ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލަ ފާހެއް ނުވި އެވެ.

އިމްރާނުގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅުން 11 މެމްބަރުން ސޮއިކޮށް ހުށަހެޅި އެ މައްސާގައި އިމްރާނުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީވެސް 11 މެމްބަރުންނެވެ. އިތުބާރު އޮތް ކަމަށް 53 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕީޕީއެމުން ހުށަހެޅީ ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އޭނާ ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. އިމްރާން ވިދާޅުވެފައި ވަނީ ސަފާރީގައި ހިނގީ ރޭޕް ނޫން ކަމަށާއި އެއީ ވަރަށް ކުޑަ ކަމެއް ކަމަށެވެ.

އެމައްސަލާގައި ޖަވާބު ދާރީވަމުން އިމްރާން މިއަދު މަޖިލީހުގައި ވިދާޅުވީ ސިޔާސީ ފިއްތުންތަކުގެ ސަބަބުން ގައިދީއަކު މިނިވަން ކުރުމުގެ މޭސްތިރިއަކަށް ނުވާނެ ކަމަށެވެ.

"ސިޔާސީ ގޮތުން ކުރިމަތި ކުުރާ މިފަދަ ފިއްތުންތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަ މީހަކު ނެރެ ދިނުމުގެ މޭސްތިރިއަކަށް އަޅުގަނޑު ނުވާނަން،"އިދިކޮޅު ސިޔާސީ ލީޑަރަށް ނިސްބަތްކޮށް ނުސީދާކޮށް ރައްދު ދެއްވައި އިމްރާން ވިދާޅުވިއެވެ.

"11 މެމްބަރުން ސޮއިކޮށް އަޅުގަނޑާ ދެކޮޅަށް ހުށަހެޅި މައްސަލަ ގުޅެނީ، ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމް ކުރަން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަޅުގަނޑު އަދާކޮށްފައިވާ ދައުރާ މެދު."

އިމްރާން ވާހަކައިގައި އޭނާ ވަނީ ވަރަށް ބޮޑަށް މިދިޔަ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެދުވަސްތައް މާޒީވެ ހިނގައްޖެ ކަން އޭނާ އިދިކޮޅު މެމްބަރުންނަށް ހާދާން ކޮށްދިނެވެ.