ކޮންމެ މީހަކު އެދުނު ނަމަވެސް އުއްތަމަ ފަނޑިޔާރު ވަގުތު ދެއްވާނެ ކަމަށް ޖުޑީޝަރީގެ މިޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓުން ބުނެފި އެވެ.

ޖުޑީޝަރީގައި އަލަށް އުފެއްދި މީޑިޔާ ޔުނިޓްގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް ވިދާޅުވީ ކޮންމެ މީހަކު އެދުނު ނަމަވެސް އުއްތަމަ ފަނޑިޔާރު އެޕޮއިންޓްމެންޓް ދެއްވާނެ ކަމަށާއި ޝަރުއީ ދާއިރާގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ވަގުތު ދެވެން އޮތް ވަރަކަށް އެންމެނަށް އެ މަނިކުފާނު ފުރުސަތު ދެއްވާ ކަމަށެވެ. އެޕޮއިންޓްމެންޓް ދެއްވުމުގައި އެއްވެސް ފަރާތަކަށް ތަފާތު ކުރުމެއް އުއްތަމަ ފަނޑިޔާރު ނުގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެޕޮއިންޓްމެންޓަށް އެދޭފަރާތްތަކަށް މަސައްކަތްތަކާއި ވަގުތު ހަމަޖެހިފައި އޮންނަ ގޮތަކުން ތަފާތެއް ކުރުމެއްނެތި އުއްތަމަ ފަނޑިޔާރު ވަގުތު ދެއްވަމުން ގެންދަވާނެ،" ލަތީފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ ތެރެއިން ޝަރުއީ ދާއިރާގެ ކަންތައްތަކާއި މެދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ޖުޑިޝަރީގައި އަލަށް އެކުލަވައިލި މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓާ ބެހޭ ގޮތުން ލަތީފާ ވިދާޅުވީ އެ
ޔުނިޓާއެކު ޝަރުއީ ދާއިރާއާބެހޭ މައުލޫމާތު ފަސޭހަ ކަމާއެކު މީޑިއާ އަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ