22 Jan 2012, 22:00
ދިއެފްއެމްގެ މޯނިން އެޑިޝަން ޕްރޮގްރާމްގައި ހުތުރު ބަހުން ވާހަކަ ދެއްކި މީހާގެ މައްސަލަ ތަހުގީގު ކުރުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.
ސިޔާސީ އެކި މައުލޫތަކަށް އާންމުގެ ހިޔާލު ފާޅުކުރާ އެ ޕްރޮގްރާމްގައި ބައިވެރިޔަކު ތިން ފަހަރެއްގެ މަތިން ހުތުރު ބަހުން ވަނީ އޮން އެއާގައި ހުތުރު ބަހުން ވާހަކަ ދައްކައިފަ އެވެ. އެ މައްސަލަ ތަހުގީގުކުރުމަށް ދިއެފްއެމް އިން ވެސް ވަނީ ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ފުލުހުންނަށް މިއަދު ފޮނުވި ސިޓީގައި ބުނަނީ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހު އެ ޕްރޮގްރާމުގައި މީހަކު ވާހަކަ ދައްކާފައި ވާތީ އެ މީހާގެ މައްސަލަ ބަލައި ނިންމެވި ގޮތެއް އެ ކޮމިޝަނަށް އަންގަވައި ދެއްވުމަށެވެ.
"ހަމަޖެހިފައި އޮންނަ އުސޫލުން މި މައްސަލަ ތަހުގީގުކޮށްދެއްވައި، ނިންމެވި ގޮތެއް ކޮމިޝަނަށް އަންގަވައިދެއްވުމުން އެދެމެވެ،" އެ ސިޓީގައިވެ އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ފަދަ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު ނޭޅިއްޖެ ނަމަ، ސިޔާސީ ނުވަތަ އެ ނޫން ވެސް ޒާތީ ބައެއް މަގުސަދުތައް ހާސިލްކުރުމަށް ބްރޯޑްކާސްޓް މީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ތަކުރާރުވެދާނެތީ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ދިއެފްއެމްގެ މޯނިން އެޑިޝަން ޕްރޮގްރާމް ވަނީ ހުއްޓާލައިފަ އެވެ. އެ ޕްރޮގްރާމް، ދިއެފްއެމް އިން ހުއްޓާލީ، ރަނގަޅަށް ނުބެލޭ ނަމަ ޕްރޮގްރާމް ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމުންނެވެ.