22 Jan 2012, 20:46
ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަކީ ސިފައިންނާއި ފުލުހުންނަށް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމެއް ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބުނެފި އެވެ.
ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރުންގެ ޝަކުވާތައް ބަލާ އަޅަންޖެހޭ ފިޔަވަޅު އެޅުމާއި މަގާމުން ވަކި ކުރަންޖެހޭ މީހުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅަކީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) އާއި ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ކޮމިޝަންގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
"އެއީ ދިވެހި ސިފައިންނާއި ފުލުހުންނަށް މިދެންންވި ގާނޫނީ އަސާސްތަކުގެ މައްޗަށް ބުރަވާއިރު ގާނޫނީ އެއްވެސް ހައިސިއްޔަތަކުން ބާރުލިބިދީފައިވާ ކަމެއް ނޫނެވެ،" ޖޭއެސްސީން މިއަދު އާންމު ކުރި ހަބަރަށް ދޭ މައުލޫމާތު ކަރުދާހުގައި ވެއެވެ.
ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތައް ތަހުގީގު ކުރުމަށްފަހު ގާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރުވުމުގެ ގޮތުން ތަހުގީގު ރިޕޯޓް ހަވާލުކޮށް ގާނޫނު ބުނާ 30 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ އަބްދުﷲ މުހައްމަދު ސިވިލް ކޯޓަށް ހުށަހަޅައި އެކޯޓުން ވަކި ގޮތެއް ނިންމަންދެން މައްސަލަ ކުރިޔަށް ނުގެންދިއުމަށް ޖޭއެސްސީއަށް އަމުރު ކޮށްފައިވާ ކަމަށެވެ.
ސިވިލް ކޯޓަށް އެގޮތަށް ނިންމޭނެ ކަމަށް ކޮމިޝަނަށް ގަބޫލު ނުކުރެވޭތީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެއީ ހައިކޯޓަށް ހުށަހަޅަންޖެހޭ މައްސަލަ އެއް ކަމަށް ކުރި އަމުރާއެކު މައްސަލަ ހައިކޯޓަށް ހުށަހަޅަން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުންނާ ބެހޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި އަވަހަށް ފިޔަވަޅު އަޅަން ކޮމިޝަން މަސައްކަތް ކުރާ ކަމަށާއި އެފަދަ ޝަކުވާތައް ބެލުމަށް ކޮންމެ ހަފުތާއެއްގެ ބުދަ ދުވަސް ހާއްސަ ކޮށްފައިވާ ކަމަށެވެ.
ކޮމިޝަނަށް ހުށަހަޅާފައިވާ 336 ޝަކުވާގެ ތެރެއިން 208 ޝަކުވާ ބަލައި ނިންމާފައިވާ ކަމަށާއި ނުނިމިއޮތް 128 ޝަކުވަ ނިންމަން ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް ވެސް ބުންޏެވެ.
އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްޗަށް އަޅަން ނިންމާފައިވާ ފިޔަވަޅު އަވަހަށް ތަންފީޒުކޮށްދެއްވުމަށް އެދި ރައީސުލް ޖުމްހޫރިއްޔާ ވަނީ ކޮމިޝަނަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ.