24 Nov 2020, 09:24
ޔޫއެފާ ޗެމްޕިއަންސް ލީގުގައު މިރޭ ޑައިނަމޯ ކިއެވްއާ ދެކޮޅަށް ކުޅެން އޮތް މެޗުން ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބާކީ ކޮށްފި އެވެ.
ނިމިގެން ދިޔަ ސީޒަނަށްފަހު ކުލަބު ދޫކޮށްލަން ބޭނުންވާ ކަން އެންގުމަށްފަހު ވެސް ފަހު ވަގުތު އެކަން ބާސެލޯނާއިން ކޮށް ނުދިނުމުން މެސީ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭނާގެ ނިންމުން އިތުރަށް ބަދަލު ނުވާނެ ކަމަށާއި، މިއީ އޭނާ އެކުލަބުގައި ކުޅޭ ފަހު ސީޒަން ކަމަށް ވެސް ވަނީ އޭރު ބުނެފަ އެވެ. އެ ނުތަނަވަސްކަމުގައި އޮވެ މެސީ ބާސެލޯނާގެ ކެޕްޓަން ކަމުގައި އައު ސީޒަން ފެށި އިރު، އޭނާއަށް މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.
ލީގުގައި މިވަގުތު 10 ވަނައިގައި އޮތް ބާސެލޯނާއަށް މެސީ މި ސީޒަނުގައި މިހާތަނަށް ކުޅުނު އަށް މެޗުގައި ވެސް ކުޅުމުގެ ތެރެއިން ޖެހުނީ އެންމެ ގޯލެކެވެ. ބާކީ ހުރިހާ ގޯލެއް ޕެނަލްޓީތަކުން ޖެހި އިރު ލީގުގައި މިހާތަނަށް މެސީއަށް އެސިސްޓެއް ވެސް މި ސީޒަނުގައި ނުދެވެ އެވެ. އަދި އެހެންމެ ޗެމްޕިއަންސް ލީގުގައި ވެސް ޖެހި ތިން ގޯލަކީ ވެސް މެސީ ޕެނަލްޓީން ޖެހި ތިން ގޯލެވެ.
މެސީގެ ކުޅުމަށް އައި ބަދަލުތަކާ އެކު، އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަންއަށް ގިނަބަޔަކު ފާޑުކިޔުންތައް އަމާޒުކޮށް އޭނާއާ އެކު މެސީ އޮތް ގުޅުން ރަނގަޅު ނޫންކަމަށް ވަނީ ވާހަކަތަކެއް ފެތުރިފަ އެވެ. އެހެން ނަމަވެސް މެސީއާ ދެމެދު އޮތް ގުޅުން ރަނގަޅު ކަމަށާއި، މެސީއަށް މިވަގުތު ރެސްޓް ދޭން ޖެހޭ ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.
އެއާ އެކު މިރޭ ޗެމްޕިއަންސް ލީގުގެ ސްކޮޑުގައި މެސީ ހިމަނާފައި ނުވާ އިރު، ކޫމަން ބުނީ ޗެމްޕިއަންސް ލީގުގެ ހުރިހާ މެޗެއް މިހާތަނަށް ކާމިޔާބުވެފައި ވުމުން މިރޭގެ މެޗަކީ ރިސްކް ބޮޑު މެޗެއް ނޫން ކަމަށެވެ. އެހެން ކަމުން މެސީއާއި އެ ޓީމުގެ މުހިއްމު މިޑްފީލްޑަރު ފްރެންކީ ޑެޔޮންގް މިރޭގެ މެޗުގައި ނުކުޅޭނެ ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.
"މެސީއާ އެކު ފްރެންކީ ވެސް މެޗު ކުޅެން ދަތުރު ކޮށްފައެއް ނުވޭ. އެ ދެކުޅުންތެރިންނަށް ވެސް ރެސްޓް ބޭނުންވޭ. އަދި ޗެމްޕިއަންސް ލީގުގައި ނުވަ ޕޮއިންޓް އޮތުމުން މިރޭގެ މެޗަކީ ބޮޑު ރިސްކެއް އޮތް މެޗެއް ކަމަށް ނުބެލެވޭ،" ކޫމަން ބުންޏެވެ.
ބާސެލޯނާގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް މިވަގުތު އަނިޔާގައި ތިބި އިރު ޑިފެންޑަރުންގެ ދަތިކަން ކޫމަންއަށް ވަނީ ކުރިމަތިވެފަ އެވެ. އެ ޓީމުގެ ހަތަރު ޑިފެންޑަރަކު އަނިޔާގައި ހުރި އިރު، މެދުތެރެއަށް ކުޅެމުން އަންނަ ސާޖިއޯ ބުސްކެޓްއާއި، ފޯވާޑް އަންސޫ ފާޓީ ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.