23 Nov 2020, 21:57
ކޮވިޑް19 އަށް މިއަދު ރާއްޖެއިން 150 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 1،717 ސާމްޕަލްގެ ތެރެއިން 150 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއީ ފާއިތުވި މަހަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި، އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވީ ދުވަހެވެ.
އޭގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 92 ބިދޭސީންނެވެ. މިއަދު ގިނަ ކޭސްތައް ފެނިފައި ވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން އަތޮޅުތެރެއިން 88 މީހަކު ފެނުނު އިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވީ 62 މީހުންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 12،758 އަށް އަރައިފައެވެ. އަދި މިހާތަނަށް ރާއްޖެއިން 11،615 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު، އެކްޓިވް ކޭސްތައް ވަނީ ހާހުން މައްޗަށް އަރައިފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައިތިބި 1،090 މީހުންން އެބަތިއްބެވެ.
މިބަލީގައި ރާއްޖެއިން މިހާތަނަށް 46 މީހަކު ވަނީ މަރުވެފަ އެވެ.