލިބެނީސް މުޒާހަރާ ހުއްޓާލަން،" ޝާތިރު ވިދާޅުވި އެވެ.
އެ ކުންފުންޏަށް ނުލިބިވަނީ މީދޫ ބަނދަރު މަރާމާތުކޮށްގެންނާއި، ވިމްލާ ކޮންސްޓްރަކް ޝަންގެ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ ކުންފުނިން ހަވާލުވެ، ހަދާފައިވާ ސާކް ސަމިޓްގެ ރަސްމީ ފަރިއްކޮޅު ބޭއްވި ތަނުގެ މަސައްކަތްކޮށްގެން އެ ކުންފުންޏަށް ލިބެންޖެހޭ 1.5 މިލިއަން ރުފިޔާ ކަމަށެވެ.

މިކަމާއި ބެހޭގޮތުން އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގާއި ގުޅުމުން ފޯން ނުނަންގަވާތީ ސިޓީ ކައުންސިލްގެ ބަހެއްވަނީ ލިބޭގޮތް ނުވެފަ އެވެ.