ފީފާއިން ހަދާފައިވާ ގާނޫނާއި ގަވާއިދުތަކަށް އަމަލުނުކުރާކަން ސާބިތުވެ، ކޮންފެޑެރޭޝަންސް އޮފް އެފްރިކަން ފުޓްބޯލަ (ކެފް) ގެ ރައީސް އަހްމަދު އަހްމަދު ފުޓުބޯޅައިގެ ހަރަތާތްތަކުން ފަސް އަހަރަށް ސަސްޕެންޑް ކޮށްފި އެވެ.

ފީފާގެ ނައިބު ރައީސްގެ މަގާމުވެސް ފުރަމުން އަންނަ އަހްމަދު، 60، އަށް ކުރެވުނު ބައެއް ތުހުއްމަތުތަކާ އެކު 2017 އާއި 2019 ވަނަ އަހަރާއި ދެމެދު އޭނާ ކެފްގެ ރައީސްކަމުގައި ހުރެގެން ކޮށްފައިވާ އުސޫލުން ބޭރު ބޮޑެތި ކަންތައްތަކެއް ފަޅާ އެރީ މިއަހަރުގެ ތެރޭގަ އެވެ. އޭގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތަކާއި، ނުފޫޒްގެ ބާރުން ފީފާގެ އުސޫލުން ބޭރުން ކަންކަން ކުރުމާއި، ނުހަލާލު ފައިސާ އެކި ގޮތްގޮތުން ހޯދާ ޙަރަދު ކުރުން ހިމެނެ އެވެ.

އަހްމަދުއަށް ކުރެވުނު ފުރަތަމަ ތުހުމަތަކީ މީގެ ދެ އަހަރު ކުރިން ކެފްގެ ފައިސާއިން މައްކާއަށް އުމުރާ ދަތުރެއް ގޮސް، އެ ދަތުރުގެ ހުރިހާ ޙަރަދެއް އެ އިދާރައިގެ ބަޖެޓުގައި ހިމަނައިގެން ކުރުމެވެ. އެކަން ފަޅާ އެރި ހިސާބުން އަހްމަދުގެ މައްސަލަ ފީފާއިން ބަލަން ފަށައި މިހާރު ވަނީ އޭނާއަށް ދޭނެ އަދަބު ކަނޑައަޅައިފަ އެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އަހްމަދު ސަސްޕެންޑްކޮށްފައިވާ އިރު، އޭނާ ވަނީ 2191560.00 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ.

ފީފާއިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިދާރައިގެ ތަހުގީގީ އިދާރާއިން ދިރާސާ ކުރި މައްސަލަ އެޑްޖުޑިޝަރީ ޗޭމްބާއިން ބެލުމަށްފަހު އަހްމަދުއަށް ފިޔަވަޅު އަޅަން ނިންމީ ރަނގަަޅަށް ކަމަށެވެ. އަދި ވޭތުވެ ދިޔަ ތިންއަހަރުގެ ތެރޭގައި އޭނާ ހުރި މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާކަން ސާބިތު ހެއްކާ އެކު ލިބިފައިވާކަމަށާއި، އެކަމުގެ އަދަބު އޭނާއަށް ލިބޭނެ ކަމަށެވެ.

އަހްމަދުއަށް ފީފާއިން އަޅާފައިވާ ސަސްޕެންޝަނާ އެކު އޭނާއަށް ކެފްގެ ރައީސްގެ މަގާމު ގެއްލޭނެ އެވެ.